ދިވެހީންގެ ތެރޭގައި ވަރަށްކުރީއްސުރެ ދެމެމުން އަންނަ އާދައެއް އޮވެއެވެ. މޮޅު މީހުންނަށް މޮޅުގޮތެވެ. ދެރަމީހުންނަށް ދެރަގޮތެވެ. އޭރުވެސް މިހާރުވެސް މޮޅު މީހުންނަށް ކުޑަ އަދަބެވެ. ދެރަ މީހުންނަށް ބޮޑު އަދަބެވެ. މިވާހަކަ ފެށީމާ ބައެއް މީހުންގެ ހިތަށް އަރައިފާނެއެވެ. މިކަލޭގެ އަނެއްކާ ކިޔާންކަމަށް މިއަދު ހިތުލައިގެން އުޅެނީ ކޮންފަދަ ވާހަކައެއް ބާވައެވެ. ދައްކާންއުޅޭ ވާހަކައިގެ ހެއްކަކީ ފަހެކޮބައިބާވައެވެ.

ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ ރަސްކަމުގެތެރޭގައި 1927 ވަނަ އަހަރު މާލޭގައި މާވަރުގަދަ ގަޑުބަޑެއް ހިނގައިފިއެވެ. ހާޖީ އިމާދުއްދީނުގެ ދޮށީދަރިކަލުން އަލްއަމީރު އަބްދުﷲ އިމާދުއްދީނު ރަސްކަމަށް އަރާވަޑައިގަތުމަށް އުޅުއްވީޔޯލައެވެ. މާންދޫގެޔަށް ވަދެނިކުމެވާ ކޮންމެ މީހަކީ އެމަނިއްޕުޅަށް ވާގިވެރިވާ މީހެކޯލައެވެ. ކޮންމެއަކަސް މިކަންތައްގަޑު ތާރީޚުގައި މަޝްހޫރުވެގެންވަނީ އަބްދުﷲ އިމާދުއްދީނުގެ ގަޑުބަޑުގެ ނަމުންނެވެ.

ގަލޮޅުގައި ހުންނަ ގެޔަކަށް މާލޭގެ ޒުވާނުންގެ ތެރެއިން ބަޔަކު ދޭތެރެދޭތެރެއިން އެއްވެއެވެ. އޭގެތެރޭގައި ގިނައީ މާންދޫގެޔާއި ގާތްމީހުންނެވެ. މީގެތެރޭގައި މޮޅުމީހުންނާއި ދެރަމީހުންވެސް ހިމެނެއެވެ. މިތާގައި މާބޮޑުކަމެއް ނުހިނގައެވެ. މަޖާވާހަކަ ދައްކައިފައި ތާސްކުޅެފައި މިޒާތަކުން އުޅެއުޅެފައި ދަނީއެވެ. އެއްރޭ މީގެތެރެއިން ދެރަ ބަޔަކު މިގެއިން ނިކުތްތަނާ ސިފައިން އައިސް ހައްޔަރުކޮށްގެން ބަނޑޭރިގެއަށް ގެންގޮސްފިއެވެ. ދެން ހަންމުށި އަޅައަޅާފައި ކުރާ ސުވާލަކީ ޝަމްސުއްދީނު ރަސްކަމުން ބާލައި އަބްދުﷲ އިމާދުއްދީނަށް ރަސްކަންދޭން އުޅުނިންތޯއެވެ. ނޫނެކޭ ބުނީމާ ޖަހަނީ ކުރިއަށްވުރެވެސް ބާރަށެވެ.

