ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ރޭ އދގެ އާއްމު މަޖިލީހުގައި ވޯޓެއް ނަގައިފިއެވެ. ދުނިޔޭގެ ގިނަބަޔަކު ވޯޓުދިނީ އެއީ މޮރިޝަސްގެ ތަނަކަށް ހެދުމަށެވެ. މިހާރުވެސް އޮތްގޮތަށް އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި ދެމެހެއްޓުމަށް މަދުބަޔަކު ވޯޓުދިނެވެ. ކޮންމެއަކަސް ފޯޅަވައްސަކީ ފޯޅަވައްސެވެ. އެތަނާއި އެންމެ ކައިރީގައި އޮތީ ދިވެހިރާއްޖެއެވެ. އެހެންވީމާ ފޯޅަވަހި ދިވެހީންގެ ތަނަކަށް ނުވާންވީ ކީއްވެގެންބާވައެވެ؟ ދިވެހިރާއްޖެއިން ބަލަބަލަ ތިޔައީ ތިމަންނާމެންގެވެސް ތަނެކޭ ނުބުނާންވީ ކީއްވެގެންބާވައެވެ؟

ފޯޅަވަހީގެ ޖިއޮގްރަފީ

ފޯޅަވައްސަކީ އައްޑުއަތޮޅުގެ ދެކުނުން އިންޑިއާކަނޑުގެ މެދުތެރޭގެ އެކަހެރި ހިސާބެއްގައިވާ ޗާގޯސް އާކިޕެލަގޯއެވެ. މި އާކިޕެލަގޯގައި ފަސް އަތޮޅެއްގެ މައްޗަށް އެކުލެވޭ 60 ރަށެއް ވެއެވެ. ދިވެހީން ފޯޅަވައްސޭ ކިޔަނީ މުޅި ޗާގޯސް އާކިޕެލަގޯއަށެވެ. ވަކިއަތޮޅުތަކަށް އަދި ވަކިރަށްތަކަށް ކިޔައިއުޅޭ ތަފާތު ނަންތަކެއް ނުހުރެއެވެ. އެންމެބޮޑު އަތޮޅުކަމަށްވާ ޑިއެގޯގާސިއާއަށްވެސް ކިޔަނީ ފޯޅަވައްސެވެ.

ފޯޅަވަހީގެ ދިވެހި އަނެއްނަމަކީ ފެހެންދީބެވެ. ޑިއެގޯގާސިއާގެ އިތުރުން ޗާގޯސް އާކިޕެލަގޯގައި ހިމެނޭ އަނެއް ހަތަރު އަތޮޅަކީ މޯސްބީ އައިލޭންޑް ނުވަތަ ޕެރޯސް ބަންސް އެޓޯލް އާއި ސަލޮމޮން އައިލޭންޑްސް އާއި ވަކިވަކި ރަށްތަކެއް ހިމެނޭ ޗާގޯސް ބޭންކާއި އެގްމެންޓް އައިލޭންޑްސް އެވެ. މީގެ އިތުރުން ޗާގޯސް ބޭންކާއި އެހެނިހެން ސަރަހައްދު ތަކުގައި ގެނބިފައިވާ ހަތް އަތޮޅެއް ވެއެވެ. އެއީ ކޮލްވޮކޮރެސީސް ސަބްމާޖް އެޓޯލް، ވިކްޓަރީ ބޭންކް ސަބްމާޖް އެޓޯލް، ކައުވިން ބޭންކް ސަބްމާޖް އެޓޯލް، ޕިޓްބޭންކް ސަބްމާޖް އެޓޯލް، ގޭންޖެސް ބޭންކް ސަބްމާޖް އެޓޯލް، ވައިޓް ބޭންކް ސަބްމާޖް އެޓޯލް އަދި ސެންޗޫރިއަން ބޭންކް ސަބްމާޖް އެޓޯލް އެވެ.

