ފީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަށް އަނިޔާވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ އެމްބާޕޭއަށް އަނިޔާވީ އަންނަ އަހަރުގެ ޔޫރޯގެ ކޮލިފައިންގައި ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޮލިވިއާ ދެކޮޅަށް ކުޅުނު ރަހުމަތެރިކަމުގެ މެޗްގައެވެ. މިމެޗް ފަސޭހަކަމާއެކު 2-0 ލަނޑުން ކާމިޔަބު ކޮރީ ފްރާންސްއިންނެވެ.

އެމްބާޕޭއަށް ލިބުނު އަނިޔާއާ ގުޅިގެން ރޭގެ މެޗުގެ ދެ ވަނަހާފުގައި އޭނަ ކުޅެފައެއް ނުވެއެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ، އެމްބާޕޭއަށް އަނިޔާވެފައި ވަނީ އޭނަގެ ފައިގެ ކުޑަ ހުޅަށް ކަމަށާއި މިއަނިޔާގެ ސަބަބުން ޔޫރޯ ކޮލިފައިންގައި އަންނަ ހޮނިހިރު ދުވަހު ތުރުކީއާ ދެކޮޅަށް ކުޅޭ މެޗަށް އެމްބާޕޭ ފިޓްވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ވެސް ޑިޑިއޭ ބުންޏެވެ.

ކޯޗް ޑިޑިއޭ ބުނީ، އެމްބާޕޭއަކީ ތުރުކީ މެޗަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އެހެން ކަމުން އޭނަ ނެތް ތަން ފޫބެއްދުމަށް ވިސްނުންތަކެއް ގެންގުޅެމުން އަންނަ ކަމަށެވެ.

ރޭގެ މެޗުގައި ފްރާންސްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ތޯމަސް ލެމާ އާއި އެންޓޮއިން ގްރީޒްމަން އެވެ.

ޔޫރޯ ކޮލިފައިންގެ ގްރޫޕް އެޗްގައި ފްރާންސް އޮތްއިރު، އެޓީމް އޮތީ މިހާތަނަށް ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމްގައެވެ. އަދި ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތް ތުރުކީވެސް މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އޮތްއިރު، އަންނަ ހޮނިހިރު ދުވަހު މި ދެޓީމް މެޗަކީ މި ގްރޫޕުގެ އެއް ވަނައިގައި ލީޑުނެގުމަށް މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ. މިމެޗް ކުޅޭނީ ތުރުކީގައެވެ.