ޕާކިސްތާނުގެ ބަލޮޗިސްތާންގެ ޕްރޮވިންޝަލް އެސެމްބްލީގެ މެންބަރު މަހްޖަބީން ޝިރަން އޭނާގެ ހަތް މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވުމުން ޗެމްބަރުން ނިކުންނަށް އަންގާ ޖަލްސާއިން ބޭރުކޮށްލައިފިއެވެ.

މީއީ އެޕްރީލް 29 ގައި ޕާކިސްތާނުގައި ހިނގާފައިވާ ހާދިސާއެކެވެ. މަހްޖަބީން އޭނާގެ ތުއްތު ފިރިހެން ދަރިފުޅު ގޮވައިގެން ޖަލްސާއަށް ވަޑައިގެންނެވީ އެ ތުއްތު ކުއްޖާ ބަލިވެ އުޅޭތީ ގޭގައި ބަހައްޓާފައި އަންނަން ނުކެރިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްޖަބީން ބުނީ އެދުވަހުުގެ ޖަލްސާއަށް ހާޒިރުނުވެވި ގޭގައި މަޑުކުރަން ބޭނުން ނުވި ކަމަށާއި، އެހެންކަމުން އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން މަޖިލީހަށް ހާޒިރުވީ ކަމަށެވެ. އެހެންނަމަވެސް ޗެމްބަރުގެ ތެރޭގައި ތިބި ބައެއް ފިރިހެން މެންބަރުން އޭނާއަށް ޖޯކުޖަހާ މަލާމާތް ކުރިކަމަށާއި އެކަމާއި ވަރަށް ދެރަވި ކަމަށެވެ.

އަންހެނުންނަށް އިހުތިރާމް ކުރަންޖެހޭކަމަށާއި، ގޭގައި ކުރާހާ ކަމެއް ކުރަމުން ވަޒީފާ އަދާކުރާ އަންހެނުން އެ އުފުލަނީ ވަރަށް ބޮޑު ބުރައެއްކަމަށް ފާހަގަކޮށް މަހްޖަބީން ބުނީ ވަޒީފާގެ މާހައުލުގައި ޑޭކެއާގެ ހިދުމަތް ދޭ ތަންތަން ގާއިމުކުރުމަށް ގޮވާލާ އޭނާ ކެމްޕޭންވެސް ކުރައްވާނެ ކަމަށެވެ.

މަހްޖަބީން އަކީ ޕާކިސްތާނުގެ ބަލޮޗިސްތާނުގެ ކެޗް ޑިސްޓްރިކްޓު ތަމްސީލު ކުރައްވާ މެންބަރެވެ. އޭނާ މަޖިލީހަށް އިންތިހާބުވީ ބަލޮޗިސްތާނުގެ ޑިސްޓްރިކްޓް އެސެމްބްލީގައި އަންހެނުންނަށް ކަނޑައަޅާފައިވާ ގޮނޑިއަކަށް 2018 ގައެވެ.

މީގެ ކުރިންވެސް އޭނާވަނީ އެތައްފަހަރެއްގެ މަތިން މަޖިލީހުގެ ސެކެރެޓޭރިއޭޓު އަރިހުން ހުސް ކޮޓަރިއެއްގައި ޑޭކެއާގެ ހިދުމަތް ގާއިމުކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް ތަކުރާރުކޮށް އެކަން ކޮށްދެވެންނެތްކަމަށް އޭނާއަށްވަނީ އަންގާފައެވެ.

މިހާރު މަހްޖަބީންވަނީ ސަރުކާރު އޮފިސްތަކާއި އެސެމްބްލީ ތަކުގައި ޑޭކެއާގެ ހިދުމަތް ގާއިމުކުރުމަށް ގޮވާލާ އޭނާ ފަށާފައިވާ ކެމްޕޭނަށް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އޭނާބުނީ މައިންނަށް އެމީހުންގެ ދަރިން ގޮވައިގެން އައިސް ޖަލްސާތަކުގައި ބައިވެ، ވަޒީފާއަދާކުރާ މައިންގެ ތަޖްރިބާ ފިރިހެނުންނާއި ހިއްސާ ކުރުމުގެ ގޮތުން އެފަދަ ބިލެއްވެސް ހުށަހަޅުއްވާނެ ކަމަށެވެ.