އިނގިރޭސި ކްލަބު އާސެނަލްގައި ވިދާލި ސްޕެއިންގެ ފޯވާޑް ހޯސޭ އެންޓޯނިއޯ ރެޔެސް، މިއަދު ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 35 އަހަރުގެ ރެޔެސް މަރުވީ ސްޕެއިންގެ ޔުޓްރީރާ ސަރަހައްދުގައި މިއަދު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ. އެކަމަކު އެކްސިޑެންޓުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ. ރެޔެސް މަރުވިއިރު، އޭނާ ކުޅެމުންދިޔައީ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބު އެކްސްޓްރަމަޑޫރާ އަށެވެ.

ސްޕެއިންގެ ސެވިއްޔާއިން ކްލަބު ކެރިއަރުފެށި ރެޔެސް އާސެނަލަށް ބަދަލުވީ 2004 ވަނަ އަހަރުއެވެ. އާސެނަލުން މެޗަކުން ބަލިނުވެ ލީގު ހޯދި ސީޒަނުގައި ރެޔެސް ވަނީ ކުޅެފައެވެ. އޭނާ ވަނީ އާސެނަލްގައި ހޭދަކުރި ދުވަސްތަކުގައި ކުޅުނު 110 މެޗުގައި 23 ގޯލް ޖަހާފައެވެ.

ޕްރިމިއާ ލީގުގެ އިތުރުން ރެޔެސް ވަނީ އާސެނަލާއެކު އެފްއޭ ކަޕް އާއި އެފްއޭ ކޮމިޔުނިޓީ ޝީލްޑް ވެސް ހޯދާފައެވެ.

ރެޔެސްގެ މަރާއި ގުޅިގެން އާސެނަލްގައި ރެޔެސްއަށް ކޯޗުކަން ކޮށްދިން އާސެން ވެންގާ ބުނެފައިވަނީ ރެޔެސް މަރުވި ޚަބަރަކީ އޭނާއަށް ފުން ހިތާމައެއް ލިބުނު ޚަބަރެއް ކަމަށާއި، ރެޔެސްއަކީ އާސެނަލްގެ ތާރީޚުގައި ނަން ނުފުހެވޭނެ ކުޅުންތެރިއެއް ކަމަށެވެ.