ދިވެހިރާއްޖޭގެ އެންމެ ދެކުނުން އައްޑުއަތޮޅާ ދާދިގާތުގައިވާ ފޯޅަވައްސަކީ ދިވެހީންނަށް އައުރަށެއް ނޫނެވެ. އެއީ ދިވެހީން ދިރިއުޅެފައިވާ އަދި ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި ބަލަމުން އައިސްފައިވާ ރަށެކެވެ. މިކަން ސާބިތުކުރުމަށް ދެއްކޭނޭ ކިތާބީހެެއްކާއި ތުންތުންމަތިން ވާރިދުވަމުން އަންނަ ލައްކަ ގިނަ ވާހަކަވެސް އެބަހުއްޓެވެ.

ފޯޅަވައްސަށް ރާއްޖޭގެ އުތުރުގައި ދިވެހިން ކިޔައިއުޅެނީ ފޭހަންދީބެވެ. އެހެންނަމަވެސް އައްޑުއަތޮޅުގައި ކިޔަނީ ކުޑަކޮށް ތަފާތުކޮށް ފެހެންދީބު މިހެންނެވެ. ސެންސްކުރިތު ބަހުން ފެހެންދީބުގެ މާނަޔަކީ ހިތްފަސޭހަ ރަށްތަކެވެ. ހިތްފަސޭހައޭ ކިޔައި ނަންދޭނީ ހިތްފަސޭހަވީމައެވެ. ރަށެއް އަދި އޮތަކަސް ރަދީފުގައި ނަންތަކެއް ހުއްޓަކަސް ހާވާބަލައިފައި ނަމެއް ނުދޭނެއެވެ. އެނަން ކިޔާފައި އެއޮތީ މީހުން ދިރިއުޅެގެން ހިތްތަކަށްވެސް ފަސޭހަވެގެންނެވެ. އިހުޒަމާނުގައި ނަންދީފައި އޮންނަނީ އެތަނެއްގެ މާހައުލާއި ލިބެން ހުންނަ ތަކެއްޗާވެސް ގުޅުވައިގެންނެވެ. މީގެ އެންމެ ރިވެތި އެއްމިސާލަކީ ތޭންގަދީބެވެ. ސެންސްކުރިތު ބަހުން ތޭންގަދީބަކީ ކާށި ލިބެން ހުންނަ ރަށްތަކެވެ. ނުވަތަ ކާށިދޫއެވެ. މިނަން އެޒަމާނުގައި ކިޔާފައިއޮތީ މިހާރު ސީޝެލްސްގެ ނަމުން މަޝްހޫރުވެފައިވާ ރަށްތަކަށެވެ. އެޒަމާނުގައި ތާވައްކާށި ލިބެނީ ތޭންގަދީބުން އެކަންޏެވެ. އެހެންވީމާ އެނަންދިނީއެވެ.

އިހުޒަމާނުގައި އައްޑުއަތޮޅުގައި ތިބެފައި ފުވައްމުލަކަށް ނޫނީ ހުވަދުއަތޮޅަށް ދަތުރުކޮށް އުޅުނުބީދައިން ފޯޅަވައްސަށްވެސް ދިވެހީން ދަތުރުކޮށް އުޅުނެވެ. ފޯޅަވައްސަށް ދަތުރުކުރާން ނުދަންނަ މާލިމީއަކު ނުހުރެއެވެ. ފޯޅަވައްސަށް ދަތުރުކުރާނޭގޮތާއި ފޯޅަވަހި އޮންނަ ޕޮޒިޝަން ލިޔެފައިނުވާ ނިޔަމިކަމުގެ ފޮތެއް ނޯވެއެވެ. އެވަރަށް ބަރާބަރަށް އެކަން ހިނގަމުން އައީ އެންމެ ސަބަބަކާހުރެއެވެ. ފޯޅަވަހީގައި ދިވެހިން ދިރިއުޅުނީމައެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށަށްވެސް ދަތުރުކޮށް އުޅުނު މިސާލުގައި ހަމައެބޭނުމުގައި ފޯޅަވައްސަށްވެސް އައިސްގޮސް އުޅުނީއެވެ.

