މާފަންނު ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ތަރުތީބު ކުރުމަށް އޮފިޝަލުންގެ ގޮތުގައި ބަނގުލަދޭޝްގެ ރައްޔިތުންވެސް ތިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ތައްޔާރީތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ނިޔާޒު ވިދާޅުވީ އޮފިޝަލުންގެ ގޮތުގައި ބަނގުލަދޭޝް މީހުން ބޭތިއްބުމަށް ނިންމީ ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އީދު ނަމާދަށް ދާނެތީ އެމީހުންނަށް މުއާމަލާތްކުރުމަށް ފަސޭހައަކަށް ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދުﷲ ޖަމީލް ވިދާޅުވީ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން މިފަހަރު ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތުން އީދު ނަމާދަށް ދާ މީހުން އެ ސަރަހައްދަށް ކުނި ނޭޅުމަށް ބާރު އެޅުމުގެ ގޮތުން މިފަހަރު އެތަނުގައި ޑަސްބިންތައް ވެސް ބަހައްޓާނެ ކަަމަށް އަހުމަދުﷲ ވިދާޅުވިއެވެ.

މީގެ އިތުރަށް އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތުދެމުން ފުލުހުންގެ އިދާރާއިން ބުނީ އެސަރަހައްދުގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރު އިންތިޒާމް ތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ވެހިކަލްތައް ޕާކް ކުރަން ސްޓޭޑިއަމްގެ ވެލި ދަނޑު ހަމަަޖައްސާފައިވާނެ ކަމަށެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިލިމާލޭގެ ބޯޅަދަނޑުގައި އީދު ނަމާދުކުރުމަށް ނިންމާފައިވާއިރު ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ އޯޓިޒަމް ސެންޓަރު ކުރިމަތިން އޮންނަ ހުސްބިމުގައެވެ. މީގެއިތުރަށް އަތޮޅު ތެރޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ އެކަމަށް ހާއްސަ ކުރާ ވަކި މައިދާންތަކުގައެވެ.

އީދު ނަމާދު ކުރުން އެންމެ ރަނގަޅީ ހުސް މައިދާންތަކުގައި ބޮޑު ޖަމާއަތުގައި ކަމަށް އިލްމުވެރިންވެސް ވިދާޅުވެއެވެ. އަދި އެއީ އުންމަތުގެ ނަބިއްޔާވެސް އަމަލުކުރެއްވިގޮތް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ރާއްޖޭގައި 2012 ވަނަ އަހަރުން ފެށިގެން ހުސް މައިދާނުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު އަންނަނީ ކުރަމުންނެވެ.