ހުޅުމާލޭގެ ރައްޔިތުން ނިކުމެ ކުށްވެރިއަކު ހިފަހައްޓައި އޭނާގެ މައްޗަށް ތަހުގީގެއްކޮށް ގަންހިންގި ވާހަކައެއް ނޫސްތަކުން ފެނުނެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީވެސް މިބީދައިން ގަންހިންގަމުން ދަނިކޮށްކަމަށްވެއެވެ. އެހެންވެގެންތޯއްޗެކެވެ. ކުށްވެރިންނާމެދު ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމުމަށް ފުލުސް ކޮމިޝަނަރު އެދިވަޑައިގެން ކުރެއްވި އިލްތިމާސެއްގެ ވާހަކަ އިވުނެވެ.

ލަދުހުތުރު ކުށްކުރާ މީހުންނަށް އިހުޒަމާނުގައި ދީއުޅުނު އެއްއަދަބަކީ ގަންހިންގުމެވެ. މިއީ ކުށްވެރިޔާގެ މޫނުގައި އަޅިދެލިކުރަހައިި ބަނޑުގައި ވާޖަހައިގެން ބޮޑެތި މަގުމަގުގައި ހިނގުމަށް ކިޔާނަމެކެވެ. މިހިނގުމުގައި ކޮންމެ ހަތަރު އަނގޮޅިއެއްގައި މަޑުކޮށް އެމީހާގެ ކުށް އަޑުގެކޮޅަށް ގޮވައި އަދަބުން އަދަބޯތް މިހެންވެސް ކިޔައި ހަންމުށިން ދެތިން އެތިފަހަރު އަޅާނެއެވެ. ދެން މި ކުޅިވަރުބަލަން ފަހަތުން ވަރަށް ގިނަމީހުންނާއި ވަކަރުގޭ ކުދީންވެސް ދާނެއެވެ.

ކުރީޒަމާނުގައި ވަކިކަހަލަ ކުށްކުށަށް ވަކިޚާއްސަ ވައްތަރުވައްތަރުގެ އަދަބު ދިނުންވެސް އޮވެއެވެ. ސިޔާސީ ކުށްވެރިންނަށް އާއްމުގޮތެއްގައި ދީ އުޅުނު އަދަބަކީ ބުރިހަންނެގުމެވެ. މިއީ ކުށްވެރިޔާ ބިންމައްޗަށް ވައްޓާލައި ބިންމަތީގައި ބަނޑު ޖައްސައިގެން އެއްތެލުން ބުރަކަށީގައި ތަޅާތެޅުމެވެ. މިއީ ވަރަށް ވޭންދެނިވި އުގޫބާތެކެވެ. މި އުގޫބާތުގެ ތެރޭގައި ބައެއް މީހުން މަރުވެސްވެއެވެ.

އެއްޖިންސުން ގުޅުން ހިންގާ އަންހެނުންނަށް ދީ އުޅުނު އުގޫބާތުގެ ތެރޭގައި ހިމެނެނީ ބޯބާލައި އާއްމުންގެ ތެރޭގައި ދުއްރައިން ތެޅުމެވެ. ބޯބޭލުމަކީ އަންހެނުން ވަރަށްވެސް ބޮޑަށް ބަދުނާމުވާ ލަދެކެވެ. މީގެ ހަތަރުސަތޭކަސާދަ އަހަރު ކުރިން މާލޭގެ ވަރަށް ގިނަ އަންހެނުންތަކަކަށް މި އަދަބު ދީފައިވެއެވެ. އެމަންޒަރު ފެނިގެން އެވާހަކަ ވަރަށް ތަފްސީލުކޮށް ފަރަންސޭސި ސައްޔާހު ފުރާންސުވާ ޕިރާޑު ޑިލަވާލް އޭނާގެ މޮނޮގްރާފުގައި ލިޔެފައިވެއެވެ.

ޕިރާޑު ލިޔެފައިވެއެވެ. ރަސްގެފާނުގެ އަރިހު ބޭކަލުންގެ ތެރެއިން ބޭކަލެއްގެ އަނބިމީހާ އެހެން އަންހެނަކާއެކު އެއްޖިންސުން ލޯބިކުރަނިކޮށް ފެނިގެން ފަނޑިޔާރުގެޔަށް ގެނެވިއްޖެއެވެ. ޝާހީ އަރިހު ބޭކަލެއްގެ އަނބިމީހާ ކަމަށްވީމާ ދެން އަމަލުކުރަންވީ ގޮތުގެ ލަފާ ފަނޑިޔާރު ތަކުރުފާނު އެއްސެވީމާ ރަސްގެފާނު ވިދާޅުވިއެވެ. ކަލެޔަށް ފެނުނުގޮތަކަށް ނިޔާ އިއްވައި ތަންފީޒުކުރާށެވެ. މީހެއްގެ މޫނަށް ކަނދުރާއަކަށް ބަލާނޭ ކަމެއްނެތެވެ.