ފޯޅަވަހީގެ އަތޮޅުތަކުގެ ތެރެއިން އައްޑުއަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށްތަކެވެ. މިރަށްތަކާއި އައްޑުއަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 މޭލެވެ. އައްޑުއަތޮޅާއި އެންމެ ދުރުގައި އަދި ޗާގޯސްގެ އެންމެ ދެކުނު ކޮޅުގައި އޮންނަނީ ޑިއެގޯގާސިއާ އެވެ. އައްޑުއަތޮޅާއި އެރަށާއި ދެމެދުގެ ދުރުމިނަކީ 390 މޭލެވެ.

ދިވެހީންގެ މެދުގައި ފޯޅަވަހީގެ ވާހަކަ

ފޯޅަވަހީގެ ވާހަކައަކީ އައްޑުއަތޮޅުގައި މަޝްހޫރު ވާހަކައެކެވެ. އައްޑޫ މީހުނަށް ކުރީޒަމާނުގައި ހީވެފައި އޮންނަނީ ފޯޅަވައްސަކީ ދާދިކައިރީގައިވާ ތަނެއްކަމަށެވެ. ފޯޅަވަހީގެ ތާރީޚާއި ބެހޭގޮތުން ދިވެހި ލިޔުންތެރިން ތަފާތު ލިޔުންތައް ލިޔެފައިވެއެވެ. އެހެންނަމަވެސް މިފަދަ ލިޔުންތަކުގައި ދިވެހީންގެ ޝައުގުވެރިކަން އިތުރުވާނެ މުހިއްމު އެއްބައިގެ މައްޗަށް ލިޔެފައި ނުހުންނަކަން ފާހަގަކުރެވެއެވެ. ފޯޅަވައްސާއި އެވޭލާ ދިވެހީންގެ ގުޅުމުގެ ވާހަކަ ލިޔެފައި ނުހުރެއެވެ. އެންމެފުރަތަމަ މީހުން ވަޒަންވެރިވީ ކިހިނަކުންތޯ އާއި ކޮންދުވަސްވަރެއްގައިކަންވެސް ނުލިޔެއެވެ. ދިވެހި ލިޔުންތަކުގައި ފޯޅަވަހީގެ ވާހަކަ އެންމެފުރަތަމަވެސް ފަށާފައި ހުންނަނީ އިނގިރޭސިން އެތާގެ ރަށްވެހީން ބޭރުކޮށްލައި މިލިޓަރީ ބޭހެއް ހަދާފައިވާ ވާހަކައިންނެވެ. މިލިޓަރީ ބޭސް އެމެރިކާއަށް ކުއްޔަށް ދީފައިވާ ވާހަކައިންނެވެ.

ފޯޅަވަހީގައި މީހުން ވަޒަންވެރިވުމުގެ ކުރި

ފޯޅަވަހީގެ އެއްވެސް ރަށެއްގައި މީލާދީން ސަތާރަސަތޭކަ ނުވަދިހަވަނަ އަހަރާއި ޖެހެންދެން އެއްވެސްބަޔަކު އެއްވެސް ސިފައެއްގައި ވަޒަންވެރިވެ އުޅެމުން އައިސްފައިވާކަން ތާރީޚުން އެނގޭކަށްނެތެވެ. ފޯޅަވަހީގެ ވަޒަންވެރިންގެ ގޮތުގައި އެތާގެ މިލްކުވެރިކަމަށް ދައުވާކުރާ ޗާގޯސިއަން ނުވަތަ އިލޮއިސް މީހުންނަކީ އެހާ ގަދީމީ ވަޒަންވެރިންނެއް ނޫނެވެ. އެމީހުންގެ ކޮމިއުނިޓީއެއް ފޯޅަވަހީގައި ގާއިމުވެ އުޅެފައިވަނީ އެންމެ ސަތޭކަ އަށްޑިހަ އަހަރަށެވެ. އެއީ ސަތާރަސަތޭކަ ނުވަދިހަވަނަ އަހަރުން ފެށިގެން ނަވާރަސަތޭކަ ހަތްދިހަވަނަ އަހަރާއި ދެމެދުގައެވެ.

