އެކި މީހުންނަށް މުހިންމު ވަނީ އެކި ކަންކަމެވެ. އެކި މީހުން ލޯބިކުރަނީ ވެސް އެކި ކަންކަމަށެވެ. އަހަރެން އެންމެ ލޯބި ކުރަނީ ކުޅިވަރު ބެލުމަށެވެ. ޚާއްޞަކޮށް ފުޓްބޯޅަ ބެލުމަށެވެ. ފުޓްބޯޅައިގައި އަހަރެން ނުދަންނަ ނަމެއް ނޯންނާނެއެވެ. ނޭނގޭ ކުލަބެއް ނުވާނެއެވެ. ކޮންމެ ކުޅުންތެރިއަކާއި ކޮންމެ ކުލަބެއް އަހަރެން ހިތު ދަހެވެ. އެހައި ވަރަށް އަހަރެން ފުޓްބޯޅައަށް ލޯބި ކުރަމެވެ.

ގްރޭޑް 10 ގައި އުޅުނު ނަމަވެސް ފުޓްބޯޅަ މެޗުތައް ބެލުމަށް އަހަރެން ވަގުތު ހުސްކުރަމެވެ. ލަލީގާ މެޗުތަކާއި ޗެމްޕިއަންސް ލީގު މެޗުތައް ގަވައިދުން ބަލަމެވެ. އެއްވެސް މެޗެއް ލައިވްކޮށް ބެލޭ ގޮތް ނުވެއްޖެނަމަ އެއީ ހިތުގައި ޖެހޭ ވަރުކަމެކެވެ. އެ ނޫން ގޮތަކަށް މެޗުތައް ބަލާހިތް ވެސް ނުވަނީއެވެ.

އަހަރެންގެ އުޅުމާމެދު އެންމެ ކަންބޮޑުވަނީ މަންމައެވެ. މަންމަގެ އެންމެ ބޮޑު ބޮލު ރިހުމަކީ އަހަރެން ބަލަމުންދާ މެޗުތަކެވެ. ރޭގަނޑު ދަންވަރު ދޭއް ތިނެއް ޖަހަންދެން ހޭލާ އިނުމެވެ. އެއީ މައްސަލައެއް ނޫނެވެ. ކިތަންމެ ދަންވަންދެން އިނަސް އަނެއް ދުވަހު ސްކޫލަށް ދަމެވެ. ގަޑި ޖެހިފައި އޮންނާނީ ވެސް މަދު ދުވަހަކުއެވެ.

އޯލެވެލް އިމްތިހާނު ކައިރިވީ ވަރަކަށް މަންމަގެ ޝަކުވާ ދިޔައީ އިތުރުވަމުންނެވެ. އަހަރެންނަށް ލަވާ ހަޅޭއް ދިޔައީ ބާރުވަމުންނެވެ. މަންމަ ޝަކުވާ ކުރި ދުވަހެކެވެ. ބައްޕަގެ ކުރިމައްޗަށް އަހަރެންގެ މައްސަލަތައް ބަންޑުންކޮށްލި ދުވަހެކެވެ.

"މިހާރު އެތައް ފަހަރު މަ ބުނެފިން ރޭގަނޑު އެ ބަލާ މެޗުތައް ހުއްޓާލާށޭ. ތަންކޮޅެއް ބޮޑަށް ކިޔަވަން އުޅޭށޭ. އެ ސޮރަށް ހީނުވޭ ކަމެއް ވާހެންވެސް. ކަހާތަން ހިރުވާ ވެސް ނުލައި. މިހާރު ވެއްޖެއެއްނު މީޑިއާނެޓް ކަނޑާލަން" މަންމަ ހިތްހަމަ ނުޖެހިގެން ވާހަކަދައްކަމުން ދިޔައީ އަޑުގައި ނެތް ތަނަށެވެ. އެއީ އަބަދުވެސް މަންމަ ދައްކާ ވާހަކަތަކެކެވެ.

"އެކަމަކު އެ ސޮރު ވެސް ކިޔަވާނީ ހިތްހަމަ ޖައްސައި ދީގެންނެއްނު" ބައްޕަ ދިނީ އަހަރެން ހީކުރި ޖަވާބެވެ. ކުރީ ފަހަރުވެސް މީޑިއާނެޓް ކަނޑާލާ ވާހަކަ ދެއްކުމުން އެކަމާ ދެކޮޅު ހެދީ ބައްޕައެވެ. ބައްޕަގެ ރަނގަޅު ތަންކޮޅަކީ އެއީއެވެ. މަންމައަށް ވުރެ ބޮޑަށް ބައްޕައަށް ވިސްނޭ ބުނަނީ އެހެންވެއެވެ.

