ވައިބާރު ދުވަހެއްގައި ކަނޑަށް ނިކުމެ އުޅޭ ރިޔަލު ބައްތެއްޔެއް އާއްމުގޮތެއްގައި ބަންޑުންޖަހައިލާނީ ހުންގާނުގައި ހުންނަ މީހެއްގެ ހުޝިޔާރުކަން ކުޑަވެގެންނެވެ. ރިޔަލަށް ގެންނާންޖެހޭ ކުދިކުދި ބަދަލުތައް ހާލަތާއި ވަގުތާ އެކަށޭނަގޮތުން ގެނެވޭނަމަ ބަންޑުން ޖަހައިލުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ.

ދައުލަތަކަށް ނިސްބަތްކުރާނަމަ ރައްޔިތުންގެ މަޖިލީހަކީ މިދެންނެވިޒާތުގެ ބައްތެއްޔެކެވެ. އެމަޖިލީހުގެ ރައީސަކީ އެބައްތެލީގެ ހުންގާނުގައި ހުންނަމީހާއެވެ. ދަންމާނަށް ދަމައި ވާންކުރަންޖެހޭ ހާލަތުގައި އެކަންނުކޮށް ދޫދޭންޖެހޭ ދަނޑިވަޅުގައި އެކަންވެސްނުކޮށް ކުރިޔަށް ބެލުމުގެ ބަދަލުގައި ހުންގާނުމޮޔަށް ބަލާން ހުރެއްޖެނަމަ ބައްތެލި ބަންޑުންވެދާނެއެވެ. މިތަޖުރިބާ މިދިވެހި ގައުމުގައި އެއްފަހަރަށްވުރެ ގިނަފަހަރު ދިވެހިންވަނީ ކޮށްފައެވެ. އެހެން ހެދިނަމަ މިހެން ހެދިނަމަ ސަރުކާރެއްވެސް ނުވެއްޓުނީހޭ ބުނާން މެދުވެރިވި ކިތަންމެ ހާލަތެއް ދިވެހިން ވަނީ ތަޖުރިބާކޮށްފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނާމެދު އެވީއެއްޗެއްވެ ވެރިކަން އިންގިލާބުވެގެން ދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވީ މަލިމް މޫސާ މާފަތްކަލޭގެފާނެވެ. މާލެއާ ގާތުގައިވާ ފަޅުރަށެއްގައި އަމީން ދީދީ ހައްޔަރު ކުރުމުން ތިޔަހެން ނުހެދޭނެޔޭ އެއީ މިގައުމުގެ ރައީސޭ ކަންކަންކުރާން އޮންނަ އިޖުރާއަތްތައް ފުރިހަމަކުރާށޭ ވިދާޅެއް ނުވެއެވެ. ހުންގާނުމޮޔަށް ބަލާން ހުންނެވީއެވެ. މަޖިލީސް އެއްތަންކޮށް އިޖުރާތުތައް ފުރިހަމަކުރެވުނުތޯ ބައްލަވާކަށެއްވެސް ނޫޅުއްވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަންދޫބުންގެ މަޖިލީހެވެ. މިވަރުގެ ކަމެއް ނިމިގެންދާއިރު ބަހެއްބުނެ ނިންމުމެއް ނިންމާން އެމަޖިލީހަށް ހައިސިއްޔަތުވެސް އޮންނާންވާނެތާއެވެ. އެކަމަކު މަލިމް މޫސާ މާފަތްކަލޭގެފާނު ހަމަ ހުންނެވީއެވެ.

ރައީސް ނަޝީދުގެ ސަރުކާރު ވެއްޓިގެންދިޔައިރު މަޖިލީހުގެ ރިއާސަތުގައި އިންނެވީ އަބްދު ﷲ ޝާހިދެވެ. ނަޝީދުގެ އިސްތިއުފާގެ ސިޓީކަމަށް ބުނާ ސިޓީ ލިބިވަޑައިގަތުމުން ޝާހިދު އަމަލުކުރެއްވީ ހިކުމަތްތެރިކަމާއެކު ބާވައެވެ؟ އެއީ ހަމަ ނަޝީދުގެ ސިޓީއެއްތޯ އަދި އެއެއްޗެއްގައި ނަޝީދު ސޮއިކުރެއްވީ ހިތުންރުހުމުންތޯ ޔަގީންކުރަން އެއްވެސް ކަމެއް ކުރެއްވިބާވައެވެ. އަޅުގަޑުދެކޭގޮތުގައި އެ އިސްތިއުފާއަށްފަހު ނަޝީދު ދެއްކެވި ބައެއް ވާހަކަފުޅުތަކާއި އަދި ކަން ފުރޮޅިގެންދިޔަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާންޖެހިވަޑައިގަންނަވާ ކިތަންމެ ކަމެއް ޝާހިދު ނުކުރައްވައެވެ. ކުރެއްވިނަމަހީ ފަހުން އެއިވުނު ކިތަންމެ ވާހަކައެއް އެގޮތަށް އިވޭކަށް ފުރުސަތެއް ނޯންނާނެއެވެ. އެކަން ޔަގީނެވެ.

ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތަށް ދުރުމި ހިންގައިލީމާ ސަރުކާރުގެ ބަލިފަޔަކީ މަޖިލީސްކަމަށް ވިޔަނުދިނުމަށް ބައެއް ދައުރުތަކުގައި ވަރަށް ބޮޑަށް މަސައްކަތްކުރެވިފައިވާ މަންޒަރު ވަރަށް ސާފުކޮށް ފެންނާނެއެވެ. އެގޮތަށް މަސައްކަތްކުރެވިފައި ނެތް ދައުރެއްވިއްޔާ ސަރުކާރަށް އޮތީ ލޮޅުންއަރައިފައެވެ. މީގެ އަނެއް މިސާލަކީ ބޮޑުވަޒީރުކަމުން އިބްރާހިމް ފާމުދޭރިކިލެގެފާނު އިސްތިއުފާ ދެއްވަން މަޖުބޫރުވި ހާލަތެވެ. މަޖިލީހުގެ ރިއާސަތުގައި އިންނެވީ ރަދުންގެ ކޮއްކޯފުޅު އިބްރާހިމް ފަރީދެވެ. މަޖިލީސްތެރެއިން ފާމުދޭރިކިލެގެފާނުގެ ހިމާޔަތުގައި އަދި ސަރުކާރުގެ ހިމާޔަތުގައި ކުރާންޖެހޭ ކަންކަން ކުރެއްވުމުގެ ބަދަލުގައި އިބްރާހިމް ފަރީދު ހުންނެވީ ކުޅިބަލާ މީހެއްގެ ގޮތުގައެވެ. އިސާހިތަކު އިބްރާހިމް ފާމުދޭރިކިލެގެފާނަށް ޖެހިވަޑައިގަތީ މަގާމު ދޫކޮށްލައްވާށެވެ.

މިޒާތުގެ ކަންކަން މިހެން ހިނގާނެކަމަށް ބައްލަވައިގެން ބައެއްވެރިން މަޖިލީހުގެ ރިއާސަތަށް ގެންނެވީ ވަފާތެރިކަމުގައި ދެގޮތެެއްނުވާނެކަން ޔަގީންކުރެވޭ ބޭފުޅުންނެވެ. މިސާލަކަށް ނާސިރުގެ ދައުރުގައި އެއްގަމުގޭ ޝާތިރެވެ. މައުމޫނުގެ ދައުރުގައި ދެފަހަރެއްގެމަތިން އަބްދު ﷲ ހަމީދެވެ. ޔާމީނުގެ ދައުރުގައި މަސީހެވެ. މިބޭބޭފުޅުން އެމަގާމުގައި ބޭތިއްބުމަށްޓަކައި މިދެންނެވި ވެރިން ނުކުރައްވާކަށް ކަމެއް ނެތެވެ. މީގެ އެންމެ ކުލަގަދަ މަންޒަރުތައް ފެނިފައިވަނީ ޔާމީނުގެ ދައުރުގައެވެ. މަސީހުގެ ދިފާއުގައި ޔާމީނު ނުކުރައްވާ ހަމައެއްކަމެއްވެސް ނެތެވެ. ގާނޫނީ އިމުގެ ބޭރުންވިޔަސްމެއެވެ.

