އިންޑިޔާ ކަނޑުގައިވާ ޖަޒީރާާތަކުގެ މިލްކުވެރިންނަކީ ދިވެހީންނެވެ. ބޯދާޒަމާނުން ފެށިގެން މިޖަޒީރާތަކުގެ ވެރިކަންކޮށް އުޅުނީ ދިވެހީންނެވެ. ބައެއް ޖަޒީރާތަކުގައި މީހުން ދިރިއުޅޭއިރު އަނެއްބައި ޖަޒީރާތަކުގައި މީހުން ދިރިނޫޅެއެވެ.

އެކި ޒަމާންތަކުގައި މި ޖަޒީރާތަކުގެ ހިންގުން ތަފާތު ގޮތްގޮތަށް ބަހާލެވިފައިވެއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުންނާއި ސިޔާސީ ގޮތުން ބަހާލެވިފައިވެއެވެ. ހިންގުމުގެ ފަސޭހައަށްޓަކައެވެ. އެގޮތުން އެކި ސަރަހައްދުތަކަށް އެކި ނަންދީފައިވެއެވެ.

ދިވެހީންނަކީ ލައްކަ ދިގު ތާރީޚެއް އޮތް ލައްކަ ގިނަ ޖަޒީރާތަކެއްގެ ގޮތުގައި މަޝްހޫރު ބައެކެވެ. އެގޮތުން އެކި ސަރަހައްދުތަކަށް ތަފާތު ނަން ދީފައިވެއެވެ. މަހަލްދީބެވެ. އެއީ ބޮޑުތިލަދުންމަތިން ފެށިގެން ހައްދުންމައްޗާ ދެމެދެވެ. ފޯޅަވައްސެވެ. އެއީ ޑިއޭގޯގާސިއާ އެވެ. ނުވަތަ ފެހެންދީބެވެ. ސުވާދިވާއެވެ. އެއީ ސުވާދީބެވެ. ސުވާދީބު އެކުލެވިގެންވަނީ ތިން އަތޮޅެއްގެ މައްޗަށެވެ. އެއީ އައްޑޫ ފުވައްމުލައް އަދި ހުވަދޫއެވެ. ލަކްޝަދީބެވެ. އެއީ މަލިކު ހިމެނޭ ގްރޫޕެވެ. ތޭންގަދީބެވެ. އެއީ މިހާރުގެ ސީޝެލްސްއެވެ.

ބޯދާ ޒަމާނުން ފެށިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ ފުރަ މާލެއެވެ. އެއީ މަހަލްދީބު ގްރޫޕުގެ މެދުތެރޭގައިވާ ރަށެކެވެ. ކޮންމެއަކަސް މަހަލްދީބާއި ސުވާދީބާއި ފެހެންދީބާއި ލަކްޝަދީބުގެ ރަށްތަކުގެ ތެރެއިން ވެރިރަށް މާލޭގެ ކޮންޓްރޯލް އޮންނަ ބަޔަށް ބޮޑުތަކުރުފާނުގެ ރަސްކަމުގައި ދެވުނު ނަމަކީ އައްދައުލަތުލް މަހަލްދީބިއްޔާ އެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިއުމުން އައްދައުލަތުލް މަހްމިއްޔަތުލް މަހަލްދީބިއްޔާއެވެ. އެއަށްފަހު އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ހެދި އެގްރީމެންޓެއްގެ ދަށުން ބޮޑު ތަކުރުފާނު ކަނޑައެޅުއްވި ފަދައިން އައްދައުލަތުލް މަހަލްދީބިއްޔާގެ ނަމަށް ބަދަލުކުރިއެވެ. ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން ރިޕަބްލިކް އޮފް މޯލްޑިވްސްއެވެ. އަނެއްކާވެސް ޖުމްހޫރީ ވެރިކަން ރަސްކަމަކަށް ބަދަލުވުމުން ކުރީގެ ނަން ކިޔުނެވެ. ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން ރިޕަބްލިކް އޮފް މޯލްޑިވްސްގެ ނަމަށް ބަދަލުކުރެވުނެވެ.

ކީރިތި ރަސޫލާ محمّد صلّى اللّـه عليه وسلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 209 އަހަރު ކުރީން ދިވެހީންގެ ވަފުދެއް އެމްޕެރަރ ޖޫލީންގެ އަރިހަށް ދިޔަކަން ލިޔެކިޔުންތަކުން އެނގެއެވެ. އެއީ މީލާދީން 362 ވަނައަހަރުއެވެ. އޭގެ އެތެއް ހާސް އަހަރު ކުރިން ވެސް ދިވެހިންގެ ގައުމަކީ ދިވެހިރާއްޖެއެވެ.

