މަޖީދިއްޔާ ސްކޫލުގެ ތާރީޚުގެ ތެރެއަށް ފީނާ ހަމަކޮންމެ މީހަކަށް އެއްކަމެއް ޔަގީންވާނެއެވެ. ސްކޫލުގެ ބާނީއަކީ ކާކުކަމެވެ. ސްކޫލުގެ ނަން އެބޭފުޅަކަށް ނިސްބަތްކުރެވޭ އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަކީ ސްކޫލުގެ ބާނީއެއް ނޫނެވެ. ބާނީއަކީ ފަޟީލަތުއްޝައިޚު ހުސައިން ސަލާހުއްދީނެވެ. އެހެންވީއިރު ހަގީގީ ބާނީގެ ނަމަށް ނިސްބަތްނުކޮށް ހައްގުނޫން މީހެއްގެ ނަމަށް ސްކޫލުގެ ނަން ނިސްބަތްކުރެވިފައިވަނީ ކީއްވެގެންބާވައެވެ. ވަރަށް ޝައުގުވެރިކުރަނިވި ސުވާލެކެވެ. ޖަވާބުގައި ދައްކާންޖެހޭ ވާހަކަތައްވެސް ވަރަށް ގިނަ ސުވާލެކެވެ.

މަޖީދިއްޔާ ސްކޫލުގެ ފެށުމަކީ 1914 ވަނަ އަހަރުގެ ތެރޭގައި މާފަންނު ދެކުނުގޭގައި ހުސައިން ސަލާހުއްދީން ފެއްޓެވި ކުލާހެވެ. އެ ކުލާސް ދެން ބަދަލުވީ މަދަރުސަތުލް ސަލާހިއްޔާއަކަށެވެ. މިނަމުގައި ހިންގަމުން އަންނަތާ ތޭރަސާދަ އަހަރުވީފަހުން ފަނޑިޔާރުގޭ ގޯތިތެރޭގައި މަދަރުސާ ހިންގަން ސަރުކާރުން އަންގަވައިފިއެވެ. ހުއްޖަތަކީ ސަރުކާރުން ފުރިހަމަޔަށް ޒިންމާވާ ސަރުކާރުގެ މަދަރުސާއަކަށް ހެދުމެވެ. މިގޮތުން ފަނޑިޔާރުގޭގެ ފެންޑާއަކަށް މަދަރުސާ ބަދަލުވީ 19 އެޕްރީލް 1927 ގައެވެ. މަޖީދިއްޔާގެ އުފަންދުވަހަކަށް ރަސްމީގޮތުން ބަލަނީ އެ ތާރީޚެވެ.

އިމާރާތް ބަދަލުވިޔަސް ކިޔަވާކުދިން ބަދަލެއްނުވެއެވެ. ޕްރިންސިޕަލާއި މުދައްރިސުން ބަދަލެއް ނުވެއެވެ. ނަންވެސް ބަދަލެއް ނުވެއެވެ. ޕްރިންސިޕަލަކީ ސަލާހުއްދީނެވެ. ނަމަކީ ސަލާހިއްޔާއެވެ. ފަނޑިޔާރުގެއަށް ބަދަލުކުރުމަށްފަހުވެސް އެއްއަހަރުވާންދެން ހިންގީ ސަލާހިއްޔާގެ ނަމުގަައެވެ. ނަން ބަދަލުވީ ބޮޑުވަޒީރަކަށް ހުންނެވި އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ސަލާހިއްޔާގެ ނަން ގޯސްވި ހިސާބުންނެވެ.

ފަނޑިޔާރުގޭ ގޯތިތެރޭގައި މަދަރުސާ ހިންގާތާ އަހަރެއްހައިދުވަސް ފަހުން އަބްދުލްމަޖީދު އެއްދުވަހަކު ވިދާޅުވެއްޖެއެވެ. ނަން އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. ތިޔައީ ދައުލަތުން ޚަރަދުކުރާ އަދި ބަލަހައްޓާ ދައުލަތުގެ މަދަރުސާއެކެވެ. އެހެންވީމާ އެއްވެސްމީހެއްގެ ނަމަށް ނިސްބަތްކުރެވިގެން ނުވާނެއެވެ. މަދަރުސާ އުފެއްދި ބާނީކަމަށްވިޔަސް އަދި ދައުލަތް ހިންގަވާން ހުންނަވާ ރަސްކަލެއް ނުވަތަ ބޮޑުވަޒީރަކަށްވިޔަސް އިސްތިސްނާވުމެއް ނެތެވެ. ތަނުގެ ނަން ވާންޖެހޭނީ ވަކި މީހަކަށް ނިސްބަތް ނުކުރެވޭ ނަމަކަށެވެ. ކޮންމެއަކަސް އަބްދުލްމަޖީދަށް މިގޮތް ފެނިވަޑައިގެން މިނޫން އެހެންއެއްވެސް ގޮތެއް ރަގަޅުނޫންކަމަށް ނިންމެވީމާ 1928 ވަނަ އަހަރު މަދަރުސަތުލް ސަނިއްޔާގެ ނަމަށް ބަދަލުކޮށްފިއެވެ.