މިޒާތަކުން އަހުވަދައްކާންފެށީމާ ސުވާލުކުރާންތިބޭ މީހުން ބޭނުންވާގޮތަށް ބައެއްމީހުން ޖަވާބުދީފިއެވެ. މިޖަވާބު ލިބުނީމާ ތަހުގީގު ނިމުނީކަމަށް ކަނޑައަޅައި ސަރިޔަތަށް ފޮނުވައިފިއެވެ. ސަރިޔަތުން އިއްވި ނިޔާއަކީ ދެރަމީހުން ބުރީހަންގެންފައި އަރުވައިލުމެވެ. މޮޅުމީހުންނަށް މިއަދަބެއްނެތެވެ. ކަންޒުދޮށުގޭ މަނިއްޕުޅެއްގެ ބޭފުޅަކާއި ކަކާގޭ މަނިއްޕުޅެއްގެ ބޭފުޅަކާއި މިހެންގޮސް ރަސްކަމުގެ ޚާންދާނާއި ގުޅިފައިވާ ބޭފުޅުން ލައްވައި ޝަމްސުއްދީނު ރަދުންނަށް ވަފާތެރިވާން އިގުރާރުކުރުވައިފައި މާލޭގައި ބޭތިއްބީއެވެ.

މާންދޫގޭ އަލްއަމީރު އަބްދުﷲ އިމާދުއްދީނާމެދު އަމަލުކުރީ ކޮންގޮތަކަށްބާވައެވެ. މިކަންތައްގަޑުގެ ލީޑަރަކީ އެމަނިއްޕުޅުކަމަށް އޮތީ ވެފަައެވެ. އެމަނިއްޕުޅު ބަނޑޭރިގެޔަކަށްވެސް ނުގެންދެއެވެ. ސުވާލެއްކުރިއްޔާ ކުރީ މާންދޫގެއަށް މީހުން ފޮނުވައިގެންނެވެ. އެމަނިއްޕުޅު މާލޭ ފަޅުތެރޭގައިއޮތް ވޯރާވިޔަފާރިވެރިއެއްގެ ސްކޫނަރަކަށް ލައިފައި އެހީތެރިވާނޭ ޚާދިމުންގެ ދެމީހަކާއެކު އޮޅުދޫކަރައިގެ ކޮޅުނބަށް ފޮނުވައިލީއެވެ. އެވަގުތަކަށް ރާއްޖެއިން ވަކިކޮށް ބޭރަށް ފޮނުވައިލީއެވެ.

ޑާޑާ ކާސިމުމެންފަދަ ދެރަ މީހުން ބުރީހަންގެންފައި އަތޮޅުތެރެޔަށް އަރުވައިލިއިރު އަބްދުﷲ އިމާދުއްދީނުމެންނަށް ފުރިހަމަ އިއްޒަތުގައި ޚާދިމުންވެސް ދީފައި ބޭރުގައުމުތަކަށް ފޮނުވައިލީއެވެ. މޮޅުމީހުންނަށް މޮޅުގޮތް ހަދައިދީފައި ދެރަމީހުންނަށް ދެރަގޮތް ހަދައިލީއެވެ. އެއީ މީގެ ނުވަދިހަ ދެ އަހަރު ކުރިއެވެ. މިހާރުގެ ހާލަތަކީ ފަހެ ކޮބައިބާވައެވެ. ބައެއް ހާދިސާތަކަށް ވިސްނުން ހިންގައިލީމާ ކަންތައްކުރެވެމުންދާ އުސޫލުން މާބޮޑު ފަރަގެއް ނުފެނެއެވެ.