އައްޑުއަތޮޅުގެ ކުރީގެ މަޝްހޫރު މާލިމީންގެ ތެރެއިން ހުޅުދޫ އަރާއިރަގޭ މާލިމީ މޫސާ ތައްޚާނު މީގެ ސަތޭކައެއްހާ އަހަރު ކުރިން ލިޔުއްވަައިފައިވާ ނިޔަމިފޮތަކީ މިބުނި ވާހަކަތަކަށް ބާރުލިއްބައިދޭ ފޮތެކެވެ. ދުނިޔޭގެ ޗާޓުން ދިވެހިރާއްޖޭގެ ޕޮޒިޝަން އޭނާ ލިޔުއްވާފައިވަނީ އަންނަނިވި އިބާރާތުންނެވެ. ފަޞްލު ދިވެހިރާއްޖޭގެ ޢަރްޟު ބުނާނަމެ ފޯޅަވަހީ ދަރަޖަ... އައްޑޫ ގަމު ދަގީގު... މަރަދޫ ދަގީގު... ހިތަދޫ ދަގީގު... ކޯއްޓޭ ދަގީގު...

މިލިޔުމަށް ވިސްނައިލީމާ އެއްކަމެއް ޔަގީންވެއެވެ. ފޯޅަވަހި ބަލާފައި އެއޮތީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައެވެ. ދެންވެސް ބަޔާންކޮށްފައިވާ ރަށްރަށް ފަދައިން މާލިމީ ގަބޫލުކުރައްވާފައި އެވަނީ ފޯޅަވައްސަކީވެސް ދިވެހިރާއްޖޭގެ ރަށެއްކަމުގައެވެ. އެހެންނޫންނަމަ އެއިބާރާތެއް ނުގެންނަވާނެއެވެ. މިގޮތަށް ނިޔަމިފޮތް ލިޔުއްވާފައިވަނީ މާލިމީ މޫސާ ތައްޚާނު އެކަންޏެއް ނޫނެވެ. އެންމެންވެސް ލިޔުނީ އެހެންނެވެ. އެކަމަކު އެފޮތްތައް މިހާރު ފެންނާންނެތީއެވެ. މޫސާ ތައްޚާނުގެ ފޮތް ފެންނާން އެބައޮތެވެ.

ފޯޅަވަހީގެ ހަގީގީ ތާރީޚު ހޯދައި ބަލާކަމަށްވެއްޖެނަމަ ދިވެހިރާއްޖޭގެ ތާރީޚަށް ފީނުމަކީ ލާޒިމްކަމެކެވެ. ފޯޅަވައްސާއިމެދު ދޫދޫމަތިން ދިވެހީންގެ ތެރޭގައި ދެކެވުމުން އައިސްފައިވާ ވާހަކަތަކަށްވެސް ރިއާޔަތްކުރާން ޖެހޭނެއެވެ. އެހެނީ ފޯޅަވައްސާއި އެންމެގާތުގައި ތިބީ ދިވެހިންނެވެ. ދުނިޔޭގެ އެއްވެސްބަޔަކު ފޯޅަވައްސަށް ދިއުމުގެ ކުރިން އެތަން ހޯދައިގެން އެތަނުގައި ދިރިއުޅެފައިވަނީ ދިވެހިންނެވެ. މަސްކަރަހެންސާއޭ ކިޔުނު ޕޯޗްގީޒު ސައްޔާހަކު މީލާދީން ފަނަރަސަތޭކަ ބާރަވަނަ އަހަރު ފޯޅަވަހި ހޯދުމުގެ މާކުރިންވެސް ދިވެހިން ތިބީ އެތަނަށް ދަތުރުކޮށްކޮށެވެ. އިލޮއިސް މީހުން ފޯޅަވަހީގައި ވަޒަންވެރިވުމުގެ މާކުރީން އެތާގައި ދިވެހީން ވަނީ އުޅެފައެވެ. މިކަންކަން ތިލަކުރެވޭނީ ދިވެހި ތާރީޚުންނެވެ. އެއީ މޮރިޝަސްގެ ތާރީޚަކުން އަދި އެހެންބައެއްގެ ތާރީޚަކުން ކުރެވޭނޭ ކަމެއް ނޫނެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަރަންޖީ އެންމެފުރަތަމަ ސައްޔާހަކީ ފަރަންސޭސިއެއްކަމަށްވާ ފްރާންސުވާ ޕިރާޑް ޑިލަވާލްއެވެ. އޭނާ މިރާއްޖެއަށް އައީ ކަލާފާނުގެ ރަސްކަމުގެ ދައުރުގައެވެ. މީލާދީން ސޯޅަސަތޭކަ ދެވަނަ އަހަރުން ފެށިގެން ސޯޅަސަތޭކަ ހަތްވަނަ އަހަރާ ހަމަޔަށް އޭނާ މާލޭގައި ދެމިހުއްޓެވެ. ތަންތާގެ ތާރީޚު ފެށެނީ ފަރަންޖީއަކު އެތަނެއް ހޯދައި އެތަނަކަށް ޒިޔާރަތްކުރުމުންކަމަށް ވަންޏާ ދިވެހިރާއްޖޭގެ ތާރީޚުވެސް ފަށަންޖެހޭނީ ޕިރާޑާ ހަމައިންނެވެ. އެކަމަކު އެހެން ފަރުޖެއްސޭނެތޯއެވެ. ނުޖެއްސޭނެކަން ކަށަވަރެވެ.

