މީހެއްގެ ހިތެއް ނޭނގޭނެއެވެ. ފެންނަ ފެނުމަށް އެ މީހާގެ ގޮތެއް ވެސް ނޭނގޭނެއެވެ. ލޮލަށް ފެންނާނީ އެ މީހަކު ކަންތައް ކުރާ ގޮތެވެ. ކަންފަތަށް އިވޭނީ އެ މީހެއްގެ ދުލުން ދައްކާ ވާހަކަތަކެވެ. އެފަދަ މީހަކު އަހަރެންނާ ދިމާވިއެވެ. އެއީ ހާދީއެވެ. ގިނަ ބަޔަކު ކިޔާ ގޮތުންނަމަ ހާދީބެއެވެ.

އަހަރެން މިސްކިތަށްދާ ކޮންމެ ފަހަރަކު ހާދީބެ ފެނެއެވެ. ބަންގި ގޮވުމުގެ މާކުރިން އޭނާ މިސްކިތަށް ދެއެވެ. ޖަމާޢަތުގައި ކުރާ ނަމާދުގައި މުދިމާ ދިމާ ފަހަތުގައި ހުންނާނީ އޭނާއެވެ. އެއީ އޭނާގެ މަގާމެވެ. މުދިމު މީހާއަށް ޖަމާއަތަށް އާދެވޭ ގޮތް ނުވެއްޖެނަމަ މިސްކިތާ ހަވާލުވާނީ ހާދީބެއެވެ. ބަންގި ގޮވާނީ ވެސް އޭނާއެވެ. އިމާމުވެ ނަމާދު ކުރާނީ ވެސް އޭނާއެވެ. ނަމަވެސް އެކަމާ ޝަކުވާ ކުރާ ކިތަންމެ މީހަކު މިއަދު ރަށުގައި އެބަ ތިއްބެވެ. އެ ޝަކުވާތަކުގެ އަސްލަކީ ހާދިބެއޭ ކިޔައިގެން ދައްކަމުންދާ ފާޑުފާޑުގެ ވާހަކަތަކެވެ. ނަމަވެސް އޭގެ ހަގީގަތް އެކަކަށް ވެސް ހާމަކޮށްދެވިފައެއް ނުވެއެވެ. ހަމައެކަނި ކަންފަތްތަކަށް އިވެނީ ހީތަކެކެވެ. ގަބޫލުކުރާ ބަޔަކު ތިބިނަމަވެސް އެ ވާހަކަތައް ގަބޫލުނުކުރާ ކިތަންމެ މީހަކު ވެސް އުޅެއެވެ.

އަހަރެންނަށް ގަބޫލުކުރެވެނީ އެހެން ކަމެކެވެ. ހާދީބެއަކީ ސާފުތާހިރު މީހެއްކަމެވެ. އެ ސާފުތާހިރުކަން ހާދީބެ އަޅައިއުޅޭ ހެދުމާއި އޭނާގެ އުޅުމުން ވެސް ފެނެއެވެ. އަތްދިގު ހުދު ގަމީހުގައި ނޫން ގޮތަކަށް އަހަރެން އޭނާއެއް ނުދެކެމެވެ. ގޮޅި ޖެހި ހުދުމުންޑު ނޫން އެހެން ކުލައެއްގެ މުންޑެއް އޭނާއެއް ނުލައެވެ. ބޮލުގައި އެ އޮންނަ ތަރިޖެހި ހުދު ތާކިހާ ނޯންނަ އިރެއް ނުދެއެވެ. އަބަދުވެސް އަތުގައި އަތަރު ފުޅިއެއް ގެންގުޅެއެވެ. އެއީ ހާދީބެގެ އާދައެވެ. ޒުވާން ކުއްޖަކު ފެންނައިރަށް އަތުގައި އަތަރު އުނގުޅައިދޭނެއެވެ. އޭގެ ވަސް ބަލުވާނެއެވެ. އެ ވަހާމެދު ޚިޔާލު ވެސް ހޯދާނެއެވެ.

މިއަދު އަހަރެންނަށް މިސްކިތުން ފޭބުނީ ހާދިބެއާ އެކުއެވެ. އަހަރެންނަށް ޖަމާއަތަށް ލައްވާ ނުލީތީ ފޭބުނުލެއް ލަސްވީއެވެ. އަހަރެން ހަމަ ފެނުމާއެކު ހާދީބެ އަހަރެންނާ ދިމާއަށް މިސްރާބު ޖެއްސެވެ. ނުފެންނަކަމަށް ހަދައި އަނެއް ދޮރުން ހިނގައި ގަންނަން ވިއްޔޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އެގޮތަށް ހަދާކަށް ނުކުރުނެވެ. އަހަރެންގެ ފައި އެކަމަށް އިންކާރު ކުރީއެވެ.

