މަގާމާ ހަވާލުވެވަޑައިގަތީ ހުވައެއް ކުރައްވައިގެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށްވުމުން އެކަމަނާގެ ޒާތީ ކަންކަން އަންނާނީ ގައުމާއި ރައްޔިތުންގެ ފަހަތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ވީޓީވީން ރޯދަ މަހު ގެނެސްދޭ ހާއްސަ ޕްރޮގްރާމުތަކުގެ ތެރެއިން "ޝިފްޒާ"ގެ ނަމުގައި ވީޓީވީގެ މަޝްހޫރު ޕްރެޒެންޓަރު ޝިފްޒާ މުސްތަފާ ހުށަހަޅައިދޭ ޕްރޮގްރާމުގައި ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ވައިގެ ދަތުރުފަތުރުގެ ކަންކަންވެސް ބަލަހައްޓަމުން ގެންދާ މިނިސްޓްރީއަށްވެފައި، މިނިސްޓަރުގެ ފިރިކަލުންގެ އެއާލައިނެއް ހިންގާތީ މަސްލަހަތު ފުށުއެރުމެއް ނެތްތޯ ދެންނެވުމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ފިރިކަލުންގެ އެއާލައިނެއް އޮތް ކަމުގައި ވިޔަސް އެކަމަނާ މަގާމާ ހަވާލުވެވަޑައިގަތީ ﷲ ގަންދީ ހުވައެއް ކުރައްވައިގެން ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަކަށް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތަށް މަސައްކަތް ކުރެއްވުމުގެ އަޒުމާއި އަދި ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނެ ކަމުގެ ޔަގީންކަން އޮތުމުން މަސްލަހަތު ފުށުއަރާ ކަމެއް ނުހިނގާނެ ކަމުގައިވެސް ވިދާޅުވި އެވެ.