މިދިގު ތާރީޚުގައި ދިވެހި ގައުމު ދިވެހީންގެ އަތްދަށުން އެކިފަހަރުމަތީން ދޫވެގެން ގޮސްފައިވެއެވެ. އަދި އެކި ރަށްތަކާއި އެކި އަތޮޅުތައްވެސް ތަފާތު އެކިފަހަރު މަތީން ދޫވެގެން ގޮސްފައިވެއެވެ. ބޭރުމީހުންގެ އަޅުވެތިކަމަށް ގެނެސްގޮސްފައިވެއެވެ.

މީލާދީން 1558 ގައި ބޮޑު ބޮޑު ލަޝްކަރަކާއިގެން އަނދިރިއަނދިރިން އައިސް ދިވެހިރާއްޖެޔާ ހަނގުރާމަކޮށް ވެރިރަށާއި ގިނަ އަތޮޅުތައް ޕޯޗުގީޒުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. އެފަހަރު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށްދެއްވީ އުތީމު މުހައްމަދު ތަކުރުފާނެވެ.

މީލާދީން 1752 ގައި މަލާބާރީންގެ ލަޝްކަރެއް ދިވެހިރާއްޖެޔާ ހަނގުރާމައަށް އައިސް މަލާބާރުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދިޔައެވެ. އެފަހަރު މަލާބާރުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވީ ހުރާގޭ ދޮން ހަސަންމަނިކުފާނެވެ.

ބޭރުގެ މީހުންނަށް ކާމިޔާބު ވެއްޖެނަމަ އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް އަދާކޮށްދޭ ފަރާތްތަކަށް ރާއްޖެއިން ލިބޭ މަންފާގެ ކޮންމެވެސް ބައެއް ދެއެވެ. ބައެއްފަހަރު އެފަދަ ފަރާތްތަކަށް އަނިޔާކޮށް ދިރި ތިއްބާ ކަނޑުފައްތާފައިވެސް ވެއެވެ.

އަނދިރިއަނދިރިން ރާއްޖެއާއި ތޮޅެން ބޭނުންވުމުން އޭނާ ވިޔަޒޯރުގެ އެހީތެރިކަމަށް އެދުނެވެ. ވިޔަޒޯރު އެކަމަށް އެއްބަސްވީ އޭނާއަށް މާލޭގެ އުތުރުން ހަތަރު އަތޮޅު ދިނުމެވެ. އެގޮތުގެ މަތީން އަނދިރިއަނދިރީން އެއްބަސްވެ ލިޔުމެއް ލިޔެ ސޮއިކޮށްފައި ވިޔަޒޯރަށް ދިނެވެ. އެ ހަނގުރާމައިގައި އަނދިރިއަނދިރިންނަށް ކާމިޔާބު ލިބުނެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތީން މާލެއިން އުތުރުގެ ހަތަރު އަތޮޅު ވިޔަޒޯރަށް ދިނެވެ. ވިޔަޒޯރަށް ލިބުނު އަތޮޅުތަކަށް ވިޔަޒޯރު ބޭނުންނަމެއް ދީގެން އުޅުނެވެ.

ދިވެހިންގެ އަތްދަށުން މި ޖަޒީރާތައް ދޫވާންޖެހޭ މައިގަނޑު ސަބަބަކީ މަލާބާރުންނާއި ޕޯޗްގީޒުންނާއި ކަނޑުފޭރޭމީހުންގެ ދުއްތުރާތަކެވެ. ރަށްރަށުގެ މީހުން ނިދަން ތިއްބާ ދަންވަރު ރަށަށް އަރާ އެންމެން މަރާލާފައިވެއެވެ. އެގޮތުން އެރަށެއް ފަޅު ވެފައިވެއެވެ. ދިވެހީންގެ ހުޝިޔާރުކަމާއި ކުޅަދާނަކަމުން އަލުން އެރަށެއް ހޯދައެވެ. އަލުން އާބާދު ކުރެއެވެ. ނަމަވެސް އެގޮތަށް އަތުނުލެވޭ އަތޮޅުތައްވެސް ހުރެއެވެ. މީގެ މިސާލުތަކަކީ ލަކްޝަދީބާއި ފެހެންދީބު އަދި ތޭންގަދީބެވެ.