"މިހާރު ހާދަ ނުފެނޭ. ރަށުގައި ނޫޅެނީތަ؟" އަހަރެންގެ ކޮނޑުގައި އަތް ޖައްސާލަމުން އަހަރެންނާ ގާތްވެލަމުން ހާދިބެ ސުވާލުކުރިއެވެ.

"ނޫން ރަށުގައި އުޅެން. މިހާރު ދަނީ ބޮޑު މިސްކިތަށް. އެހެންވެ ދިމާ ނުވަނީ" ކުޑަކޮށް ދުރަށްޖެހިލަމުން އަހަރެން ޖަވާބު ދިނީމެވެ.

"ކިހިނެއްވީ މި މިސްކިތް؟ މިހާރު ކަމުނުދަނީތަ؟" އަހަރެންގެ ޖަވާބުން ހާދިބެ އުފެއްދީ އިތުރު ސުވާލެކެވެ.

"ނޫން.. ނޫން. ކަމުނުދަނީކީ ނޫން. ދެން އެ މިސްކިތް ބޮޑުވެފައި، އޭސީކޮށްފައި ހުންނާތީ ހަމަ ދާހިތްވަނީ" އަހަރެން ވާހަކަދެއްކީ ތެދަށެވެ.

"އާނ.. ނޫރުމެންނަށް ބޭނުންވާނީ ފަސޭހަ ވިއްޔާ. ފިނިވީމާ އަރާމު ވީމާ ހުރިހާ ކަމެއް ރަނގަޅުވާނެ. ދައްކަބަލަ އަތް. އަތަރު ކޮޅެއް އުނގުޅާލަން ވާނެއްނު" ހާދިބެ ހިފީ އަހަރެންގެ ކަނާތުގައެވެ. އަހަރެންނަކަށް އަތް ދަމައިގަންނާކަށް ނުކުރުނެވެ. މީހުން ހާދިބެއޭ ކިޔައިގެން ފާޑުފާޑުގެ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އެ އަތުގައި އުނގުޅާނެ އެއްޗެއް އުނގުޅަން އަތް ދީގެން އަހަރެންނަށް ހުރެވުނީއެވެ. އޭރު މިސްކިތް މަގުން އައި ރައްޒާގުބެ އަހަރެންނާ އަރާ ހަމަކުރަނީއެވެ.

"އައްދޭ ކޮންކަމެއް. ޒުވާނަކު އަތުއަޅުވާ ލެވުނީދޯ؟" އަހަރެންނާ ދިމާއަށް ނިތް އަރުވާލަމުން ރައްޒާގުބެ ބުނެލިއެވެ. އަހަރެންނަށް ދެވުނީ ހިނިތުންވުމެކެވެ. ހާދިބެގެ މޫނުން ފެނުނީ ނުރުހުމާއި ނަފުރަތެވެ. އެ ބުނީ ކީކޭކަން އަހަރެންނަށް އެނގެއެވެ. އެ އެއްލި ގާބުރި އެއްލީ ކީއްވެގެންކަން ވެސް އަހަރެންނަށް ވިސްނެއެވެ. އެ ގާބުރި ގޮސް ޖެހުނީ ހާދީބެގެ ގައިގައެވެ. އެކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ.

"ދެން އެންމެ ރަނގަޅޭ. ތި ވަރަށް ނޫނގުޅިއަސް ވަސް ދުވާނެއްނު. އެހެން ނޫނަސް މި ޒަމާނަކީ އަތަރުގެ ޒަމާނެއް ނޫން. މިހާރު ޖަހަނީ ސެންޓު" ހާދިބެގެ އަތުން އަހަރެންގެ އަތް ދަމައިގަންނަމުން އަހަރެން ބުނީމެވެ.

"އަހަރެން ހާދިބެއާ ކޮށްލަންތަ ސުވާލެއް؟" ޖެހިލުންވެ ހުރެ އަހަރެން އަހާލީމެވެ.

"ކޮން ކަހަލަ ސުވާލެއް؟" ހާދީބެ ވާހަކަދެއްކީ ދެ ފިކުރެއްގައި ހުރެއެވެ.

"ހާދިބެގެ ޒާތީ ސުވާލެއް" އަހަރެން ބުނީމެވެ. އެ ބުނުމަށް ހާދީބެ ނިތްކުރި އަރުވާލަމުން އަހަރެން ފެށީމެވެ.