ދައުލަތުގެ ސިންގާސަނާގައި އިންނެވި ބޭފުޅަކަށް ހަޖަމުނުކުރެއްވޭ ޒާތުގެ ނިޔާއެއް ދެހާސް އަށާރަވަނަ އަހަރުގެ ކުރީކޮޅު ފަނޑިޔާރުގެއިން އިއްވައިފިއެވެ. މިކަމަކީ އެމަނިކުފާނުގެ ވެރިކަން ނިންމާލުމަށްޓަކައި މޮޅުމީހުންނާއި ދެރަމީހުންވެސް ހިމެނިގެން ވަރަށް ގިނަބަޔަކު ޝާމިލްވާގޮތަށް ރޭވުންތަކެއް ރާވައިގެން ހިންގި ގަޑުބަޑެއްކަމަށް އެމަނިކުފާނަށް ފެނިވަޑައިގެންފިއެވެ. މިއީ ފަނޑިޔާރުގޭގެ ގަޑުބަޑެކޭ ވިދާޅުވެ އެތާގެ ފުރާޅުން ޓިނު ނައްޓަވައި ބަޔަކު ހައްޔަރުވެސް ކުރައްވައިފިއެވެ. ހަގުބޭކަލުން ފޮނުއްވައިގެން އެކިގޭގެއިން ކަޅުފޮށިތަކެއްވެސް ނެރުއްވައިފިއެވެ.

ފަޓާސްބަރިއެއްގެ މިސާލުގައި ނިޔާތަކެއް އިއްވަވައި އެތައްބަޔަކު ހުރަގެޔަށް ލައްވައިފިއެވެ. އެމަނިކުފާނުގެ ވެރިކަމާ ތޮޅެން އުޅެނީކަމަށް ބައްލަވައި އަދި އެހެންކަންކަމުގައިވެސް މޮޅުމީހުންނާއި ދެރަމީހުން ހިމެނޭގޮތުން އެތައްބަޔަކު ހުރަގެޔަށް ލައްވައިފިއެވެ. ގިނަދުވަސްތަކެއްނުވެ މޮޅުމީހުން މިނިވަންވެއްޖެއެވެ. އެބޭފުޅުންގެ މައްޗަށް އިއްވި ނިޔާއަކީ އަނިޔާކަމަށް ހަމައެއްކަލަ ފަނޑިޔާރުގެއިންވެސް ނިންމައިފިއެވެ. މޮޅުމީހުން ވީއްލިގެންދިޔައިރު ދެރަމީހުން ތިބީ ހަމަދެރަގޮތުގައި އަދިވެސް ގައިދުވެފައެވެ. މީދޫ ސައީދަކާއި ހުޅުދޫ ހަމީދަކާއި މިހެންގޮސް ރާއްޖެތެރޭ ބީރައްޓެހީންގެ ގިންތީގައި ހިމެނޭ ދެރަ މީހުން މިނިވަންވާގޮތެއް ނުވިއެވެ. ބީރައްޓެއްސެއްވިއްޔާ ފަސްކުޅަނދު މަދުވާންޖެހޭތީވެސް ތޯއްޗެކެވެ. މިކަމާ އުޅޭބަޔަކުވެސް ވާހަކަ ދައްކާބަޔަކުވެސް ނެތެވެ.

އަދުލުއިންސާފަކީ ކަނުއެއްޗެކެވެ. ބޭރުތަންތާގެ ފަނޑިޔާރުގޭގޭގައި ތިލަފަތަކާއެކު ބުދެއް ހުރެއެވެ. އެބުދު ކަނުބަނދެފައި ބަހައްޓަނީ އެހެންވެގެންނެވެ. އިންސާފު އޭގެ ފުރިހަމަގޮތުގައި ހިންގޭނަމަ އެ އިންސާފަކަށް މޮޅުމީހެއް ދެރަމީހެއް ވަކިކުރާކަށް ނޭނގޭނެއެވެ. އެކަމަކު ރާއްޖޭގައި އޭރުވެސް މިހާރުވެސް އެއްކަލަ ބުދު ހުންނަނީ ނަމްބަރު އައިނު އަޅުވައިފައެވެ. ދެންމިވާގޮތަކީ މާންދޫގޭ މަނިއްޕުޅުގެ ސްކޫނަރ ދަތުރާއި ފަނޑިޔާރުގޭ ފުރާޅުން ޓިނު ނެއްޓުންފަދަ ހާދިސާތައް ތަކުރާރުވަނީއެވެ.