މީހަކު ކުރާ ކުށެއްގެ ސަބަބުން ޖަލުގައި ބަންދުކުރަން ޖެހުމަކީ އުނގެނުމާއި، ދަސްކުރުމާއި، ހުނަރުވެރިކަމުން މަހްރޫމުވާންޖެހޭ ސަބަބެއް ނޫން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ މީހަކު ޖަލުގައި ހޭދަކުރަންޖެހޭ ވަގުތަކީ އެވަގުތު ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދެވިއްޖެނަމަ އުނގެނުމާއި ދަސްކުރުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ވިސްނުމަށް ހެޔޮބަދަލު ގެނައުން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަލުތަކާ ހަވާލުވެ ތިބޭ މީހުންގެ ވިސްނުމާއި، ޖަލުތަކުގައި ބަންދުކުރެވޭ ގައިދީންގެ ވިސްނުމަށްވެސް ހެޔޮބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި މިބަދަލު ގެންނަން ފެށޭ ހިސާބަކީ އިތުރު މައުލޫމާތާއި، އިލްމު ލިބިގަތުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިތުރު އިލްމާއި މައުލޫމާތު ލިބިގަތުމުގެ އެންމެ މުހިއްމު ވަސީލަތަކީ ފޮތް ކިޔުން ކަމަށެވެ. އެހެންކަމުން ގައިދީންނަށް ފޮތްކިޔުމުގެ ފުރުސަތު އިތުރަށް ތަނަވަސްކޮށްދިނުމަކީ ޖަލަށް ހެޔޮ ބަދަލު ގެނައުމުގެ މުހިއްމު ފިޔަވަޅެއް ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކަރެކްޝަންގެ އޮފިސަރުންނާއި، ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ދެއްވާ އެހީތެރިކަން އެއްބާރުލުން ފާހަގަކުރައްވާ އެ ހުރިހާ ބޭފުޅުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.