ތަހުގީގު ފެށުމާއެކު މިކަނބުލޭގެ ގޮވައިލިއެވެ. އަޅުގަނޑު އެކަނިތޯއެވެ. އެވެނި ކިލެގެއެއްގެ މިވެނި އަނބިމީހާޔާއި މިވެނިތަކުރެއްގެ އެވެނި އަނބިމީހާވެސް މިކަމެއް ކުރައްވައެވެ. މިއީ ވަރަށް ގިނަ އަންހެނުންކުރާ ކަމެކެވެ. މިކަންކުރުމުގައި އަރައިތިބީ މޮޅެތި ދަރަޖަވެރީންގެ އަނބީންނާއި ދަރީންނެވެ.

މިހިސާބަށް ދިޔައިރު މުޅި މާލެ އޮތީ ފަނޑިޔާރުގޭ ދޮށަށް ޖަމާވެފައެވެ. މިކަނބުލޭގެ ނަން ބުނި އަންހެނުންތައް މިތަނަށް ގެނެސްގެން ސުވާލުކުރީމާ އެމީހުން އިސާހިތަކު މިކަމަށް އެއްބަސްވެ މިކަންކުރާކަން އެމީހުން ދަންނަ އިތުރު އަންހެނުންތަކެއްގެ ނަންވެސް ކިޔައިދީފިއެވެ. ރަސްގެފާނާއި ގާތް ބައެއް މީހުންގެ އަނބީން ސަލާމަތްވޭތޯ ރަސްގެފާނަށް އާދޭސް ދަންނަވާން ގަނޑުވަރަށްވެސް ދާންފަށައިފިއެވެ. މިކަން ބޮޑުވެގެން ގަނޑުވަރަށް ހަމައެކަކަށްވެސް ނުވަދެވޭނޭހެން ބަންދުކުރުމަށް އަންގަވައި ރަސްގެފާނު ރައްކާތެރިވެވަޑައިގެންފިއެވެ.

އެދުވަހު ބައެއް ފިރިންވެސް އަމިއްލަޔަށް އެމީހުންގެ އަނބިން ފަނޑިޔާރުގެއަށް ގެންގޮސް ބުނިކަމަށްވެއެވެ. މިތިބީވެސް ތިޔަ ކަމެއްކުރި މީހުންނެވެ. އަވަހަށް އަދަބުދެއްވާށެވެ. ކޮންމެއަކަސް މިދުވަހު މާލޭގެ ވަރަށް ގިނަ އަންހެނުން ކުށްވެރިވެ އެންމެ ފުރަތަމަ އެ އެންމެންގެ ބޯބޭލީއެވެ. ދެން ދުއްރައިން ތެޅީއެވެ. ތެޅިލެއް ބާރުކަމުން ތިން މީހަކު މަރުވިއެވެ. މިމަގުން ކަންތައް ކުރުމަށްފަހު ވަރުގަދަ އިންޒާރަކާއެކު އެންމެން ދޫކޮށްލީއެވެ. އެ އިންޒާރުގައި އަންގަނީ މީގެފަހުން އެފަދަ ކުށެއް ކޮށްފިނަމަ ކަނޑުފައްތައި މަރާނޭ ކަމުގައެވެ.

ކަނޑުފައްތައި މަރާނޭކަމުގެ އިންޒާރު ދިނަސް މިކަމަކީ އެހާފަސޭހައިން ދުރުހެލިވެވޭވަރުގެ އާދަޔަކަށް ނޫނީ އުފަލަކަށް ނުވަނީތާއެވެ. ޕިރާޑު ލިޔުނެވެ. އޭނާ މާލޭގައި ހުއްޓައި މިއަދަބު ލިބުނު އަންހެނުންގެ ތެރެއިން އެތައްބަޔަކު ފަހުންވެސް ތަކުރާރުކޮށް ހިފިގެން ފަނޑިޔާރުގެޔަށް ގެންދިޔައެވެ. ކޮންމެފަހަރަކުވެސް ބޯބާލައި ދުއްރައިން ތަޅައިފައި ގެޔަށް ފޮނުވައިލަނީއެވެ. ކަނޑުފައްތައި މެރީއަކީ ނޫނެވެ.