ރާއްޖޭގެ ހަތަރު ރަށެއްގެ މަގުހެދުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލު ކޮށްފި އެެވެ.

މި އެއްބަސްވުންތަކުގައި އެމްޓީސީސީ އާއެކު ޕްލޭނިންގ މިނިސްޓްރީ ސޮއިކޮށްފައި ވަނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ އައިމިނަތު ޝާލާ ފާރޫގެވެ.

މި އެއްބަސްވުންތަތަކުގެ ދަށުން މަގުހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހދ ހަނިމާދޫ، ރ ދުވާފަރު، ރ އުނގޫފާރު ގެ އިތުރުން ލ ފޮނަދޫގައެވެ.

މި ހަތަރު ރަށުގެ ވެސް ބޮޑެތި މަގުތަކުގައި ތާރުއަޅާ ރަގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ހދ ހަނިމާދޫ މަގުތަށް ހެދުމުގެ މަސައްކަތަށް 46 މިލިޔަން ، ރ ދުވަފަރު މަގުތަށް ހެދުމަށް 28 މިލިޔަން، ރ އުނގޫފާރު މަގު ހެދުމަށް 19 މިލިޔަން، ލ ފޮނަދޫ މަގުތަށް ހެދުމަށް 25 މިލިޔަން ރުފިޔާ ހަރަދު ވެއެވެ.

މި ހަތަރު ރަށުގެ މަގު ހެދުމުގެ މަސައްކަތް ވެސް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝާލާ ވިދާޅުވީ، މީގެ ކުރިން މި މަޝްރޫއުތަށް ކުރީގެ ސަރުކާރުގައި ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ކަމަށެވެ.

ޝާލާ ވިދާޅުވީ އަލުން އެ މަސައްކަތް އެމްޓީސީސީއާ އާ ޕްރެޖެކްޓެއް ގޮތުގައި ހަވާލުކުރީ އެމްއާރްޑީސީ އާއި އެ މަސައްކަތް ހަވާލުކޮށްފައިވާއިރު މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވިފައިނުވާތީ ކަމަށެވެ.

އެގޮތުން އެމްއާރްޑީސީއަށް ކުރެވިފައި ހުރި މަސައްކަތަކީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތް ކަމަށާއި ތާރު އެޅުމުގެ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ. އަދި ހަތަރު ރަށުގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ އެކަން ކުރުމުގެ ގާބިލްކަން އެމްޓީސީސީގައި ހުރުމުން ކަމަށްވެސް ޝާލާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވި އެކުންފުނީގެ ސީއީއޯ ޝާހު ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތަށް ހުރިހާ ރަށެއްގެ މަސައްކަތް ނިންމާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.