"މިހާރު ކިތަންމެ އަހަރަކު ހިތްހަމަ ޖައްސައިދެވިއްޖެ. ވަކި ވީ މޮޅެއް އެބަ އޮތްތަ؟ ކިރިޔަ ކިރިޔާ އެ ފާސްވަނީ. އެވަރުން ވެސް ވީ ހިތްހަމަ ޖައްސައިދޭން. ގައިމު އެ ވަގުތުތައް ކިޔެވުމަށް ހޭދަކުރާނަމަ އެއަށް ވުރެ ނަތީޖާ ރަނގަޅުވީސް" މަންމަގެ ޝަކުވާއަށް ހުއްޓުމެއް ނައެވެ. އެންމެ ފަހުން ބައްޕައަށް ޖެހުނީ އަހަރެންނަށް ނަސޭހަތް ދޭށެވެ. އަހަރެންނަށް ޖެހުނީ ޓީވީ ބެލުން މަދުކުރާށެވެ. ކިޔެވުމަށް ހޭދަކުރާ ވަގުތު ގިނަ ކުރާށެވެ.

އޯލެވް ނަތީޖާ އަހަރެންނަށް ލިބުނެވެ. ލިބުނީ މާ ފުރިހަމަ ނަތީޖާއެއް ނޫނެވެ. ފާސް ނުވަނީ ކެމިސްޓްރީއާއި ފިޒިކްސް އިންނެވެ. އެއީ އިމްތިހާނުގައި އިން އިރުވެސް އަހަރެން ޝައްކުވާ ދެ މާއްދާއެވެ. އަހަރެން އެންމެ ދަށް ދެ މާއްދާއެވެ. ޓީއުޝަން ނެގިޔަސް އެ ދެ މާއްދާ ހަމަ ބޮލަށް ނުވަންނަނީއެވެ.

އަހަރެންގެ ނަތީޖާއާ މެދު މައިންބަފައިން އެހައި ހިތްހަމައެއް ނުޖެހެއެވެ. ޚާއްޞަކޮށް މަންމައެވެ. މަންމަ ގަބޫލުކުރަނީ ހުރިހާ ގޯހެއް ހެދީ އަހަރެން ލޯބިކުރި ކުޅިވަރު ކަމަށެވެ. އެ ކުޅިވަރުގެ ސަބަބުން އަހަރެންގެ ވަގުތުތައް ކާލީއެވެ. އަހަރެންގެ ކިޔެވުމުގެ ޝައުގު އަނބުރާލީއެވެ. އަހަރެންގެ ވިސްނުން ބަދަލުކޮށްލީއެވެ. ބައެއް ފަހަރު އެއީ ތެދޭ ވެސް އަހަރެން ހިތަށް އަރައެވެ. ނަމަވެސް މުޅިއަކުން އެކަމަކާ އެއް ބަހެއް ނުވެވެއެވެ.

"މަށަށް މާ ކުރިންވެސް އެނގޭ ތި ފުޓްބޯޅައާ ހެދި ނަތީޖާ ރަނގަޅު ނުވާނެކަން. ދަންވަރު ހޭލާ އިނދެ، ކުޑަ ވަގުތުކޮޅަކު ނިދައިގެން ކިޔެވޭނީ ކޮން ކިޔެވުމެއް. ފުރިހަމަ ނިދި ނުލިބިއެއް ނުކިޔެވޭނެ. މިހާރު އެނގިއްޖެއެއްނު" މަންމަ ގަބޫލުކުރި ގޮތުގައި މަންމަ ހިފެހެއްޓިއެވެ. އެ ވާހަކަތަކަށް އަހަރެން ދޭނެ ޖަވާބެއް ނެތެވެ. ޖަވާބު ދެންޏާ ދޭންޖެހޭނީ ހިތުންނެވެ.

"ދެން ޓީވީބަލާ. ތި މެޗުތައް ބެލުން ހުއްޓާނުލާތި. މިހާރު ވަގުތުވާނެ. ބޭނުން ވަރަކަށް ބަލާ. މަށަށް ހެޔޮ ނުކެޔަސް، ނުބޮއުނަސް. ތިކަން ކުރަންވާނެ" މަންމަގެ ނުރުހުމުގައި ވަނީ ޖެއްސުމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އަހަރެން ބޭނުންވާ ގޮތަށެވެ. އަހަރެންގެ އުޅުމަށް މާ ބޮޑު ބަދަލެއް ނުގެންނަމެވެ. ގެނެވުނު ހަމައެކަނި ބަދަލަކީ ސްކޫލަށް ނުދިއުމެވެ. ސީއެޗްއެސްސީއަށް ވަދެވޭ ވަރު ނުވުމެވެ. އެހެންވެ އަހަރެން އިނީ ގޭގައެވެ. ކަމަކަށް އޮތީ ދަންވަރު އަންނަ ފުޓްބޯޅަ މެޗުތައް ބެލުމެވެ.