މިބުނި ޕިރާޑު ދިވެހީންގެ ތެރޭގައި އުޅުނީ ޕޯޗުގީޒް ދަތުރުވެރިޔާ މަސްކަރަހެންސާ ފޯޅަވަހި ހޯދިކަމަށް ބުނާ ތާރީޚަށްވުރެ ނުވަދިހަ އަހަރު ފަހުންނެވެ. އެކަމަކު ފޯޅަވައްސާއި ދިވެހިންގެ ގުޅުންތަކާއިމެދު ޕިރާޑު ލިޔެފައިވާ ލިޔުންތަކުން ކަށަވަރުވަނީ މަސްކަރަހެންސާއަށްވުރެ މާކުރީގައިވެސް ދިވެހިން އާއްމުގޮތެއްގައި ފޯޅަވައްސަށް އައިސްގޮސްވާކަމެވެ. މިކަމަކީ އެންމެ އެވޭލާ އިރުއްސުރެ ހިނގަމުން އަންނަކަމެއް ކަމެވެ. އަދިކިޔެއްތަ ފޯޅަވައްސަކީ ދިވެހި ރަސްގެފާނުގެ ހުކޫމަތުގެ ދަށުގައިވާ ރަށަކަށްވާތީ ވަކި މޫސުންމޫސުމުގައި މާލެއިން ރަސްމީ ގުރާބުތައް ފޯޅަވައްސަށް ފޮނުވަމުން އަންނަކަމެވެ. ފިރާޑު މާލޭގައި ހުރި ފަސްއަހަރުގެ ތެރޭގައި ކިތަންމެ ފަހަރަކު ރަދުންގެ އަމުރުފުޅަށްވެސް ފޯޅަވައްސަށް އޮޑިފަހަރު ފޮނުވިކަން ޕިރާޑުގެ ލިޔުންތަކުން އެހެރީ ފެންނާށެވެ.

ޕިރާޑުވެސް އެއިން އޮޑިއެއްގައި ފޯޅަވައްސަށްދާން އުޅުނުކަމަށް އޭނާ ލިޔެފައިވެއެވެ. އެކަމަކު ޕިރާޑު ފިލައިފާނެތީ އޭނާ މާލެއިން ބޭރަށް ފޮނުވާކަށް ކަލާފާނު ގަބޫލުފުޅެއް ނޫނެވެ. މިސަބަބަށްޓަކައި ޕިރާޑު ފޯޅަވައްސަށް ދިޔުމުގެ ޚިޔާލު ދޫކޮށްލާތޯ ދިވެހިން އޭނާއަށް ފޯޅަވަހި ސިފަކޮށްދީފައިވަނީ ޖިންނި ޝައިތޯނުންގެ ހާއްޔެއްގެ ގޮތުގައެވެ. އިންޑިޔާކަނޑުގައި ދިރިއުޅޭ އެންމެހައި ހަތްބޯރާހިންނާއި މާރިދުންގެ ހެޑްކުއާޓަރު ހުންނަނީ ފޯޅަވަހީގައި ކަމަށް ދިވެހީން އޭނާއަށް ކިޔައިދިނީ އެހެންވެއެވެ. ދިވެހީންގެ ތެރޭގައި ކަންވެރިކަމަށް އަރައިތިބި ފަންޑިތަވެރިން އެބަތިބިނޫންހޭ އެހެންވީމާ ޖިންނީން މައިތިރިކުރަން އެއިން މީހަކު ނުވަތަ ބަޔަކު ފޮނުވީމާ ނިމުނީނޫންހޭ ޕިރާޑު ބުނީމާ ދިވެހިންގެ ޖަވާބަކީ އަސްތާ ތިޔަހެނަކުން ނޫނޭ ދިވެހިންގެ ތެރޭގައި ތިބީ ޖިންނީންނަށް ވެދުންކޮށްގެން އާދޭސްކޮށްގެން ކަންކަންކުރުވާ ފަންޑިތަވެރިން ކަމުގައެވެ. ޖިންނީން މައިތިރިކޮށްގެން ގެންގުޅެން ދަންނަ ބަޔަކު ނެތްކަމުގައެވެ. ކޮންމެއަކަސް މިހުރިހާ ހާސަރުތަކެއް ޕިރާޑު އޭނާގެ މޮނޮގްރާފުގައި ވަނީ ލިޔެފައެވެ.