އެވޭލާ ދިވެހިންނާއި ފޯޅަވަހި

އިލޮއިސް މީހުން ފޯޅަވަހީގައި ވަޒަންވެރިވުމުގެ ކުރީން އަދި ފަނަރަސަތޭކަ ބާރަވަނަ އަހަރު ޕޯޗްގީޒުގެ ސައްޔާހަކު ފޯޅަވަހި ހޯދުމުގެ ކުރީންވެސް ދިވެހީންނަށް ފޯޅަވަހި ފެނިފައިވެއެވެ. މިބުނި ޕޯޗްގީޒްގެ ސައްޔާހުގެ ނަމަކީ މަސްކަރެންހާސްއެވެ. އޭނާގެ ހޯދުންތަކުގެ ކުރީން ފޯޅަވަހީގެ ގަދީމީ ތާރީޚާއި ބެހޭގޮތުން ލިޔެވިފައިވާ އެއްވެސް ރިކޯޑެއް ނެތެވެ. އެހެންނަމަވެސް އެވޭލާ ދުވަސްވަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނާއި ވިޔަފާރިކަމު ބޭރު ކަރަކަރައަށް ދަތުރުކޮށް އުޅުނު ދަތުރުވެރިން ފޯޅަވައްސަށް ގޮސްފައިވެއެވެ. އެކިފަހަރު އެކިސަބަބު މެދުވެރިގެންނެވެ. ބައެއްފަހަރު ބެހިގެންނެވެ. އަނެއްބައި ފަހަރު ފޯޅަވަހީގެ ރުއްގަހުން މަންފާހޯދުމަށެވެ.

އިންޑިޔާ ކަނޑުގައި އެންމެ ދޮށީ ޖަޒީރާ ގައުމަކީ ދިވެހިރާއްޖެ

އިންޑިޔާކަނޑުގެ ޖަޒީރާތަކުގެ ތެރެއިން އެންމެކުރީން މީހުން ވަޒަންވެރިވެގެން އުޅެން ފަށާފައިވަނީ ދިވެހިރާއްޖޭގެ ރަށްތަކުގައެވެ. ވީމާ އިންޑިޔާކަނޑުގެ އެންމެދޮށީ ޖަޒީރާ ގައުމަކީ ދިވެހިރާއްޖެއެވެ. ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވިތާ އެތައް ސަތޭކައަހަރެއް ވީއިރުވެސް ފޯޅަވައްސާއި ސީޝެލްސް ނުވަތަ ތޭންގަދީބު ފަދަ ޖަޒީރާތަކަކީ އެއްވެސްބަޔަކު ވަޒަންވެރިވެފައި ނުވާ ފަޅުތަންތަނެވެ. އެތަންތަނަކީ ކުރީޒަމާނުގައި ގިނަގިނައިން ބޮޑެތި ތޫފާން އަރާ ތަންތަނެވެ. އެހެންވީމާ ދިވެހީންވެސް އަދި އެހެންބަޔަކުވެސް އެއިން ރަށެއްގައި ވަޒަންވެރިނުވެ ޒަމާންތަކެއް ދިޔައީއެވެ.

