އަތިރީގޭ އަބުދުލްމަޖީދު ދީދީގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު އޭނާ އިސްވެހުންނަވައި މާލޭގެ މަގުތައް ހަދަމުންދިޔައިރު ގުޅަކުޅޭ ފަސްގަނޑުގެ ތެރެއިން ހުޅަނގަށް މެދުޒިޔާރަތްމަގު ގެންދާންޖެހުނީ އެއިރުގެ ފަނޑިޔާރުގެ ނުތަޅައި ފަރުޖެއްސޭނެ ގޮތަކަށް ވިސްނައިގެންނެވެ. ދެންވީގޮތަކީ އަދިއެއަށްވުރެވެސް ބޮޑުކަމެއް ލައިގަތީއެވެ. އެއީ އެދާގޮތަށް ދާނަމަ މަޖީދު ދީދީގެ "މާފަންނުގެ" މަގަށް ހިނގައިދާނެހެން ހީފުޅުވުމެވެ. އެހެންވެ ރުއްރުކާއި ގަސްގަހަށް މީހުން އަރުވައި ބެލިއިރު އަސްތާ ސަލާމަތެއްނެތެވެ. އެދާގޮތަށް ބުރުލެއް ނާރުވައި ސީދަލަށް ދަންޏާ މަގުގެ މެދަށްގޮސްގެން މާފަންނުގެ ތަޅާލަންޖެހޭނެއެވެ.

ދެން މިދީދީ ވިދާޅުވެއްޖެއެވެ. މަގުގެ މިދިމާލުން ކުޑައިކޮށް ގުދެއްލައިފައި އެގޮވަތި ސަލާމަތްކުރާން އުޅޭށެވެ. ދެން މީސްތަކުންކުރެ ތަންދޮރު އޮޅުންފިލުން ކުޑަ ބައެއްމީހުން އާދަމަﷲ އޭ ގޮވައި އަރުވައިޖަހައި އެކަމާއި ގަދަޔަށް އުޅެގެންފިއެވެ. ތަންދޮރު އޮޅުންފިލުން ކުޑަ ބައެކޭ މިބުނީ އެއިރުވެސް އާދަމަﷲ އޭ ގޮވާންޖެހެނީ ރަދުން ހަވަރަށް އެއްޗެއް އެންގެވީމާ ނުވަތަ ސަލާމުގެ ބަސްފުޅު އިއްވެވީމާ އޭގެ ޖަވާބުގައެވެ. މަޖީދު ދީދީއަކީ އެއިރު ރަސްކަމަށް އިންތިޚާބުވެފައިވާ ބޭފުޅެއްވެސް ނޫނެވެ. ވީއިރު މަޖީދު ދީދި ވިދާޅުވި އެއްޗަކަށް ތަންދޮރު އޮޅުންފިލާ ބަޔަކު އާދަމަﷲ އޭ ގޮވާނެ އުސޫލެއް ހަމައެއް ނެތެވެ.

މަޖީދު ދީދީގެ މާފަންނުގެ ސަލާމަތްކުރާން ގުދެއްލައިފައި އެމަގު ހަދާންޖެހުނުއިރު ފުރަމާލޭގެ ގޮވަތިތެރޭ ހައްދާ އެއްޗަކުން ބަނޑުފުރާނަ މުއްތިކުރަމުންދިޔަ ނިކަމެތި ފަގީރުންގެ ކިތަންމެ ކިތަންމެ ބައެއްގެ ގޮވަތިގެދޮރު އެފަހަރު ސުންނާފަތިވެގެން ދިޔައެވެ. އަމިއްލަ ގެދޮރާއިޖެހުނީމާ މަގު ގުދުކޮށްކޮށްފައި ރުޅިއަރާމީހުންގެ ގެދޮރާޖެހުނީމާ އެތަންތަން ނައްތާލައި މިޒާތަކުން މާލޭގެ މަގުތައް ހަދައި ނިންމާލައިފިއެވެ. މިކަންތައްގަޑު ނިންމައިލުމަށްފަހު އަބްދުލްމަޖީދު ދީދީގެ ދެވަނަ ދަރިކަލުން ހަސަން ފަރީދާއި ދިވެހި ދައުލަތުގެ އެންމެހައި ކަމަކާއި މަތިކުރެއްވުމަށްފަހު މަޖީދު ދީދީ ވިލާތާއި އެކި ކަރަތަކުގައި އުޅުއްވާން ފައްޓަވައިފިއެވެ. އެއަކީ ކޮންމެހެން އެދީދީ މިރާއްޖެ މުޅީން ދޫކުރައްވައި ހިޖުރަކުރެއްވުމެއްް ނޫނެވެ. އަދި ކިޔެއްތަ އެއީ މުނިފޫހި ފިއްލެއްވުމަށް ކުރެއްވި ކަމެކެވެ.

