އެހެން ދުވަސްތަކާއި އަޅާބަލާއިރު މިއަދު މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވަރަށް ތިޔާގިކަން ފާހަގަކުރެވެ އެވެ. އަދި ރޯދަމަސް ފެށުނުއިރު އަގުބޮޑުކޮށް ލިބެންހުރި ބައެއް ތަކެތީގެ އަގުތައްވެސް މިހާރު ހެޔޮވެފައިވާކަން ފާހަގަކުރެވެއެވެ.

ރޯދަމަހުގެ 15 ދުވަސް ނިމުގެންދިޔައިރު މިއަދު މާރުކޭޓުގައި އެންމެ ގިނައިން ލިބެންހުރީ ކަރާއެވެ. މިއަދު ދަތުރުވެރިންގެ މާރުކޭޓުގެ ގިނަ ގޮޅިތަކުގައި ކަރާ ކިލޯއެއް ވިއްކަނީ 20 ރުފިޔާއަށެވެ. ކިލޯއަކަށްވުރެ ގިނައިން ނަގާނަމަ 20 ރުފިޔާއަށް ވުރެންވެސް އަގު ހެޔޮކޮށް ބައެއް ގޮޅިތަކުން ކަރާ ވިއްކާކަންވެސް ފާހަގަކުރެވެއެވެ.

މިރޯދަމަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި 40 ރުފިޔާއާއި 45 ރުފިޔާއާއި ދެމެދުގެ އަގުތަކުގައިވެސް ކަރާ ވިއްކިއެވެ. އަދި ފަހުން ވަނީ ކަރާގެ އަގު 30 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައިވެސް ވިއްކާފައެވެ. މިހާރު ކަރާގެ އަގު 20 ރުފިޔާއަށް ތިރިވެފައި މިވަނީ ދަތިތަކެއްނެތި ކަރާ ލިބޭތީކަމަށް މާރުކޭޓުގެ ގޮޅިތަކުގައި ވިޔަފާރިކުރާ މީހުން ބުނެއެވެ.

ރޯދަމަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކާފައިވަނީ 1000 ރުފިޔާއާއި 1200 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އެހެންނަމަވެސް މިހާރު ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކަނީ 750 ރުފިޔާއާއި 650 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް 100 ގްރާމް ވިއްކީ 100 ރުފިޔާއަށެވެ. ނަމަވެސް މިހާރު މާރުކޭޓުގައި ކަނޑޫދޫ މިރުސް 100 ގްރާމް 45 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

މާރުކޭޓުގައި ލެޓިއުސް ފަތް ކިލޯއެއް މިއަދު 75 ރުފިޔާއާއި 80 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ލިބެން އެބަ ހުއްޓެވެ. ރޯދަމަސް ފެށުނުއިރު، ލެޓިއުސް ކިލޯއެއް ވިއްކާފައިވަނީ 150 ރުފިޔާއާއި 120 ރުފިޔާއާއި ދެމެދުގެ އަގުތަކުގައެވެ.

މާރުކޭޓޫގައި ޓޮމާޓޯ ކިލޯއެއް ލިބެންހުރީ 40 ރުފިޔާއާއި 45 ރުފިޔާއާއި ދެމެދުގެ އަގުތަކުގައެވެ. އަދި ބަރަބޯ ކިލޯއެއްގެ އަގު އުޅެނީ 25 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގެ އަގުތަކުގައެވެ.

ކިއުކަމްބާ ކިލޯއެއް 20 ރުފިޔާއާއި 30 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ލިބެން ހުރިއިރު ލުނބޯ ކިލޯއެއް ލިބެންހުރީ 35 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގެ އަގުތަކުގައެވެ.

މާރުކޭޓުގައި ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގުތައް ހުރިގޮތަށް ބަލާލާއިރު 3 ފަތުގެ ކޮޕީފަތް ބޮނޑިއެއް މިއަދު ލިބެންހުރީ 10 ރުފިޔާއަށެވެ. އަދި ކުއްޅަފިލާފަތް ބޮނޑިއެއް ވިއްކަނީ 10 ރުފިޔާއަށެވެ.

މީގެއިތުރުން މާރުކޭޓުގައި ފަޅޯ ކިލޯއެއް 30 ރުފިޔާއަށް ލިބެންހުރިއިރު ޕެޝަންފުރުޓް ކިލޯއެއް ލިބެންހުރީ 85 ރުފިޔާއަށެވެ. ފޭރު ކިލޯއެއްގެ އަގު އުޅެނީ 70 ރުފިޔާއާއި 60 ރުފިޔާއާއި ދެމެދުގެ އަގުތަކުގައެވެ.

އަނބު ކިލޯއެއް 70 ރުފިޔާއާއި 90 ރުފިޔާއާއި ދެމެދުގެ އަގުތަކުގައި ހުރިއިރު އަލަނާސި ގަނޑެއް ލިބެންހުރީ 30 ރުފިޔާއާއި 45 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެއިތުރުން މާރުކޭޓުގައި ދޮންކެޔޮ ވަކެއް ވިއްކަނީ 4 ރުފިޔާއާއި 6 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

މިއަހަރުގެ ރޯދަމަސް ދެބައިވީއިރު، ބާޒާރުގެ އަގުތައް އާންމު ގޮތެއްގައި އެއްވަރެއްގައި ހުރި ނަމަވެސް، ކުރިން އަގު ބޮޑުކޮށް ވިއްކި ބައެއް ތަކެތި ވަރަށް ބޮޑުތަނުން މިހާރުވަނީ އަގުހެޔޮ ވެފައިކަން ފާހަގަކުރެވެއެވެ.