މިފެށޭ ހަފުތާގެ އަންގާރަދުވަހު ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް ހުވައި ކުރާނެއެވެ. ހަމައެދުވަހު މަޖިލީހުގެ ރައީސާއި ނާއިބުރައީސް ހޮވާނެއެވެ. މަޖިލީހުގެ ރިއާސަތަށް ބޭފުޅަކު ހޮވާއިރު އެބޭފުޅަކީ ސަރުކާރަށް ބަރޯސާވެވޭނެ ބޭފުޅެއްކަން ޔަގީންކުރަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއް ނުވާނެބާވައެވެ. ނޫނެކެވެ. ވަރަށް ބޮޑަށް ބޭނުންފުޅުވާނެއެވެ. މަޖިލީހުގެ ރިއާސަތަށް ވިލުފުށީދާއިރާގެ މެންބަރު ހަސަން އަފީފު ގެންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާ ސަބަބަކީ އެއީއެވެ. އެކަމަކު އެމަނިކުފާނަށް މިކަމުގައި ވަރަށް ބޮޑު ގޮންޖެހުމެއް އެބައޮތެވެ. އެއީ އެމްޑީޕީގެ ތެރެއިން ކުރީގެ ރައީސް ނަޝީދާއި ނަޝީދުގެ ސަޕޯޓަރުންނެވެ. އެބޭފުޅުން ބޭނުންފުޅުވާކަމަށް ފެންނަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ނަތީޖާއެއްގެ ގޮތުން މިރޭހުގެ ފޯރިވަނީ ވަރަށް ގަދަވެފައެވެ.

ނަވާރަވަނަ މަޖިލީހަކީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިފައިވާ މަޖިލީހެކެވެ. އެހެންވީމާ އެހެންބައެއްގެ އެހީތެރިކަމެއްނެތި ވަރަށްވެސް ފަސޭހައިން އެމްޑީޕީއަށް މިކަން ނިންމައިލެވިދާނެއެވެ. އެކަމަކު އެހާފަސޭހައެއްވެސް ނުވިއެވެ. ސިއްރަކީ އިތުބާރާއި އިޚުލާސްތެރިކަމުގެ ސުވާލެވެ. ހަސަން އަފީފަށް ރައީސް ނަޝީދުގެ އިތުބާރުނެތީއެވެ. އަސްލަމަށް ރައީސް އިބޫގެ އިތުބާރުނެތީއެވެ. އެހެންވީމާ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުމަށް ޖާގަލިބުނީއެވެ.

އަޅުގަޑަށް ގަބޫލުކުރެވޭގޮތުން ހަސަން އަފީފަށް ރައީސް ނަޝީދު އިތުބާރު ނުކުރައްވާނަމަ އެކަމުގެ ސަބަބުގޮސް ގުޅެނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމަށް މެދުވެރިވި ކަންކަމާއެވެ. އޭރު ހަސަން އަފީފަކީ ހޯމް މިނިސްޓަރެވެ. ފުލުހުންގެ ވެރިޔާއެވެ. އަފީފު ގިނައިން އިންނަވަނީވެސް ފުލުހުންގެ މައި އިދާރާގައެވެ. އެކަމަކު ހުރިހާ ފުލުހުން ނަޝީދުގެ ސަރުކާރުގެ ފަހަތުގައި ސާބިތުކަމާއެކު ބޭތިއްބުމުގައި އަފީފަކަށްވެސް އަދި އޭރުގެ ފުލުސް ކޮމިޝަނަރު ފަސީހަކަށްވެސް މާބޮޑުކަމެއް ނުކުރެއްވުނެވެ. އޭގެ ނަތީޖާ އެންމެނަށްވެސް ފެނުނެވެ.

އަސްލަމަށް ރައީސް އިބޫ އިތުބާރު ނުކުރައްވާނަމަ ނުކުރައްވާ ސަބަބެއް އަޅުގަޑަކަށް ނޭނގެއެވެ. ރައީސް އިބޫވަނީ ފަނަރަ އަހަރު މަޖިލީހުގެ ތެރޭގައި އަސްލަމާއި ވަރަށް ގާތުން މަސައްކަތް ކުރައްވާފައެވެ. އެހެންވީމާ އަޅުގަޑުމެންފަދަ މީހަކަށްވުރެ މާބޮޑަށް އަސްލަމާއިމެދު ގޮތެއް ނިންމަވަން އިބޫއަށް ފަސޭހަފުޅުވާނެއެވެ. މާޒީގައި ލިބިފައިވާ ފިލާވަޅުތަކުގެ އަލީގައި މަޖިލީހުގެ ރިއާސަތަށް އަސްލަމަށްވުރެ އަފީފު އެކަށީގެންވާ ކަމަށް ރައީސް އިބޫއަށް ފެނިވަޑައިގަންނަވާނަމަ އޭގެ ސަބަބުތައް ހުންނާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމު ހިންގަވާއިރު މަޖިލީސް އޮންނާންޖެހޭނެ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭ ގޮތާއި ގުޅިފައިވާ ސަބަބުތަކެކެވެ.