ސީޝެލްސް ވެސް ހިމަނައިގެން މިރަށްތަކަކީ ބައެއްކަހަލަ ރުއްގަސް ވަރަށް ތިޔާގި ރަށްތަކެކެވެ. މިތަންތަނުގެ ރުއްގަހުން ލިބޭ އެއްޗަކަށް އެންމެފުރަތަމަ ހުކުމް ކުރަމުން އައީ ދިވެހީންނެވެ. ދިވެހިން މިރަށްރަށަށް ދަތުރުކޮށް އޮޑިފަހަރަށް ކާށިފަދަ ތަކެތި އަރުވައިގެން ބޭރަށް ވިޔަފާރި ދަތުރުކޮށްފައި ވެއެވެ. މިކަމުގެ ހެއްކަކީ ސީޝެލްސްގައި އެކަނި ހެދޭ ބާވަތެއް ކަމަށްވާ ތާރުކުގެ ކާއްޓަށް ނުވަތަ ތާވައްކާއްޓަށް އިނގިރޭސިބަހުން ނަން ދީފައިވާއިރު ދިވެހިރާއްޖެއަށް ނިސްބަތްކޮށް ނަން ދީފައިވުމެވެ. ތާވައްކާއްޓަށް އިނގިރޭސިބަހުން ކިޔަނީ މޯލްޑިވް ކޮކޮނަޓެވެ. އޭގެ ސައެންޓިފިކު ނަމަކީ ލޮޑޮއިސިއާ މޯލްޑިވިކާއެވެ. ނަމަވެސް ތާރުކަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ހުރި އެއްޗެއް ނޫނެވެ. އަދި މިހާރުވެސް ހެދޭއެއްޗެއް ނޫނެވެ.

ދިވެހިރާއްޖޭގެ ނަމަށް ނިސްބަތްކޮށް ތާވައްކާއްޓަށް ނަންދެވިފައިވާ ސަބަބަކީ ބޭރު މީހުންނަށް ތާވައްކާށި ތައާރަފުވެފައި ވަނީ ދިވެހީންގެ ފަރާތުން ކަމަށްވުމެވެ. ދިވެހިންގެ އޮޑިފަހަރަށް ތާވައްކާށި ލައި ބަރާކޮށްގެން ދަތުރުކޮށް ދުނިޔޭގެ އެތަންމިތަނަށް އެކްސްޕޯޓް ކޮށްފައިވާތީއެވެ. ދިވެހީން ތޭންގަދީބަށް ނުގޮސް ހާލަކުންފަހަރަކު ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށަށް ލައްގާ ދެތިން ކާއްޓެއް ހޮވައިގެން ބޭރަށް ވިއްކައިގެން ދިވެހިރާއްޖޭގެ ޚާއްސަ އެއްޗެއްގެ ގޮތުގައި ތާވައްކާށި މަޝްހޫރު ވެދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ތާވައްކާއްޓަކީ ރާއްޖޭގެ ކަނޑުން މާވަހަރު ފެންނަ ވަރަށްވެސް ފެންނަ އެއްޗެއް ނޫނެވެ. އެހެންވީމާ ތާވައްކާށި ހޯދާފައިވަނީ ސީޝެލްސްއަށް ގޮސްގެން ކަމާއި އެތަނުގެ މައްޗަށް އޮތީ ދިވެހިންގެ ހުކޫމަތުކަން ކަށަވަރުވެއެވެ.

ފޯޅަވަހީގައި އައްޑޫ ރަށްރަށުގެ ވަގުފު ބިން

ފޯޅަވައްސާއި ދެކުނުގެ އަތޮޅުތަކުގެ މީހުންނާއި ގުޅުވައިގެން ޒަމާނުއްސުރެ ދެކެވޭ ވާހަކަތަކަށް އިތުރު ޔަގީންކަމެއް ލިބިދޭ ވަރަށް ކުރީގެ ތާރީޚީ ލިޔުންތަކެއް ދާދި ފަހަކުން ފެނިފައިވެއެވެ. އެއީ މުލީއާގެ ސާފުކުރުމުގެ ތެރޭގައި ފެނިފައިވާ ލިޔުންތަކެކެވެ. މި ލިޔުންތަކުގެ ތެރެއިން އައްޑޫ ބައެއް ރަށްރަށުގެ ނަމުގައި ފޯޅަވަހީގައި ވަގުފު ކުރެވިފައިވާ ބިންބިމުގެ ފަތްކޮޅުތަކެއް ފެނުނުކަމަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވެއެވެ. ފަތްކޮޅުތައް ލިޔެފައިވަނީ ދިވެސް އަކުރުންނެވެ. ކޮންމެއަކަސް މިތަކެތި ގައުމީ އަރުޝީފުގައި ފެންނާން ހުންނާނެ ދުވަހެއް އަންނާނެ ކަމަށް އުއްމީދު ކުރެވެއެވެ. ފަތްކޮޅުތައް އެންމެންނަށް ކިޔާން އެނގޭގޮތް ހެދުމަށްޓަކައި ތާނަ އަކުރުން ލިޔާން ޖެހެއެވެ. އެއިރުން ފޯޅަވައްސާއި އެވޭލާ ދިވެހީންގެ ގުޅުމުގެ ތާރީޚަށް އައު އަލިކަމެއް ލިބިގެންދާނެއެވެ.

