މަންމަ އަބަދުވެސް ދޭ ނަސޭހަތެއް އޮވެއެވެ. އެއީ ފިރިހެން ކުދިން އުޅޭހެން ނޫޅުމަށް ދޭ ނަސޭހަތެވެ. އެ ނަސޭހަތް އަހަރެންނަށް ގަބޫލު ނުކުރެވެނީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އަހަރެން އެންމެ ގަޔާވަނީ މަންމަ އެ ބުނާ ފިރިހެން ކުދިން ކުރާ ޒާތުގެ ކަންކަމަށެވެ. އުޅޭ ހިތްވަނީ ވެސް އެމީހުންނާ އެކުއެވެ. ބޮޑަށް ވާހަކަދައްކާ ހިތްވަނީ ވެސް އެމީހުންނާއެވެ.

އަހަރެންގެ އުޅުން ހުންނަ ގޮތުން ބައެއް އަންހެން ކުދިން އަހަރެންނާ ދިމާކުރެއެވެ. އަހަރެންގެ އުޅުމާމެދު ފާޑުކިޔައެވެ. އަހަރެން ލޯބި ކުރާކަންކަމަށް ހަޖޫޖަހައެވެ. ބައެއް ކުދިންނަށް އަހަރެން ކަމު ނުދަނީއެވެ. އަހަރެންގެ އުޅުން ބަލައި ނުގަނެވެނީއެވެ. އެކަމަކު އެއީ މައްސަލައެއް ހެއްޔެވެ؟ ގޭމު ކުޅެންޖެހެނީ ހަމައެކަނި ފިރިހެނުން ހެއްޔެވެ؟ ފުޓްބޯޅަ ބަލަން ޖެހެނީ ހަމައެކަނި އެ މީހުން ހެއްޔެވެ؟ އަހަރެންނަކަށް ގަބޫލެއް ނުކުރެވެއެވެ. ބަލައެއް ވެސް ނުގަނެވެއެވެ.

އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ ތެރެއެވެ. އިހާ ހައުސްގެ އަންހެންޓީމުގައި އަހަރެންވެސް ހިމެނުނެވެ. އެ މުބާރާތުގައި އަހަރެން ކުޅުނީމެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ މެޗަކުން ހޯދީމެވެ. މުބާރާތް ނިމުމާއެކު ސްކޫލު ޓީމަށް ކުޅުމުގެ ފުރުޞަތު އަހަރެންނަށް ލިބުނެވެ. އެ އުފާވެރި ޚަބަރު އަހަރެން ގޮސް މަންމައަށް ދިނީމެވެ. ނަމަވެސް މަންމަގެ މޫނުމަތިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.

"މިހާރު ޓެސްޓް އެ އޮތީ ބޯމަތިވެފައި. ދެން ކުޅޭނެ ކަމެއް ނެތް. އެހެން ނޫނަސް ތި ބުނަނީ ފުޓްބޯޅަ ޓީމުގެ ވާހަކަ. ތިކަން ކުރާކަށް ބައްޕަ ވެސް އެހައި ހިތްހަމައެއް ނުޖެހޭނެ" ފުޓްބޯޅަ ޓީމުގައި ބައިވެރި ވިޔަސް މައްސަލައެއް ނެތްތޯ ނުވެސް އަހަނީސް މަންމަ ދެއްކީ ބަހަނާއެވެ. އަހަރެން ސްކޫލު ޓީމަށް ކުޅެން ލިބުނު ފުރުޞަތު ބޭކާރުވީކަން އަހަރެންގެ ހިތް ބުންޏެވެ. އެ ފުރުޞަތު ގެއްލުނަސް އަހަރެންގެ ހިތުން ކުޅިވަރަށް އޮތް ލޯބި ދިޔައީ އިތުރުވަމުންނެވެ. ކޮންމެ ރެއަކު ދަންވަރު އަހަރެން ހެލާ އިންނަމެވެ. ސްޕެނިޝް ލީގު މެޗުތައް ބަލަމެވެ. ޗެމްޕިއަންސް ލީގު މެޗަތައް ވެސް ބަލަމެވެ. ބައެއް ރޭރޭ މަންމަ ހަޅޭއްލަވައިގަނެއެވެ. އަހަރެން ނިދަންދަނީ މަންމަގެ ނުރުހުމާއެކުއެވެ.

