ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޓޮޓްނަމް ގެ މައްޗަށް 2-0 އިން ކުރިހޯދާ ޔޫރަޕުގެ އެންމެ ޝަރަފްވެރި ކުލަބް ފުޓުބޯޅަ މުބާރާތުގެ ތަށި ލިވަޕޫލް އުފުލާލައިފިއެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ނިސްބަތްވާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. އަދި ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ.

މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ލިބިގެންގޮސްފައެވެ. މިއީ މެޗުގެ އޮއިވަރު ބަދަލުވި އެންމެ ބޮޑު ސަބަބެވެ. ސަޑިއޯ މާނޭ ފޮނުވާލި ބޯޅަ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ސިސޯކޯ އަތުގައި ޖެހުމުން ރެފްރި ދިން ޕެނެލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހެވެ. ސަލާހު މި ގޯލު ކާމިޔާބުކުރި އިރު އޭނާ ހުރީ ރޯދައަށެވެ.

އޮރީގީގެ ރީތި ނިންމާލުމާއެކު ޓޮޓްނަމް ކޮޅަށް ލިވަޕޫލުން ޖެހި ދެވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ ފަހުކޮޅުގައެވެ. އޭނާ ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައިކަން ފާހަގަކޮށްލެވެއެވެ.

މި ކާމިޔާބީއާއެކު ލިވަޕޫލް ވެގެންގޮސްފައިވަނީ ޔޫރަޕުގެ ކުލަބް ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ޓީމަށެވެ. އެގޮތުން ލިވަޕޫލް ވަނީ މިހާތަނަށް ފަސް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. އެންމެފަހުން އެ ޓީމު ޗެމްޕިއަންކަން ހޯދާފައިވަނީ 2005 ވަނަ އަހަރުގައެވެ. އެފަހަރުގެ ކާމިޔާބީއަށްފަހު ގިނަ އަހަރުތަކެއް ވަންދެން ލިވަޕޫލުގެ ފުޓުބޯޅައަށް މަޑުޖެހުމެއް އައެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ލިވަޕޫލް ވާދަކުރިއެވެ. އެފަހަރު ލިވަޕޫލަށް ތަށި ހޯދުމުގެ ފުރުސަތު ގެއްލުނީ ސްޕެއިންގެ ރެއާލް މެޑްރިޑް އަތުން ބަލިވުމުންނެވެ. ފާއިތުވި ދެތިން އަހަރަކީ ލިވަޕޫލަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރުތަކެކެވެ.

ފައިނަލުގައި ބަލިވި ނަމަވެސް މިއީ ޓޮޓްނަމް އަށް ކާމިޔާބު މުބާރާތެކެވެ. އެ ޓީމު ފައިނަލަށް ދަތުރުކޮށްފައިވަނީ މުއްސަނދި މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ގައެވެ.