އީދު ބަންދުތަކުގައި ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓް ކުރަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެފި އެވެ.

ފިތުރު އީދަށް ފުލުހުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވިީ ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ކޮންމެ އަހަރަކުވެސް ފިތުރު އީދު ދުވަހާއި ފިތުރު އީދު ބަންދުގައި އެންމެ ގިނައިން ހިންގާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ.

އެހެންކަމުން ފިތުރު އީދު ބަންދުގައި މާލޭގައި އުޅޭ މީހުންނާއި، އަދި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުމަށްޓަކައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި ޕެޓްރޯލްކުރުން ވަރުގަދަކޮށް އަދި ޕެޓްރޯލްކުރުން އިތުރުކުރުމަށް މިހާރު ރާވާފައިވާ ކަމަށްވެސް މޫސާ ވިދާޅުވި އެވެ. އެގޮތުން މާލޭ ސިޓީ ހަތަރު ނޭބާހުޑަކަށް ބަހާލުމަށްފަހު، ކުރިން ޕެޓްރޯލް ކުރަމުން ގެންދިޔަ ގޮތަށް ބަދަލުތަކެއް ގެނެސް ކުރިއަށް ވުރެ ވަރުގަދަކޮށް އެކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އީދު ބަންދުގައި ވައްކަމުގެ މައްސަލަތައް ގިނަވާތީ އެމީހެއްގެ އަމިއްލަ ސަލަމަތަށްޓަކައި އަތުގައި ގިނަ އަދަދެއްގެ ފައިސާ ބެހެއްޓުމުގެ ބަދަލުގައި ކޭޝް ކާޑު ބޭނުންކުރުމަކީ ރައްކާތެރިކަމެއް ކަމަށެވެ. އަދި ގެސްޓްހައުސްތަކަށް ވަދެ މީހުންގެ އަތުން ފޭރުމުގެ އަމަލުތައް ހިންގިޔަ ނުދިނުމަށް ގެސްޓްހައުސްތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ވެސް މޫސަ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ކޮންމެ ކޮންމެ މީހަކު ގެސްޓްހައުސްތަކުގައި ގެސްޓުން އުޅޭ ސަރަހައްދަށް ވަނަ ނުދިނުމާއި، ކޮންމެހެން ވަންނަން ބޭނުންވާ މީހެއްގެ އައިޑީ ކާޑު ނަންބަރު ނޯޓު ކުރެއްވުމަށްފަހު އެމީހަކު ބައްދަލުކުރަން ބޭނުންވާ ފަރާތެއްގެ ހުއްދަ ހޯދުމަށްފަހު އެމީހަކު ބަލައި ރިސެޕްޝަނަށް އައުމުން ނޫނީ ގެސްޓް އޭރިއާއަށް ބޭރުން އަންނަ މީހުން ނުވެއްދުމަށްވެސް މި ސާވިސްއިން އިލްތިމާސްކުރަން. ގެސްޓްހައުސްތަކުގައި ސީސީޓީވީ ކެމެރާތައް ބޭނުން ކުރެއްވުމާއި އަދި ބަހައްޓާފައި ހުންނަ ކެމެރާތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބައްލަވައި، އަދި މަސައްކަތް ނުކުރާ ކެމެރާތައް ރަނގަޅު ކުރުމަކީވެސް ގެސްޓް ހައުސްއާއި އެތަނުގައި ތިއްބަވާ ގެސްޓުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ވަރަށް މުހިއްމު ފިޔަވަޅެއް،" މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ ގެސްޓްހައުސްތަކާއި، އޮފީސް އިމާރާތްތަކާއި އަދި ސަރުކާރު ކުންފުނިތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މެއި މަހުގެ 30 ވަނަ ދުވަހު މާލޭގެ ސެކިއުރިޓީ ފާމުތަކާއި ބައްދަލުކޮށްފައިވާނެ ކަމަށެވެ. މި ބައްދަލުވުންތަކުގައި ސެކިއުރިޓީ ބަލަހައްޓާއިރު ސަމާލުކަން ދޭންވީ ކަންކަމާއި އަދި ކަމެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތް ހިއްސާކޮށްފައިވާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

"މާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި މާލޭއިން ބޭރަށް ފުރާވަޑައިގަންނަވާ ފަރާތްތައްވެސް ގޭގައި މީހުން ނޫޅޭ ގަޑިތަކުގައި ހުރިހާ ދޮރެއް ރަނގަޅައް ބަންދުކުރައްވާ ތަޅުލެއްވުމަކީ މުހިންމު ކަމެއް. އަދި ގޭގެއަށް ވަދެ ނިކުމެ ހަދާ މީހުން ފެންނަ ގޮތަށް ސީސީޓީވީ ކެމެރާތައް ބެހެއްޓުމަކީ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅެއް. އަދި ސީސީޓީވީ ކެމެރާތަކަށް ފެންނާނޭހެން ތަނުގައި އަލިކަމެއް ބެހެއްޓުމަކީވެސް މުހިއްމު ކަމެއް،" މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ އީދު ދުވަހު އީދު ނަމާދަށްފަހު ރައީސުލްޖުމްހޫރިއްޔާ އީދު ސަލާން ކުރެއްވުން ކުރިއަށްގެންދާ ވަގުތު އެސަރަހައްދުގެ ސެކިއުރިޓީއާއި ޓްރެފިކް ބެލެހެއްޓުމުގައި ވެސް މާލޭ ސީޓީގެ ޕޮލިހުން ހަރަކާތްކެރިވާނެ ކަމަށެވެ. އަދި އީދު ދުވަހު އުލްހިއްޔާ ކަތިލާ ފަރަތްތަކާއި އަދި ކުޅިވަރުތައް ރާވާ ފަަރާތްތައްވެސް އަމިއްލައަށް މަގުތައް ބަންދުނުކޮށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ހޯދައިގެން އެކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފަ އެވެ.