އަހަރެންގެ އުޅުމާމެދު މަންމަ ކަންބޮޑުވާން ފެށިއެވެ. އަހަރެންގެ ވިސްނުން ހުންނަ ގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށިއެވެ.

"ލަޔާން ގާތު ކިތައް ފަހަރު ބުނެވިއްޖެ ތިހެން ނޫޅޭށޭ. ތި ގޭމުތަކާ ދުރުވާށޭ. ތި މެޗުތައް ބަލާނެކަމެއް ނެތޭ. ތިއީ ފިރިހެން ކުދިން ކުރާ ކަންކަމޭ. ލަދުން ބޯހަލާކު" ޝަކުވާ ކުރަމުން އައިސް މަންމަ ނިވާލީ ޓީވީއެވެ.

"ދޭ ބަދިގެއަށް. އެ ތަށިތައް ދޮންނަން ފަށާ. ދެން ތި ގޭމުތައް އަޅުވައިގެން ނުވާނެ" ރުޅިވެރި ރާގުގައި މަންމަ ކުރީ އަމުރެވެ. އެއީ މަންމަގެ އާދައެވެ. އަހަރެންކުރާ ކަންކަމާ އަބަދުވެސް ހުންނާނީ ހިތްހަމަ ނުޖެހިފައެވެ. އަބަދުވެސް ކުރާނީ ޝަކުވާއެވެ. ދެން އެ ބުނީ ބަދިގެއަށް ވަންނާށެވެ. ނުދާނަމެވެ. ނުވަންނާމެވެ. މިއަދު އެއްކަމެއް ވެސް ނުކުރާނަމެވެ. ހިތުން އެތައް ނިންމުމެއް ނިންމުމަށްފަހު އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. ބާރުބާރަށް ގޮސް ދޮރު ލައްޕާ ތަޅުލީމެވެ. އަހަރެން ހިތްހަމަ ނުޖެހުނުކަން މަންމައަށް ދެއްކީ އަމަލުންނެވެ.

ދޭއްޖެހީއެވެ. ބައްޕަ އައިސް ގެއަށް ވަނީއެވެ. މަންމަގެ ޝަކުވާތައް ބަންޑުންކޮށްލީއެވެ.

"އަދިވެސް ޒާހިރު ހުރޭ އަޅާނުލައި. އެ މަންޖެއަށް އަދި ވިސްނޭނޭ ކިޔާލަކިޔާލަ. މިހާރު އެ އުޅެނީ ގޭމު މުބާރާތެއްގައި ބައިވެރިވާން. މަށަށް ޔަގީން އަންހެން ކުއްޖަކަށް ވާނީ އެ މަންޖެ އެކަނިކަން. ބަލާނެކަމެއް ނެތް ފިރިހެން ކުދިން ކުރާކަމެއް ނަމަ އެކަމުގެ ތެރެއަށް ބޯ ކޮއްޕާލާނެ" ސިޓިން ރޫމުތެރެއިން ބާރު ބާރަށް މަންމަގެ އަޑު އިވެމުން ދިޔައެވެ. މަންމަގެ މަގުޞަދަކީ އަހަރެންނަށް ވެސް އެ އަޑު އިއްވުމެވެ.

"މަ އޮންނާނީ މިހާރު ގޭމު ކުޅުން އެ މަންޖެއަށް މަނާކޮށްފައި. އެކަމާ ރުޅި އަރައިގެން ގޮސް އެ އޮތީ ކޮޓަރީގައި. ކިތަންމެ ރުޅި އަޔަސް ދެން ގޭމެއް ނުކުޅެވޭނެ. މިހާރު އެ ފާޑުފާޑަށް އުޅެވިއްޖެ. އެއީ ނުވިސްނޭ ވަރު ކުޑަ ކުއްޖެއް ނޫން. އަބަދު ފިރިހެން ކުއްޖެއްހެން އުޅޭކަށް ނުޖެހޭ" މަންމަ ދައްކަމުން ދިޔަ ވާހަކަތަކުން އަހަރެންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ކިތަންމެ ފަހަރަކު ކޮޓަރިން ނުކުމެ ހަޅޭއްލައްވައި ގަންނާނަމޭ ހިތަށް އެރިއެވެ. އެކަމަކު ބައްޕަ އިންދައި އެކަން ކުރާކަށް ނުކެރޭނެއެވެ. ބައްޕަގެ ކުރިމަތީ ޗުއްޕޭ ވެސް ބުނާކަށް ނުކެރޭނެއެވެ.