ހަތްބޯރާހިންނާއި އިފްރީތުންގެ ވާހަކަ ކިޔައިދީގެން ފަރަންސޭސި ސައްޔާހު ޕިރާޑު އެރަށަށް ދިޔަނުދީ ދިވެހީން ހިފެހެއްޓިޔަސް އޭގެ ދުއިސައްތައެއްހާ އަހަރު ފަހުން ޕިރާޑުގެ ގައުމުގެ މީހުން ފޯޅަވައްސަށް ހިނގާއްޖެއެވެ. ފަރަންސޭސިންނަށް ލިބުނު ހިތްވަރަކީ ޕިރާޑުގެ ފޮތްކަމަށް ވެދާނެއެވެ. ކޮންމެއަކަސް ފަރަންސޭސިން އެތަނަށްގޮސް އެތާގައިތިބި ބަޔަކަށް ހެދިއެއްޗެއްހަދައި ނިންމާލައިފިއެވެ. އެއީ ފަރަންސޭސި ރާޖާގެ ތަނެއްކަމަށް ނިންމައިފިއެވެ. މިއަދު މޮރިޝަސްގެ ސަރުކާރުން ފޯޅަވައްސަށް އެކުރާ ދައުވާގެ އަސްލަކީ ފަރަންސޭސިން ފޯޅަވަހި އިސްތިއުމާރުކުރި ކުރުމެވެ. އެ އިސްތިއުމާރުގެ މަރުކަޒު ހުރީ މޮރިޝަސްގައެވެ. އޭރު މޮރިޝަސްއަކީ ފަރަންސޭސީންގެ ތަނެކެވެ.

ފޯޅަވަހީގައި ދިވެހިން ދިރިއުޅުނުކަމަށްވަންޏާ އެމީހުން މިހާރު ކޮބައިބާވައެވެ. އެމީހުން ދިވެހިރާއްޖެއަށް އެނބުރި އައީ ބާވައެވެ. ޖަވާބު ހޯދަން ދަތި ސުވާލުތަކަކީ މިއީއެވެ. ލިޔެފައިނެތަސް އިހުގެ މުސްކުޅިންގެ ފަރާތުން ދޫދޫމަތިން ނަގުލުވަމުން އައި ބައެއް ވާހަކަތަކުން މިސުވާލަށް ކޮންމެވެސްވަރެއްގެ ޖަވާބެއް ލިބެއެވެ. އަހަރެންގެ މާމަ ކިޔައިދިނީމާ އަޑުއެހީމެވެ. ވިލާތު ދޮންމީހުން ފޯޅަވައްސަށް އަރައި އެތާގައިތިބި ދިވެހިން މަރައި އަވަދިކޮށްފިއެވެ. އެކަކުވެސް ސަލާމަތެއް ނުވެއެވެ. މާމަޔަށްވެސް މިވާހަކަ އަޑުއިވޭނީ އެއަށްވުރެ ދޮށީ މީހެއްގެ ފަރާތުންތާއެވެ. އެ އާއިލާއަކީވެސް އައްޑޫގައި މަޝްހޫރު ނިޔަމިކަމުގެ އާއިލާއެކެވެ. މިހާރުވެސް މިގޮތަށް މިވާހަކަ ކިޔައިދޭނޭ ކިތަންމެ ބަޔަކު އައްޑޫގައި އެބަތިއްބެވެ.