ޔޫރަޕުގެ މީހުންނަށް ފޯޅަވަހި ފެނުން

ޔޫރަޕްގެ ތަފާތު ސައްޔާހުން އެކިފަހަރުމަތިން ޑިއެގޯގާސިއާ ހޯދުމަށްފަހު މިލާދީން 1778 ވަނަ އަހަރުން ފެށިގެން އެތަން އޮތީ ފަރަންސޭސީންގެ ބާރުގެ ދަށުގައެވެ. އެއީ ފަރަންސޭސިންގެ މަޝްހޫރު ލީޑަރ ނަޕޯލިއަންގެ ދުވަސްވަރު މޮރިޝަސް ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށަށް ގެނައުމާއެކުގައެވެ. މޮރިޝަސް އޮންނަނީ ޑިއޭގޯގާސިއާގެ ހުޅަނގު ދެކުނުން 1160 މޭލު ދުރުގައެވެ.

މޮރިޝަސްގައި ފަރަންސޭސިވިލާތުގެ ގަވަރުނަރަކު ހުންނަވައެވެ. ގަވަރުނަރުގެ ދަށުން ބަލަހައްޓަމުންދާ ތަނެއްގެ ގޮތުގައި ފޯޅަވަހި އޮވެގެން އެތަނަށް ފުރަތަމަ ދާންފެށީ ފަރަންސޭސި ނަސްލުގެ މީހުންނެވެ. އެއީ ޑިއޭގޯގާސިއާގެ ރުއްރުކުން ކާށި ހޮވުމަށާއި މަސްވެރިކަން ކުރުމަށްޓަކައެވެ.

އިނގިރޭސިންގެ ދަށަށް ފޯޅަވަހި ދިޔުން

ފަރަންސޭސިންގެ ލީޑަރ ނަޕޯލިއަން ކުރަމުންއައި ސިލްސިލާ ހަނގުރާމައިގައި އެންމެފަހުން ބަލިވެއްޖެއެވެ. ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށުގައިވާ ބައެއް ތަންތަން އިނގިރޭސި ކޮލޮނީތަަކަށް ބަދަލުވެއްޖެވެ. އެއީ 1814 ގެ ޕެރިސް އެއްބަސްވުމުގެ ދަށުންނެވެ. މިމުއާހަދާގެ ދަށުން ރަސްމީކޮށް ފޯޅަވަހި އިނގިރޭސިންގެ ދަށަށް އައުމުގެ ކުރީންވެސް ފަރަންސޭސި އިސްތިއުމާރީން އެރަށުގައި ކުރަމުންދިޔަ މަސައްކަތް އޮތީ ހުއްޓާލާފައެވެ. އެއީ ސަތާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ ތެރޭގައެވެ.

ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީގެ ފަރާތުން ފޯޅަވައްސައް ފުރަތަމަ ގެންދިޔައީ އޭޝިއާ އާއި އެފްރިކާގެ ކަޅު ނަސްލުތަކުގެ ދުއިސައްތަ ހަތްދިހަ ފަސް މީހުންނެވެ. އޭގެ އެއްމަސް ފަހުން އަނެއްކާވެސް ދުއިސައްތަ ފަންސާސް މީހުން ގެންދެވުނެވެ. މިމީހުންނަކީ ބްރިޓިޝް އީސްޓް އިންޑިއާގެ ނަވެއް ފަރަކަށް އަރައިގެން ހަލާކުވިއިރު އެއިން ސަލާމަތްވި މީހުންނެވެ. ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ ރޫޅުމާއެކު އިނގިރޭސިން އެ ސަރަހައްދު ދޫކޮށްފައި ދިޔައެވެ.

މިގޮތަށް ދޫކޮށްފައި ދިއުމުން މޮރިޝަސްގައި ގާއިމުވެތިބި ފަރަންސޭސިންގެ ބާރުގެ ދަށަށް އަނެއްކާވެސް ފޯޅަވަހި ގެނައެވެ. މިފަހަރު ފޯޅަވައްސައް ފުރަތަމަ ފޮނުވީ ލެޕްރަސީ ބަލި މީހުންނެވެ. ބަލިމީހުން އެކަހެރި ތަނެއްގައި ކަރަންޓީނުކޮށްފައި ބޭތިއްބުމުގެ ގޮތުންނެވެ. އެއީ ކުރީޒަމާނުގައި ދިވެހިރާއްޖޭގައިވެސް އެކަން އޮންނަގޮތެވެ.

ފޯޅަވަހީގައި ފަރަންސޭސިން ދަނޑުވެރިކަން ކުރުން

ބަލިމީހުންނާއި ކުރީއްސުރެ ވަޒަންވެރި ކުރުވާފައިތިބި މީހުންނާއެކު ކުޑަވަރެއްގެ ކޮމިއުނިޓީއެއް ފޯޅަވަހީގައި ގާއިމު ވެފައި އޮތެވެ. އެއަށްފަހު ސަތާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރު އިންޑަސްޓްރިއަލް އުސޫލުން ދަނޑުވެރިކަން ކުރާ ތަނަކަށް ހެދިއެވެ. މައިގަޑުގޮތެއްގައި ހިންގާފައިވާ މަސައްކަތަކީ ރުއް އިންދައިގެން ކާށި ބޮނބިން ވާވެލާވެލި އަޅައިގެން އެކްސްޕޯޓް ކުރުމެވެ. މީގެއިތުރުން ހުއިފިލަނޑާ އެކްސްޕޯޓް ކުރުމެވެ. މި މަސައްކަތް ކުރުމަށްޓަކައި ގިނައަދަދެއްގެ އަޅު ލޭބަރުން ފޯޅަވަހީގައި ވަޒަންވެރި ކުރެވުނެވެ. އަޅު ލޭބަރުންނަކީ އެފްރިކާ ބައްރުގެ އިރުމަތީ ބިތުގެ ގައުމުތަކުގެ މީހުންނެވެ.

އިސްތިއުމާރީ ވަކިތަކުން ސަލާމަތްވުން

ފަރަންސޭސި އިސްތިއުމާރުގެ ދަށުން މޮރިޝަސް މިންޖުވުމުން ފޯޅަވަހީގެ ވަޒަންވެރިންނަށްވެސް ޒާތެއްގެ މިނިވަންކަމެއް ލިބިއްޖެއެވެ. އެހެނަސް އިތުރުކަމެއް ފެންމަތިވެއްޖެއެވެ. ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އެމީހުން ބަލަން ފަށައިފިއެވެ. މި ދައުވާއެއް ބިނާކުރާ މައިގަޑު އަސާސަކީ ފަރަންސޭސިން މޮރިޝަސް އިސްތިއުމާރުކޮށްގެން ތިބި ތިބުމުގައި މީހުން ވަޒަންވެރިކޮށް އާބާދީއެއް ގާއިމުކޮށްފައިވާ ތަނަކަށް ފޯޅަވަހި ވުމެވެ. ފޯޅަވަހީގެ ވަޒަންވެރީންގެ ތެރޭގައި މޮރިޝަސްއިން ގެންދިޔަ ބަޔަކުވެސް ހިމެނުމެވެ.