މަންމަގެ ޝަކުވާތަކާ ހެދި ބައްޕަ އަހަރެންނަށް ގޮވިއެވެ. ދޮރުގައި ޓަކި ޖަހައި އަހަރެން ކޮޓަރިން ނުކުތުމަށް އެދުނެވެ. އަހަރެން ޖެހުނީ ކިޔަމަންވާށެވެ. ކޮޓަރިން ނުކުމެ ބައްޕަގެ ކުރިމައްޗަށް ހާޒިރުވާށެވެ.

"މިހާރު ލަޔާނަށް ތި އުޅެވެނީ ރަނގަޅަކަށް ނޫން. އަބަދުވެސް މަންމައަށް އެ ޖެހެނީ ޝަކުވާ ކުރަން. މިހާރު ތިއީ ކަންކަން ނޭނގޭ ވަރުގެ ކުޑަ ކުއްޖެއް ނޫން. ތިޔަ އުޅުން އިސްލާހުކުރަން އެބަ ޖެހޭ. ތި ބައިވެރިވެގެން އުޅޭ ގޭމު މުބާރާތުން މިއަދު ވަކިވާތި" ބައްޕަ ވެސް ކުރީ އަމުރެކެވެ. އަހަރެންނަށް ގޮތް ހުސްވިއެވެ. އެ މުބާރާތުން ވަކިވާން ޖެހުނެވެ. ކިތަންމެ ބައިވެރިވާން ބޭނުންވި ނަމަވެސް ބައްޕަގެ އަމުރާ ދެކޮޅަށް ކަމެއް ކުރާކަށް ލާހިކެއް ނޫނެވެ.

ގޭމު މުބާރާތުން އަހަރެން ވަކިވީމެވެ. ފިރިހެން ކުދިންނާ ވާދަކޮށް ކާމިޔާބު ލިބޭނެކަން ޔަގީންވި ނަމަވެސް އެފަދަ ކާމިޔާބުތަކަކީ ކާމިޔާބުތަކެއްކަމަށް މަންމަމެންނަށް ގަބޫލުނުކުރެވޭތީއެވެ. އެފަދަ ކަންކަމުގައި އަހަރެން ބައިވެރިވުމަށް މަންމަމެން ނޭދޭތީއެވެ.

އަހަރެންގެ ވިސްނުން ބަދަލު ކުރެވޭތޯ އަހަރެންބެލީމެވެ. މަންމަ އެ ބުނާ ފިރިހެން އުޅުން ދޫކޮށްލެވޭތޯ ވެސް ބެލީމެވެ. ނަމަވެސް އޭލެވެލް ނިންމާލި އިރުވެސް އެ ވިސްނުމަކުން އަހަރެންނަކަށް ދުރަކަށް ނުދެވުނެވެ. އެ ކަންކަމަށް އޮތް ޝައުގުވެރިކަން ހިތަކުން ނުފިލިއެވެ. ނަމަވެސް އެ އިހުސާސްތައް ހުރީ ހަމައެކަނި ހިތުގައެވެ. އެއިންކަމެއް ޢަމަލަކުންނެއް ނުދައްކަމެވެ.

މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުޞަތު ބައްޕަ އަހަރެންނަށް ހޯދައިދިނެވެ. އެ ފުރުޞަތުން ނިންމަން އުނދަގޫވީ އަހަރެން ކުރިއަށް ދާނެ ދާއިރާއެކެވެ. މަންމަ ބޭނުންވީ އަހަރެން ޑޮކްޓަރަކަށް ވާށެވެ. ބައްޕަ ވެސް ބޭނުންވީ އެގޮތެވެ. ނަމަވެސް އަހަރެން ކުރިއަށްދާން ބޭނުންވީ އައިޓީ ދާއިރާއިންނެވެ. އަހަރެންގެ ހިތުގައި އަދިވެސް އޮތީ ގޭމުގެ ފޯރިއެވެ. ހަރުލާފައި ހުރީ އެ ވިސްނުމެވެ. އެތައް ވާހަކައަކަށް ފަހު އަހަރެން ބޭނުންވާ ގޮތަށް ކުރިއަށް ދިއުމުގެ ފުރުޞަތު އަހަރެންނަށް ފަހިވިއެވެ. ކުރިއަށްދާނެ ދާއިރާއެއް އަހަރެން ކަނޑައެޅީމެވެ.