މާގިނަ ދުވަސްތަކެއް ނުވެ ލޯތްބޭ މި ކިޔާ ޖަޒުބާތު ހިތުގައި ހިލިގަތެވެ. އެކުގައި ކިޔަވަން އުޅުނު ކުއްޖަކުދެކެ އަހަރެންނަށް ލޯބިވެވުނެވެ. އެއީ ޝަޒްމާއެވެ. އަހަރެން ޝަޒްމާއާ ރައްޓެހިވެގެން އުޅޭކަން މަންމައަށް އެނގުނެވެ. އެކަމާ މަންމަ ފާޑުކިޔެވެ. އެކަމާ ހިތްހަމަ ވެސް ނުޖެހުނެވެ.

"އަދި މީހަކާ އިންނަވަރެއް ނުވޭ. ވަޒީފާއަކަށް ވަނީކީ ނޫން. އަތުން ފައިން ކަމެއް ކުރަނީކީ ނޫން. އަދި ތިއުޅެނީ އުޅެން ނޭނގިގެން. ތިޔަ ފުޓްބޯޅައާ ހިތާވެގެން އުޅެގެނެއް އެއް ކަމެއްވެސް ނުވާނެ. ފުރަތަމަ ތި ކަމުން ދުރުވޭ. އެހެން ނޫނީ ތިޔަ ގުޅުމަކަށް މަންމަ ގަބޫލެއް ނުވާނަން" މަންމަގެ ނިންމުން މަންމަ ހާމަކުރިއެވެ. މަންމަ އަބަދުވެސް އެ ޒާތުގެ ވާހަކަ ދައްކާނެއެވެ. އަހަރެން އެވާހަކަތަކެއް އަޑެއް ނާހަމެވެ. އެހެން ނޫނަސް ފުޓްބޯޅައާ މީހަކާ އިނުމާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

ދެ މީހުން ރައްޓެހިވެގެން އުޅޭތާ ތިން މަސް ފާއިތުވިއެވެ. ދެ މީހުން ބައްދަލު ކުރަނީ ފޯނުންނެވެ. މަދު ފަހަރަކު ޝަޒްމާގެ ގެއަށް އަހަރެން ދަމެވެ. ނަމަވެސް އަހަރެންގެ ގެއަކަށް ޝަޒްމާއެއް ނުގެންނަމެވެ. ގެއަށް ނުގެންނަނީ މަންމަގެ ޝަކުވާތަކާ ހެދިއެވެ. އެ ޝަކުވާ ޝަޒްމާ ކުރެއެވެ. އެއަށް ވުރެ ބޮޑަށް ކުރަނީ އަހަރެންގެ އުޅުން ހުންނަގޮތާމެދު ކުރާ ޝަކުވާއެވެ.

"އަބަދުވެސް ތި އޮންނަނީ ނިދާފައި. އަހަރެން އޮފީހަށް ލާދޭން އަންނާށޭ ބުނީމާ އެކަމެއް ވެސް ނުވިއެއްނު. ތި އާދެވުނީ އެންމެ ދެ ދުވަހު. ދެން ތިބުނަނީ ނިދަނީ ވަރަށް ލަހުންނޭ. ނުހޭލެވެނީއޭ" ޝަޒްމާ ދެއްކީ އޭނާ އޮފީހަށް ލާދޭން އަހަރެންނަށް ނުދެވޭ ވާހަކައެވެ.

"އަހަރެން ހޭލާ ހުންނަ ނަމަ ދިޔައިމުސް" އަހަރެން ދެއްކީ އުޒުރެވެ.

"އަހަރެންދެކެ ލޯބިވާނަމަ އަންނާނެ. އާދެވޭނެ. ތީ ލޯބި ނުވާތީ ދައްކާ ބަހަނާ" އަހަރެންގެ ވާހަކަ ޝަޒްމާ ގަބޫލެއް ނުކުރިއެވެ.

"ބަލަ މީހަކު ބުނެގެންތަ ހޭލާ ތިހުންނަނީ. ވާފިރުގެ ކަމަކަށް ތި އޮންނަނީ ފުޓްބޯޅަ މެޗުތައް ބެލުން. އެހެން އެއްވެސް ކަމެއް ނުކުރަމެއްނު. އަހަރެން ތިގެއަށް ނުގެންދަނީ ވެސް ވާފިރުގެ ކަންކަން އެނގިދާނެތީކަން އަހަރެންނަށް އެނގޭ. ތި ގޮތަކަށް މަށަކަށް ނޫޅެވޭނެ" ޝަޒްމާގެ ހިތްހަމަ ނުޖެހުން ވީ އިތުރެވެ. އެ ވާހަކަތަކުން އަހަރެންނަށް އަސަރު ކުރިއެވެ. އަހަރެން ދެރަވިއެވެ. އެކަން ތަކުރާރު ނުކުރާނެކަމަށް ބުނެ އަހަރެން ވަޢުދުވީމެވެ.