ބުނެވޭގޮތުގައި އެކި ކަރަތަކުގައި އުޅުއްވާން ފެއްޓެވިފަހުން މިސްރުންވެސް ބުރުސޫރަ ރިވެތިވެގެންވާ ބެއިކަނބަލަކާއި ކައިވެނިފުޅު ކުރެއްވިއެވެ. އޭގެ އަހަރުތަކެއް ފަހުން މަޖީދު ދީދީއަށް ކާފަ ވިދާޅުވާ އެހެން ދީދި ބޭފުޅަކުވެސް އެތާގައި ހުންނެވިކަމުގެ ރިވާތައް އުޅުނެވެ. އެއީ އެދީދީގެ ދިރިއުޅުއްވުމުގެ އަމިއްލަފުޅު މަގެވެ. އެއީ މުޅީން އެހެން ބާބެކެވެ. އެހެންވީމާ އެބާބު ކުރުކޮށްލީއެވެ.

ކޮންމެއަކަސް މިގޮތުގައި އަހަރުން ދުވަހެއް އުމުރުން ދުވަހެއް ފާއިތުވަމުންގޮސް މަޖީދު ދީދީގެ ދަރިކަލުން ހަސަން ފަރީދަށް ވީގޮތެއްވެ އެދަރިކަލުން ގެއްލި އަވަދިވެއްޖެއެވެ. ދެން ދިވެހި ދައުލަތުގެ އެންމެހައި ކަމަކާއި މަތިކުރެއްވީ މަޖީދު ދީދީއާއި އެއްބަފާ ބޭބޭގެ ދަރިކަލުން މުހައްމަދު އަމީނާއެވެ. މި ދީދީއަށް ލޯބިން މަޖީދު ދީދީ ބައެއްފަހަރު މުހައްމައިދި އަނެއްބައިފަހަރު މުހައްމަދުކޯ ވިދާޅުވާކަމަށްވެއެވެ.

އަމީން ދީދީ އިސްވެ ހުންނަވައިގެން ދިވެހި ދައުލަތް ހިންގަވާން ފެއްޓެވުމާއެކު މާލޭގައި މަޖީދު ދީދީ ހެއްދެވި މަގުތަކާއި ގޯޅިތަކަށް ނަންކިޔާން އަވަށްތަކުގެ ވެރިންނާއި ކޮންމެ އަވަށަކުންމެ ކުރިޔަށް ތިއްބެވި ބޭކަލުންގެ ތެރެއިން ދެ ބޭކަލަކާއެކު ކޮމިޓީއެއް އެކުލަވައިލައްވައިފިއެވެ. މި ކޮމިޓީގެ ބެއިކަލުންގެ މެދުގައި މުޝާވިރުވެވި ނިންމެވީ ފުރަމާލޭގެ އެންމެބޮޑު ތިން މަގަށް ނަންކިޔުން އައުލާކަންބޮޑުވެގެންވަނީ މި ދިވެހިރާއްޖެ އުފެއްދި އެންމެ އިއްޒަތްތެރިން ކުރެ ތިން ބޭފުޅެއްގެ ނަންފުޅަށް ކަމަށެވެ.

ދެން މި ކޮމިޓީގެ އެންމެ ބޭކަލުން ހިތުން ރުހުމުން ލޮލުން ބޮލުން މިކަން ފާސްކުރެއްވީ މާލޭގެ އެއްކޮޅުން އަނެއްކޮޅަށް އޮންނަ ބޮޑުމަގު އަބްދުލްމަޖީދު ދީދީގެ ނަންފުޅަށް ނިސްބަތްކޮށް މަޖީދީމަގު ކިޔުމަށެވެ. މަޖީދު ދީދީގެ މާފަންނުގެ ސަލާމަތްކުރާން ގުދެއްލައިފައި ހަދާންޖެހުނު މަގަކީ މެދުޒިޔާރަތް މަގާއި ގުޅިފައިވީ މަގަކަށްވީ ނަމަވެސް މިމަގު މާފަންނާއި ގުޅޭ ހިސާބުން ހުޅަނގަށްދާ ބަޔަށް ކިޔާންޖެހޭ ނަމަކީ ފަރީދީމަގު ކަމާއި މިމަގު ނިސްބަތްވަނީ މަޖީދު ދީދީގެ ގެއްލުނު ދަރިކަލުން ހަސަން ފަރީދަށް ކަމަށްވެސް ނިންމަވައިފިއެވެ.

