މިދިޔަމަހު ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރިފަހުން އިންޑޮނޭޝިއާގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގައި މިއަދު ހަ މީހުން މަރުވެ 200 މީހުން ޒަހަމްވެއްޖެ އެވެ.

އިންޑޮނޭޝިއާގައި މިދިޔަ މަހު ބޭއްވި އިންތިހާބު 55 އިންސައްތަ ވޯޓުން ކާމިޔާބުކުރައްވާ ރައީސްކަމުގެ އާ ދައުރަކަށް މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ (ޖޮކޮވީ) އިންތިހާބުވިކަން ޔަގީންވުމާއިއެކު އަނެއްކާވެސް އިންޑޮނޭޝިއާގައި ވަނީ ހަމަނުޖެހުުންތައް އިތުރުވެފައެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާނުކޮށްފައިވާއިރު އިންޑޮނޭޝީއާގެ މަގުތަކަށް އެއްވެ މުޒާހަރާކުރަމުންދާ މީހުންގެތެރޭގައި ގިނައީ ޖޮކޮވީ އާއި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ އަސްކަރީ ޖެނެރަލް އެއްކަމުގައިވާ ޕްރަބޯވޯ ސުބިއަންޓޯގެ ސަޕޯޓަރުންކަމަށް އެކައުމުގެ މީޑިއާތަކުން ހަބަރުދެއެވެ.

ސުބިއަންޓޯގެ ސަޕޯޓަރުން އަންނަނީ އިންތިހާބު ނިމުނުފަހުން ޖަކާޓާގެ ބޮޑެތި މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާގޮތުގައި އިންތިިހާބުގެ ކުރިންނާއި އިތިހާބުގެ ތެރޭގައިވެސް ވަނީ މަކަރުހަދާފައެވެ. އަދި ނަތީޖާ އޮޅުވާލާފައެވެ.

މުޒާހަރާގެ ބައިވެރިން މައިތިރި ކުރުމަށްޓަކާއި ވެރިރަށް ޖަކާޓާގައި 20،000 އަށްވުރެ ގިނަ ފުލުހުން މަގުތަކަށް ނެރެފައިވާއިރު ބޮޑެތި މަގުތަކާއި އާންމު ދަތުރުފަތުރަށް މައިގަނޑުގޮތެއްގައި ބޭނުންކުރާ މަގުތައްވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

އިންތިހާބުގެ ކަންކަން ބެލެއްޓި އިދާރާގެ ބޭރުގައި އެތައްހާސް ބަޔަކު މިއަދު ހެނދުނުންފެށިގެން މުޒާހަރާކުރަންފެށިކަމަށާއި، އެހެންނަމަވެސް މިހާރު ފުލުހުންވަނީ އެ އޮފީސް ހުންނަ ސަރަހައްދަށް ނުވަދެވޭހެން "ބަރު ސިމެންތި ބެރިކޭޑް" ތަކާއި ނަރު ދަމައިގެން އެ ސަރަހައްދު ބަންދުކޮށްފައެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވަނީ ރައީސްކަމަށް ކޮންމެ މީހަކު އިންތިހާބުވިޔަސް މައްސަލައެއް ނެތް ކަމަށާއި، މައްސަލައަކީ އިންތިހާބުގައި މަކަރުހަދާ އޮޅުވާލުން ކަމަށެވެ. އޮންޑިނޭޝިއާގައި ހަމަނުޖެހުންތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އެގައުމުގައި ވަނީ ޝޯޝަލް މީޑިއާގެ ބައެއް އެފްލިކޭޝަންތައްވެސް މަނާކޮށްފައެވެ.

އެގައުމުގެ ޕޮލިޓިކަލް ލީގަލް އެންޑް ސެކިއުރިޓީ އެފެއާޒް މިނިސްޓްރީގެ ކޯޑިނޭޓިން މިނިސްޓަރ ވިރަންޓޯ ވިދާޅުވީ ޝޯޝަލް މީޑިއާ އެޕްލިކޭޝަންތައް ޖަކާޓާގެ ބައެއް ސަރަހައްދުތަކުގައި ބައެއް ގަޑިތަކުގުައި ބްލޮކް ކޮށްފާނެ ކަމަށާއި، އެއީ ދޮގު ހަބަރުފެތުރުން ފަދަ ކަންކަން ހުއްޓުވާ މުޒާހާރާ އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކާ ކަމަށެވެ.

މުޒާހަރާކުރަމުންދާ ބައިވެރިން ތުހުމަތުކުރާގޮތުގައި ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް ލައިން ވަޒަން ބޭނުންކޮށްގެން ބަޑިން ހަމަލާދީފައެވެ. އަދި މީހެއްގެ ގަޔަށް ބަޑީގެ ހަމަލާއެއް އެރިކަމަށްވެސް ތުހުމަތުކުރެއެވެ. އެހެންނަމަވެސް މީޑިއާއަށް ހަތިޔާރުތައް ދައްކާ އެއްވެސް ބަޑިއެއްގައި ލައިވް ވަޒަނެއް ނެތްކަމަށް ބުނެ ފުލުހުންވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

އިންތިހާބު ކާމިޔާބުކުރެއްވި މިހާރުގެ ރައީސް ޖޮކޮވީ ވިދާޅުވެފައިވަނީ މިހާރު މުޒާހަރާގެ ބައިވެރިން މައިތިރިކުރެވިއްޖެ ކަމަށާއި، ގައުމުގެ ސަލާމަތަށް ނުރައްކާ އެއްވެސް ކަމަކަށް އަދި ގައުމުގެ އެއްބައިވަންތަކަން ނަގާލާ އެއްވެސް ހަރަކާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.