ކުށްވެރިންނާ މެދު ރައްޔިތުން އަމިއްލައަށް ނިކުމެ ގޮތް ނުނިންމުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފާއިތުވި ތަނުގައި ކަންތައްތައް ވެފައިވާ ގޮތުގެ ސަބަބުން ފުލުހުންނަށް އިތުބާރުކުރަން ދަތިވާކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ކުށުގެ މައްސަލަތައް ފެންމަތިވުމުން ވީހާވެސް އަވަހަށް އެމައްސަލައެއް ފުލުހުންނަށް ހުށަހަޅުމަށާއި ރައްޔިތުން އަމިއްލައަށް ނިކުމެ އެފަދަ ކަންކަމުގައި ގޮތް ނުނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސީޕީ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ހުރިހާ ކަމެއްވެސް އިސްލާހުކޮށް ރަނގަޅު ކުރުމަށް ކަމަށާއި ގާނޫނު އަސާސީއަށް އިހްތިރާމު ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންވެސް އެގޮތަށް އަމަލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ފުލުހުންނަށް ހުށަހަޅާ އެކި މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައިދިނުން ލަސްވަމުން ދިއުމުގެ ސަބަބުން އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. މިކަމުގެ ސަބަބުން މި ފަހުން ހިނގައިގެން ދިޔަ ކުށުގެ ދެތިން މައްސަލައެއްގައި އާންމުން ވަނީ އެމީހުން ބޭނުންވާ ގޮތަށް މައްސަލަ ނިންމުމަށް ކުށްވެރިންނާ ކުރިމަތިލާފަ އެވެ. އެގޮތުން ދިއްފުށީގެ ފިހާރައަކުން ވައްކަން ކުރި ބަޔަކު ހޯދަން ރައްޔިތުންގެ ބަޔަކު ނުކުތުމުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. އެހަމަނުޖެހުންތަކުގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެސް ލިބިފައިވެ އެވެ.

މީގެއިތުރަށް ހުޅުމާލޭގައި ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ވަނީ އޭނާގެ މައްޗަށް ތަހުގީގެއް ކޮށް އޭނާ ގަންހިންގުވާފަ އެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ވެސް ގަން ހިންގުވަމުން ދަނިކޮށެވެ.