މަޖީދު ދީދީމެންގެ އާއިލީ ގެ ހެންވޭރު އަތިރީގެ ހުންނަ މަގު ހުޅަނގަށް ގޮސް މާފަންނު ދޮރޯއްޓާއި ހިސާބަށް ކިޔާނޭ ނަމަކީ އަމީރުއަހުމަދު ކަމާއި މިނަން ނިސްބަތްވަނީ ދިވެހި ދައުލަތް ހިންގަވާން އިސްވެ ހުންނެވި އަމީން ދީދީގެ ބައްޕާފުޅު އަދި މަޖީދު ދީދީގެ ބޭބޭފުޅު އަހުމަދު ދޮށިމޭނާކިލެގެފާނަށް ކަމަށްވެސް ނިންމަވައިފިއެވެ. އަދި ހަމަ މިމަގު މާފަންނު ދޮރޯށީން ފެށިގެން އީދު މިސްކިތާއި ހަމައަށް އެދާ ދިޔުމަށް އޯކިޑޭ ނަންކިޔައި މިނަން ދިވެހި ދައުލަތް ހިންގަވާން އިސްވެހުންނެވި އަމީން ދީދީގެ ނަންފުޅަށް ނިސްބަތްކުރުމަށްވެސް ކަނޑައަޅުއްވައިފިއެވެ.

މިއަށްފަހު މި ކޮމިޓީގެ ބެއިބެއިކަލުން ފުރަމާލޭގެ ކުދިކުދި މަގުތަކާއި އެކިވަރުގެ ގޯޅިތަކަށްވެސް އެބެއިކަލުންނަށް ފެނިލެއްވި ގޮތަކުން ފެނިލެއްވި ރިވެތި ނަންތަކެއް ދެއްވިއެވެ. މިގޮތަށް ނަންދެއްވި ދެއްވުމުގައި އަމީން ދީދީ ހިތްޕުޅާ ހަމަކުރައްވާ އެދީދީގެ އަރިސް ކަނބަލުންތައް އުޅުއްވާ ގޭގެޔާއި ޖެހިގެން ހުންނަ މަގުމަގަށް އެކަނބަލުންނަށް ނިސްބަތްކުރެވޭ ނަންނަންވެސް ދެއްވިއެވެ. ހެންވޭރު ސޯސަންމަގާއި ވައިލެޓްމަގަށް ނަން ކިޔުއްވީ އޭގެތެރެއިން ކަނބަލެއްގެ ޝަރަފުގައެވެ. ގަލޮޅު ޑޭޒީ މަގަށް ނަން ދެއްވީވެސް އެފަދަ މަލެއްގެ ޝަރަފުގައެވެ.

އޭގެފަހުންވެސް މި ރާއްޖޭގެ ވެރިކަމަށް އަންނަ ބަދަލާއި ގުޅިގެން މާލޭގެ މަގުތަކާއި ގޯޅިތަކުގެ ނަންނަމަށް ބަދަލު އައުދެއެވެ. މިހެންވީނަމަވެސް މިފަދަ ބަދަލުތައް އަންނަ އެއްވެސް ފަހަރަކު މި ދިވެހިރާއްޖެ އުފެއްދި އެންމެ އިއްޒަތްތެރިންގެ ކުރެ ތިން ބޭފުޅެއްގެ ނަންފުޅަށް ނިސްބަތްވާ މަޖީދީމަގާއި ފަރީދީމަގާއި އޯކިޑްމަގުގެ ނަމަށް އެއްވެސް ބަދަލެއް ނައުދެއެވެ. އެފަދަ ބަދަލެއް ގެނައުން ހެޔޮވެސް ނުވާހުއްޓެވެ.

އެއިން ބޭފުޅެއްގެ ނަންފުޅަށް މަގެއް އިތުރުވުމަކީ އަދި އެހެންކަމެކެވެ. އެއީ އެބޭފުޅެއްގެ ޝަރަފު އިތުރުވާނޭ ކަމެކެވެ. އެހެންވެގެންތާއެވެ. މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާލޭގެ ދެކުނުފަރާތުގައި ހެދި ބޮޑުމަގަށް މުހައްމަދު އަމީނަށް ނިސްބަތްކޮށް އަމީނީމަގޭ ކިޔައި ނަންދީފިއެވެ. އެއިރު އެ އަމީން ދީދީއަށް ނިސްބަތްކުރެވޭ އޯކިޑްމަގުގެ ފުޅާކަމާއި ހައިބަތު ވަކިކުޑައީކީވެސް ނޫނެވެ. އެމަގު މައުމޫނަށް ގިނަގިނައިން ފެނިވަޑައިނުގަންނަވަނީއެއްވެސް ނޫނެވެ. ރިޔާސީ ކިއްލާ ތީމުގެ ހުންނަނީ އެމަގުގައެވެ.