"ރަށުތެރޭގައި ހާދީބެއޭ ކިޔައިގެން އެ ދައްކަނީ ތެދު ވާހަކައެއްތަ؟" އަހަރެންނަށް ހުރެވުނީ ހާދީބެގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ ސުވާލާއެކު ހާދީބެ ހުއްޓުން އެރިއެވެ. އިރުތަކެއް ވަންދެން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރެފައި އެއްވެސް ޖަވާބެއް ނުދީ އޭނާ ހިނގައިގަތީއެވެ. އަހަރެންނާ ދުރަށެވެ. އަހަރެންނަށް ހުރެވުނީއެވެ. ސުވާލު ކުރެވުނު މޮޔަ ހިތަށް އަރާފައެވެ. އެ ސުވާލަށް ޖަވާބު އެ ނުދެވޭނީ ކޮންމެވެސް ގޯހެއް އުޅޭތީއެވެ. އެ ވާހަކަތަކުގައި ހަގީގަތެއް އެކުލެވޭތީއެވެ. އެހެން ނޫންނަމަ އެ ސުވާލަށް ޖަވާބު ދެވޭނެއެވެ.

ފަހުން ފަހުން ހާދީބެ އަހަރެންނާ ވާހަކައެއް ނުދައްކައެވެ. އަހަރެން ފެނުނަސް ފެންނަކަމަށް ނުހަދައެވެ. އަހަރެންގެ ގާތަކަށް ނާދެއެވެ. ހާދިބެއާމެދު އަހަރެން ގަބޫލުކުރަމުން އައި ގޮތް ބަދަލުވީ އެކަމާހެދިއެވެ. ހާދީބެއާ އެ ސުވާލުކުރީ ވެސް އެހެންވެއެވެ. އެ ސުވާލުކުރުމުން ހާދީބެގެ ގުޅުން ކެނޑޭނެ ކަމަށް ރައްޓެއްސަކު ބުނީމައެވެ.

ހާދީބެގެ އުޅުން ބަދަލުވިއެވެ. މީހުންނާ އޮތް ގާތް ގުޅުން ކެނޑިގެން ދިޔައެވެ. މިސްކިތަށް ދިޔަޔަސް މީސްމީހުންނާ މާ ބޮޑު ގުޅުމެއް ނުބާއްވައެވެ. އެހެންޏާ އެ ކުރާ ސަލާންތަކެއް ވެސް ނުކުރެއެވެ. މީހުންވެސް މާވަރަކަށް ހާދިބެއާ ހެދިއެއް ނޫޅެއެވެ. ކުރިން ކުރި ގަދަރެއް ވެސް ނުކުރެއެވެ. ބައެއް މީހުން މަލާމާތުގެ ޖުމުލަތައް ހާދިބެއަށް އަޑުވެސް އިއްވައެވެ. އަތަރު ހާދީއޭ ކިޔައި ގޮވާވެސް ހަދައެވެ. ދިމާވެސް ކުރެއެވެ.

ދެތިން މަސްފަހެވެ. ރަށުތެރެއަށް ފެތުރުނު ސުންޕާ ޚަބަރަކީ ހާދީބެއަށް ބަޔަކު ހަމަލާދީ ވަލުތެރެއަށް އެއްލާލައިފައިވާ ވާހަކައެވެ. އޭނާއަށް އެތައް އަނިޔާތަކެއް ބަޔަކު ކޮށްފައިވާ ވާހަކައެވެ. އެ އަޑާއެކު އެތައް ވާހަކައެއް ރަށުތެރެއަށް ވިހެއެވެ. އެއްބަޔަކު ކިޔަނީ ހާދިބެއާ މެދު ހިތްހަމަ ނުޖެހިގެން މީހަކު ހާދީބެއަށް ކުޅި ދައްކާލީ ކަމަށެވެ. އަނެއް ބަޔަކު ކިޔަނީ ހާދިބެ ބޯން އުޅުނު ބޮނޑި އެ ބޮއުނީ ކަމަށެވެ. ނަމަވެސް ރަށުގެ ގިނަ ބަޔަކަށް އެ ހާދިސާއިން ކުރަމުން ދިޔައީ ފުން އަސަރެވެ. ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްދަތިކަމެވެ. އެއްވެސް މީހަކަށް އެގޮތަށް އަނިޔާ ކޮށްގެން ނުވާނެއެވެ. ކިތަންމެ ގޯސް މީހަކަސް އެފަދަ ލާއިންސާނީ ހާނިއްކައެއް ކޮންގެން ނުވާނެއެވެ. އެންމެފަހުން އެ މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް ރަށަށް އައެވެ. އެމައްސަލަ ތަހުގީކުރަން ފެށުނެވެ.

ރަށަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ހާދިބެއަށް އަނިޔާކުރީ ކާކުކަން އެނގުމުން އަހަރެންނަށް ވެސް ސިހުން ލިބުނެވެ. އެކަމަކު ރައްޒާގުބެ އެކަން ކޮށްފާނެ ހެއްޔެވެ؟ އެކަން ރައްޒާގުބެ ކުރަންވީ ކީއްވެ ހެއްޔެވެ؟ އިވެމުން ދިޔަ ވާހަކަތަކަށް ވިސްނާލުމުން ހަގީގަތްތަކެއް ވާކަން ގަބޫލުކުރެވުނެވެ. ރައްޒާގުބެ މިހާރު އިންދެގެން އުޅެނީ ހައްވައްތައާއެވެ. އެއީ ހާދީބެގެ ކުރީގެ އަންހެނުންނެވެ. ހައްވައްތަ ވަރިވީ ހާދީބެއޭ ކިޔައިގެން އިވެން ފެށި ހުތުރު ވާހަތަކުންނެވެ. އެކަން ރައްޒާގު ކުރީ ހާދީބެގެ އަންހެނުން ޖަހައި ގަތުމަށެވެ. ފުލުހުންގެ ވާހަތަކުން އެ ހުރިހާ ކަމެއް ހާމަވިއެވެ. ހާދިބެއޭ ކިޔައިގެން ވާހަކަތައް ހަދަހަދައިގެން ރަށުތެރެއަށް ފެތުރީ ރައްޒާގުކަން ވެސް ފުލުހުންގެ ތަހުގީގުން ޔަގީންވިއެވެ. ތިން ޒުވާނަކަށް ފައިސާ ދީގެން އެ ހުތުރު ޢަމަލު ހާދީބެ ހިންގިމަށް އެއްބަސް ކުރުވިކަން ވެސް ފުލުހުން ހާމަކުރިއެވެ. އެންމެ ފަހުން އެ ހުރިހާ ކަމެއް ހާދީބެއަށް އެނގުމުން ރައްޒާގުބެ ހާދީބެއަށް ހަމަލާދިނީއެވެ. އެކަންވެސް ކުރުވީ ބަޔަކަށް ފައިސާ ދީގެންނެވެ. މި ކަންކަމުގެ ހަގީގަތް އެނގުމުން އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ ފަދަ ކަމެއްވެސް ކުރުވަފާނެތާއެވެ. މީހެއްގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެލުމަކީ މާ ބޮޑުކަމެއް ނޫންތާއެވެ. ހާދީބެއޭ ކިޔައިގެން ނުދައްކާ ވާހަކައެއް ނެތެވެ. އޭނާއޭ ކިޔައިގެން ނުފަތުރާ އަޑެއް ނެތެވެ. ހާދީބެ ކިހައި ދެރެވާނެ ހެއްޔެވެ؟ ކިހައި އަސަރެއް ކުރާނެ ހެއްޔެވެ؟ އެ ޢުމުރުގައި ތަހައްމަލު ކުރަން އެ ޖެހުނީ ކޮން ކަހަލަ ވޭނެއް ހެއްޔެވެ؟

ހާދީބެގެ ކުށެއް ނެތްކަން މިއަދު މުޅި ރަށަށް އެނގި ހާމަވެއްޖެއެވެ. ހާދިބެއަކީ ރަނގަޅު މީހެކެވެ. ހެޔޮލަފާ މީހެކެވެ. ޒުވާނުންނާ ގުޅޭ ހިތްހެޔޮ މީހެކެވެ. އަހަރެން ދެރަވީ އަހަރެންނަށް ކަންތައް ކުރެވުނު ގޮތުންނެވެ. ހާދީބެއާމެދު އަމަލުކުރެވުނު ގޮތުންނެވެ. ހިތަށް ވަނީ ހާދީބެއާ ކުރި ސުވާލެވެ. އެ ދުވަހު އެ ސުވާލަށް ހާދީބެ ޖަވާބު ނުދިނަސް މިއަދު އެ ސުވާލުގެ ޖަވާބު ލިބެއްޖެއެވެ. ރަށުގެ ކޮންމެ ރައްޔިތަކު އެ ދަނީ އެ ޖަވާބު ދެމުންނެވެ. ހާދީބެއަކީ އެކަހަލަ މީހެއް ނޫނެވެ. އެއީ އެއަށް ވުރެ މާ މާތް މީހެކެވެ. މާ ރަނގަޅު މީހެކެވެ. އަހަރެންގެ ހިތުން ހާދީބެއަށް ދެވުނީ މާ މަތީ ދަރަޖައެކެވެ.

(ނިމުނީ)