އަހަރެންނަށް ވައުދުމަތީގައި ހުރެވުނީ ދުވަސް ކޮޅަކުއެވެ. ދަންވަރުގެ މެޗްތައް ބަލާފައި ނުހެލެވެނީއެވެ. ޝަޒްމާ ގުޅިޔަސް ފޯނު ނުނެގެނީއެވެ. ސޯނާގަޑި ޖައްސައިގެން އޮތަސް ނުހޭލެވެނީއެވެ. އެ ޝަކުވާ އަހަރެން ކުރީ މަންމަ ގާތުގައެވެ. މަންމަ ގަސްތުގައި އަހަރެންނަށް ނުގޮވަނީއެވެ.

"ކިތަންމެ ވަރެއް ވިޔަސް މަށެއް ނުގޮވާނަން. އަމިއްލައަށް ތެދުވެގެން ތި ދާތަނަކަށް ދާންވީ. ތި ކުރާކަމެއް ކުރާންވީ. މަ ބުނެފީމެއްނު ތި މެޗުތައް ބެލުން ހުއްޓާލާށޭ" މަންމަ ހުރީ ދޫދޭގޮތަކަށް ނޫނެވެ. މަންމަ ވާހަކަތަކުން އަބަދުވެސް އަހަރެންނަށް ލިބެނީ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުމެވެ. އެ ހިތްހަމަ ނުޖެހުން އިތުރުވަމުން ދިޔައީ ޝަޒްމާ ކަންތައް ކުރަމުން ދިޔަ ގޮތުންނެވެ.

އަހަރެންނަށް ގޮތް ހުސްވިއެވެ. އަހަރެން ގުޅުމުން ޝަޒްމާ ފޯނު ނުނެގުމުންނެވެ. ޝަޒްމާ ރުޅި އައީއެވެ. ރުޅިއަންނަން ޝަޒުމާއަށް ހައްގެވެ. އަހަރެންނާ ހެދި ކިތަންމެ ދުވަހަކު އޭނާ ގަޑި ޖެހިއްޖެއެވެ. އެތައް ފަހަރަކު އެ ވާހަކަ އަހަރެންނާ ދައްކައިފިއެވެ. އެތައް ފަހަރަކު މަޢާފުކޮށްފިއެވެ.

އެންމެ ފަހުން އަހަރެން ކުރީ މެސެކެވެ. އޭގެ ޖަވާބު ޝަޒްމާ ދިނީ ދިގު ބަޔާނަކުންނެވެ.

"އަހަރެން ދެން ބޭނުމެއް ނޫން ވާފިރާއެކު އުޅެކަށް. ތިޔަ އުޅުން އަހަރެންނަކަށް އިސްލާހެއް ނުކުރެވުނު. މި ގުޅުން އިތުރަށް ކުރިއަށް ގެންދާނެ ކެތްތެރިކަމެއް އަހަރެންގެ ނެތް. އަހަރެން ވާފިރާ މި ވަކިވަނީ އެ ނޫން ގޮތެއް ނެތިގެން. ވާފިރަށް މުހިންމީ ވާފިރުގެ މެޗުތައް. އެ މެޗުތަކާ ނުލައި ވާފިރަކަށް ނޫޅެވޭނެ. ވަރަށް ސަލާން. ދެން އަހަރެންނާ ނުގުޅާތި" ޝަޒްމާގެ މެސެޖުން އަހަރެންނަށް ލިބުނީ ޝޮކެކެވެ. ހިތަށް ވަރަށް އަސަރުކުރިއެވެ. ހިންދިރުވާ ލެވުނެވެ. ނަމަވެސް އެއީ އަހަރެންގެ ކުށެވެ. އެ ކުށް އަހަރެން ގަބޫލުކުރަމެވެ.

މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. ހުރިހާ ކަމެއް ގޯސްވީ މެޗުތަކަށް ދެވި ހިފުމުންނެވެ. ހުރިހާ ކަމެއް ބަދަލުވީ އެކަމާހެދިއެވެ. މަންމަގެ ބަސް ގަބޫލުކުރެވުނު ނަމަ މިހެނެއް ނުވީހެވެ. ކިޔެވުން ހުއްޓާލާކަށް ނުޖެހުނީހެވެ. މި ގުޅުން ކެނޑިގެނެއް ވެސް ނުދިޔައީހެވެ.

(ނިމުނީ)