ސަނިއްޔާގެ ނަމުގައި ހިންގަމުން އަންނަތާ ވިހި އަހަރު ފަހުން ކޮން ސަނިއްޔާއެއްހޭ ވިދާޅުވެފައި އަތިރީގޭ މުހައްމަދު އަމީނު އަނެއްކާވެސް ނަން ބަދަލުކުރައްވައިފިއެވެ. އާނަމަކީ މަދަރުސަތުލް މަޖީދިއްޔާއެވެ. މުހައްމަދު އަމީނު މިބަދަލެއް ގެންނެވިއިރު އަބްދުލްމަޖީދު ހަމަގަދަވެ ސަލާމަތުން ދުނިޔޭގައި ހުންނެވިއެވެ. ދިވެހި ތަޚުތަށް އިންތިޚާބުކުރެވިފައިވާ މާތްވެރިޔާގެ އިއްޒަތާއި ޝަރަފުގައެވެ. އެކަމަކު މިފަހަރު ނަން ގޯހެއް ނުވިއެވެ. ނަން ގޯސްވެގެން އިއުތިރާޒެއް ނުކުރެއްވިއެވެ. ދައުލަތުގެ މަދަރުސާޔަކަށް މީހެއްގެ ނަން ކިޔައިގެން ނުވާނެއޭ އެއީ ބޮޑުވެގެންވާ ގޯހެކޭ ވިދާޅުވެ ވަކާލާތު ކުރެއްވި އަބްދުލްމަޖީދުގެ އަމިއްލަ ނަންފުޅަށް މަދަރުސާ ނިސްބަތްކުރެވުނީމާ އެކަން ބަރާބަރުވެސް ވެއްޖެއެވެ. މުހައްމަދު ކޮއްކޮ ނިންމަވާނީ ރަގަޅަށޭ ވިދާޅުވެ ތާއީދުވެސް ކުރައްވައިފިއެވެ.

މަދަރުސާތަކަށް ނަންކިޔުމުގައި ދިވެހިން މިހާރުވެސް ކުރިއަށްދަނީ އަބްދުލްމަޖީދު ދެއްކެވި މަގުންކަމަށް ގަބޫލުކުރެވެއެވެ. އަބްދުލްމަޖީދަށްވެސް ގޯސްވީ ސަލާހުއްދީނުގެ ނަމެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ނަން ބަރާބަރެވެ. މިޒަމާނުގައި ކަންކަންކުރާންތިބި މީހުންނަށްވެސް ގޯސްވަނީ ސަލާހުއްދީނުގެ ނަމެވެ. އެހެންހުރިހާ ނަމެއް ބަރާބަރެވެ. ރަދުންނަކީ ރޫހާނީ ބާރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނޭ ވިދާޅުވިކަމަށްޓަކައި ފަނޑިޔާރުތަކުރުފާނު ހިމަރޯނުން ބަންނަވައި ތަޅުއްވައި އަނިޔާކުރެއްވި ރަސްގެފާނުގެ ނަންވެސް މަދަރުސާއަކަށް އެހެރީ ދީފައެވެ. ކޮއްކޯފުޅުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުއްވައި އަދި މަރުއްވާފައި ރަސްކަން އަތުލެއްވި ކަމަނާގެ ނަންވެސް ވަރަށް ފައްކަލެވެ. އެނަމުގައި އެހެރީވެސް މަދަރުސާއެކެވެ.

ހުރިހާ ވައްތަރެއްގެ މީހުންގެ ނަންވެސް މަދުރަސާތަކުގެ ނަންބޯޑުން އެބަފެނެއެވެ. އެކަމަކު ދިވެހިރާއްޖޭގެ ތައުލީމުގެ ބަފާކަމަށް އެންމެންވެސް އިއްތިފާގުވާ ސަލާހުއްދީނުގެ ނަމުގައި މަދަރުސާއެއް މަކުތަބެއް ނެތެވެ. މިއީދެން އަރަތެކެވެ. ތަނަކަށް ނަން ދޭންވީމާ ބަފާ ހަނދާނެއް ނުހުރެއެވެ. ތަން ހުޅުވައި ތަގުރީރުދޭންވީމާ ހަނދާން އާވެއެެވެ. ދެންވެސް ކުށްވެރިވާނީ މިވެރިން ބޮއިއުޅެނީ ކޮންކަހަލަ ސަރުބަތެއްހޭ އަހައި ސުވާލު ކުރާމީހާއެވެ.