ބޯދާޒަމާނުގައި ރާއްޖޭގެ އުތުރާއި ދެކުުނުގެ ރަށްރަށަށް ފޭރޭ މީހުން އަރައި ހާދިސާތައް ހިންގާފައިވެއެވެ. އެމީހުން އަރަނީ ރޭގަނޑު ދަންވަރުއެވެ. އެޖަޒީރާއެއްގެ އަހުލުވެރީންގެ ދުވަސްދުއްވާލައި އިރުއަރަންވާއިރަށް ރަށުން ބޭނުން ކަމެއް ހާސިލްކުރެއެވެ.

ލަކްޝަދީބު

އެއީ ލަކްޝަދީބު ނުވަތަ ލަކްޝަދީޕެވެ. ލައްކަޑިވެންއޭވެސް ކިޔައެވެ. މަލިކު އޮންނަނީ ލަކްޝަދީބުގެ ރަށްތަކުގެ އެންމެ ދެކުނުގައެވެ. ފަރަންސޭސި ދަތުރުވެރިޔާާ ފްރާންސުވާ ޕިރާޑް ޑިލާވަލް ލިޔެފައިވާގޮތުގައި މަލިކު ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި އޮއްވައި ބޯދާ ޒަމާނުގައި ދިވެހި ތަޚުތުގައި އިންނެވި ރަސްކަލަކު އޭނާގެ ބޭބޭފުޅަކަށް މަލިކު ވަގުފުކޮށް ދެއްވިއެވެ. މަލިކުގައި ތިބީ ދިވެހީންނެވެ.

ވަގުފު ރަށަކަށް ވުމުން ރަސްގެފާނުގެ ބޭބޭފުޅުގެ އާއިލާގެ ބޭފުޅުން އެރަށަށް ގޮސް އެރަށުގައި ދިރިއުޅުނެވެ. އެކަން މަލިކުގެ ތާރީޚުންވެސް އެނގެއެވެ. މަލިކަށް ދިޔަމީހުންގެ ތެރޭގައި ފާހަގަ ކުރެވެނީ ކަނބޯރަނިން އާއި ކޮހުރަތުކަމަނާ އެވެ. ޒަމާންތަކަށްފަހު ލަކްޝަދީބުގެ އެހެނިހެން ރަށްރަށުގައި އެކި ގައުމުތަކުގެ މީހުން ވަޒަންވެރި ކުރެވުނެވެ. މިކަމުގެ ނަތީޖާއަކަށްވީ އެ އަތޮޅުތަކުގެ އެހެން ރަށްތަކުގައި ތަފާތު ބަހުރުވަތަކުން ވާހަކަ ދައްކާ މީހުން ތިބުމެވެ.

އައްސުލްތާން ދިނެއި ކަލަމިންޖާ (މީލާދީން 1192- 1199) ގެ ރަސްކަމުގައި މަލިކަކީ އެރަސްގެފާނުގެ ފުރިހަމަ ބާރު ހިނގާ ރާއްޖޭގެ އަތޮޅެއްގެ ގޮތުގައި އޮތް ތަނެކެވެ. މިކަން އެނގެނީ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުންނެވެ.

އައްސުލްތާން ހަސަން ނުވަވަނަ (1552 - 1550) ގެ ރަސްކަމުގައި އެރަސްގެފާނުގެ 10 ރަށެއް އުތުރުގައިވާކަން އެނގެއެވެ. އެއީ މަލިކާއެކު ދިހަ ރަށެކެވެ. މިކަން އެނގެނީ އެރަސްގެފާނު ޕޯޗުގީޒު ދައުލަތަށް ފޮނުއްވި ސިޓީފުޅުތަކުންނެވެ. ލަކްޝަދީބުގެ އެހެން ރަށްތަކެކޭ އެއްފަދައިން މަލިކަކީވެސް މިހާރު އިންޑިޔާއަށް ނިސްބަތްވާ ތަނެކެވެ. އެކަމަކު އެމީހުން ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ސަރުކާރުގެ ރަސްމީ ބަހަކީ މަލިޔާޅަމެވެ. ހއ. ތުރާކުނާއި މަލިކާ ދެމެދުގެ ދުރުމިނަކީ އެންމެ 71 މޭލެވެ.

ސުވާދިވާއަކީ ސުވާދީބެވެ. ސުވާދީބު އެކުލެވިގެންވަނީ ތިން އަތޮޅެއްގެ މައްޗަށެވެ. އެއީ އައްޑޫ ފުވައްމުލައް އަދި ހުވަދޫއެވެ. އެމީހުން ވާހަކަ ދައްކަނީ އައްޑޫ ބަހާއި މުލަކު ބަހާއި ހުވަދޫ ބަހުންނެވެ. އެހެންނަމަވެސް ރަސްމީ ބަހަކީ ދިވެހި ބަހެވެ.