ދިވެހިރާއްޖޭގެ ރިއާސީ ގަޑުވަރު މުލީއާގެއިން ދެހާސް ދިހަ ވަނަ އަހަރު ފެނުނު ފޮށިގަޑެއްގެ ތެރޭގައި ފޯޅަވައްސާއިބެހޭ ބައެއްކަހަލަ ލިޔުންތައް ހުރިވާހަކަ މުއުތަބަރު ގޮތެއްގައި އަޑުއެހީމެވެ. އެއީ ދިވެސް އަކުރުން ލިޔެފައިވާ ލިޔުންތަކެއް ކަމަށްވެއެވެ. ފޯޅަވަހީގައި އައްޑޫ ބައެއް ތަންތަނާއި އާއިލާތަކަށް ވަގުފުކުރެވިފައިވާ ބިންތަކެއް ހުރިކަމަށް ދަލީލުކުރާ ލިޔުންތައް މީގެތެރޭގައި ހިމެނެއެވެ. ގަމު މާމިސްކިތަށް ވަގުފުކުރެވިފައިވާ ބިމެއްގެ ވާހަކަވެސް އޮވެއެވެ. އަހަރެން އެލިޔުންތަކެއް ނުދެކެމެވެ. ނުކިޔަމެވެ. އެހެންނަމަވެސް ގަބޫލު މިކުރަނީ އެއީ ސައްހަ ލިޔުންތަކެއްކަމުގައެވެ. އެހެންކަމަށްވަންޏާ އެއީވެސް ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ރަށެއްކަން ސާބިތުވާ ކިތާބީހެއްކެވެ. ދިވެހިން އެތާގައި ދިރިއުޅެފައިވާކަމަށް ދަލީލުކުރާ އެއްޗެކެވެ.

ދިވެހިރާއްޖޭގެ ރަށަކަށް މަލިކު ވަނީ އިހުގެ ލިޔުންތަކުގައި ރާއްޖެއަކީ މަލިކާއި އައްޑޫއާ ދެމެދުކަމަށް ބުނެދޭން މަލިކައްޑޫއޭ ލިޔެފައި ހުރެގެން ކަމަށްވަންޏާ ރާއްޖޭގެ ޕޮޒިޝަން ކިޔައިދޭން ދިވެހިރާއްޖޭގެ ޢަރްޟު ބުނާނަމެ ފޯޅަވަހީ ދަރަޖަ، އައްޑޫ ގަމު ދަގީގު، މަރަދޫ ދަގީގު، ހިތަދޫ ދަގީގު މިހެން ލިޔެފައި އޮތްއޮތުން ފޯޅަވައްސަކީ ދިވެހިރާއްޖެކަމަށް ދަލީލު ނުކުރޭބާވައެވެ.

ރާއްޖޭގެ އެންމެ އުތުރުން މަލިކު ދިވެހީންގެ އަތުން ބީވެގެން ހިނގާއްޖެއެވެ. ރާއްޖޭގެ އެންމެ ދެކުނުން ފޯޅަވައްސަކީ އިނގިރޭސި ރާނީގެ މިލްކެއްކަމަށް ދުނިޔޭގެ ދަރުބާރުގައި އަހަރެމެން މިތިބީ ވޯޓުދީގެންނެވެ. އަހަރެންގެ ހިތަށް އަރައެވެ. މިޒާތުގެ ކަންކަން ނިންމާއިރު އަހަރެމެން ވިސްނައި ފިކުރުކުރަނީ ކިހާވަރަކަށްބާވައެވެ. ފޮތްތައް ބަލައިހާވައި ކަންކަން މޭރުންކުރުން އޮތީ ކިހާވަރަކަށްބާވައެވެ. އަޖައިބުހީވެއެވެ. ހުވަދުއަތޮޅު ތިނަދޫގައި ލާޓުދަގަނޑު ޖެހީ އިނގިރޭސިއަކަށްވެގެން އަދި އެއީ އިނގިރޭސި ރާނީގެ ނަންފުޅުގައި އެރަށް އިނގިރޭސި ތަނެއްގެ ގޮތުގައި ނިންމުމެއްކަމަށް މިޒަމާނުގައި ބަޔަކު ބުނާންފަށައިފިއްޔާ އަހަރެމެންވީ އެއީތެދެކޭ ކިޔައި އެކަމަށް ވޯޓުދޭންބާވައެވެ.