ރާއްޖެއިން ބޭރުގައި އަހަރެން އުޅުނީ އަހަރެން ބޭނުންވި ގޮތަށެވެ. އަހަރެން ކުރިއަށް ދިޔައީ އައިޓީ ދާއިރާއިންނެވެ. ކިޔަވަމުން ތަފާތު މުބާރާތްތަކުގައި ވެސް އަހަރެން ބައިވެރިވީމެވެ. ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން ބޭއްވި ގޭމު ކުޅުމުގެ މުބާރާތެއްގައި ވެސް އަހަރެން ބައިވެރިވީމެވެ. 75 ދަރިވަރުންނާ ވާދަކޮށް އެ މުބާރާތުން އެއް ވަނަ އަހަރެން ހޯދީމެވެ. ނަމަވެސް އެ ކާމިޔާބީ މައިންބަފައިނަކާ އަހަރެން ހިއްސާއެއް ނުކުރަމެވެ. އެ މީހުންގެ ވިސްނުން އަހަރެންނަށް އެނގޭތީއެވެ.

މަތީ ތަޢުލީމު ނިންމާލި އިރު ފައިނަލް ދިރާސާ އަހަރެން ހެދީ ގޭމުކުޅުމާ ގުޅޭ ގޮތުންނެވެ. ޕްރޮޖެކްޓްގެ މަގުޞަދަކީ ގޭމުކުޅުމުގެ އާ ވިސްނުމެއް އުފަންކުރުމެވެ. އަހަރެންގެ މަގުޞަދު އަހަރެންނަށް ހާސިލުވިއެވެ. އެޕްރޮޖެކްޓް ޔުނިވަރސިޓީން ބަލައިގަތީއެވެ. އަހަރެންގެ އެ މަސައްކަތަށް ޔުނިވަރސިޓީގެ އެންމެ މަތީ އެވޯޑް ލިބުނީއެވެ. ނޫސްތަކަށް އެ ޚަބަރު އެރިއެވެ. އެ ކާމިޔާބީ ދިވެހީން ފާހަގަ ކުރިއެވެ.

އަހަރެން އަމިއްލަ ޒަމީރާ މެދު ވިސްނާލީމެވެ. މަންމަމެންނާ ދެކޮޅަށް ހިތުން ކުރެވުނު ހިމޭން އިހުތިޖާޖާމެދު ފިކުރުކޮށްލީމެވެ. އަހަރެންނަށް މި ލޯބިކުރެވެނީ ފިރިހެނުން ކުރާ ޒާތުގެ ކަންތައްތައް ހެއްޔެވެ؟ މި އުޅެނީ ފިރިހެނުންގެ ދުނިޔެއެއްގައި ހެއްޔެވެ؟ ކުރިއަށް މިދެވެނީ ރަނގަޅަށް ހެއްޔެވެ؟

ލިބުނު ކާމިޔާބާއެކު އަމިއްލަ ގައުމަށް އަހަރެންނަށް އާދެވުމުން މަންމަމެން އުފާކުރިއެވެ. އަހަރެންގެ ކާމިޔާބީ އާއިލާއިން ފާހަގަ ކުރިއެވެ. ނަމަވެސް ހަމަ ހިތަށް އަރައެވެ. މިއަދު މަންމަމެން ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެން ގޭމު ކުޅެން އިންނަނަމަ މަންމަ ބުނާނީ ކީކޭ ބާއެވެ؟

އަހަރެން ގަބޫލުކުރަމެވެ. ކަންކަމާމެދު ދެކޭ ގޮތަކީ ވިސްނުމެކެވެ. އިސްލާހުކުރަންޖެހޭ ވިސްނުމެކެވެ. އެ ވިސްނުމުން ތެދުވެވެނީ އަމިއްލައަށެވެ. އަހަރެން މި ތެދުވިހެންނެވެ. އެއީ މައްސަލައެއް ނޫނެވެ.

(ނިމުނީ)