ފޯޅަވަހީގައި ވަޒަންވެރި ކުރުވުނު އެހެނިހެން ނަސްލުތަކަކީ މަޑަގަސްކަރަ އާއި މޮޒަމްބީކާއި އެފްރިކާގެ އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެއީ އެންމެކުރީން ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީގެ ދުވަސްވަރު އިނގިރޭސިން ވަޒަންވެރިކުރި މީހުންނާއި ބަލިމީހުންގެ ގޮތުގައި ގެންދެވުނު މީހުންނާއި ދަނޑުވެރިކަން ކުރާން ގެންދިޔަ އަޅުންނެވެ. މިބުނިގޮތަށް ފޯޅަވަހީގައި އާރާސްތުވީ ވަޒަންވެރީންނަށް ޗާގޯސިއަން ނުވަތަ އިލޮއިސް މީހުންނޭ ކިޔަން ފެށުނީއެވެ.

ޗާގޯސިއަންއޭ ކިޔަނީ ޑިއޭގޯގާސިއާ ހިމެނޭ ޗާގޯސް އާކިޕެލަގޯއަށް ނިސްބަތް ކޮށްފައެވެ. މިތާގާއި ދިރިއުޅުނު މީހުން ވާހަކަ ދައްކައި އުޅުނު މައިގަޑު ބަހަކަށްވީ ކުރިއޯލް އޭ ކިޔުނު ބަހެކެވެ. އެއީ އެފްރިކާއާއި އޭޝިއާގެ ތަފާތު ބަސްބަސް މަސްހުނި ވެގެން އުފެދިފައިވާ ބަހެކެވެ. މިބަސް މަޝްހޫރު ވެފައިވަނީ ފަރަންސޭސިންގެ މެރިޓައިމް ކޮލޮނީތަކުގެ މީހުން ވާހަކަ ދައްކާ ބަހެއްގެ ގޮތުގައެވެ. މިހާރުވެސް ސީޝެލްސް އާއި މޮރިޝަސްގައި ތިބި ޗާގޯސް ދަރިކޮޅުގެ މީހުން ކުރިއޯލް ބަހުން ވާހަކަ ދައްކައެވެ.

ފޯޅަވަހީގެ ވަޒަންވެރީން ބޭރު ކުރުން

އިނގިރޭސިންނާއި ފަރަންސޭސިންގެ އެގްރީމެންޓެއްގެ ދަށުން މޮރިޝަސްވެސް އިނގިރޭސިންގެ ދަށަށް އައެވެ. އެހެންނަމަވެސް ކުރީންވެސް އޮތްފަދައިން ޑިއޭގޯގާސިއާގެ މައްޗަށް ވެރިކަން ހިންގަމުން އައީ މޮރިޝަސްއިންނެވެ. މޮރިޝަސްއަށް 1968 ވަނަ އަހަރު އިނގިރޭސީން މިނިވަންކަން ދިންއިރު ޑިއޭގޯގާސިއާ ވަކިކުރިއެވެ. އަދި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައި ހަމަޖެއްސިއެވެ. އެކަންކުރީ ޑިއޭގޯގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށެވެ. އެމެރިކާއަށް ދިގުމުއްދަތަކަށް ޑިއޭގޯގާސިޔާ ކުއްޔަށް ދިނުމަށްޓަކައި އެތާގެ ވަޒަންވެރިން ލާއިންސާނީ ގޮތަކަށް ބޭރު ކޮށްލެވުނީއެވެ. ގިނަމީހުން ގެންދިޔައީ މޮރިޝަސްއަށެވެ. ބައެއް މީހުން ސީޝެލްސް އަށެވެ. މަދުބަޔަކު އިނގިރޭސިވިލާތަށެވެ.