ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެއިން މިއަހަރުވެސް ތިން އެވޯޑެއް ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ މޮރިޝަސްގެ ޝުގަ ބީޗު ރިސޯޓުގައި ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް އެފްރިކާ އެންޑް އިންޑިއަން އޯޝަން ގަލާ" އިން ދިވެހިރާއްޖެ އެވޯޑް ހާސިލްކޮށްފައިވަނީ އިންޑިއާ ކަނޑުގެ ކެޓެގެރީންނެވެ.

މި ކެޓެގެރީން ރާއްޖެ ކާމިޔާބުކޮށްފައިވަނީ އިންޑިއާ ކަނޑުގެ އެންމެ ހިތްގައިމު ބީޗް މަންޒިލްގެ އެވޯޑާއި، އިންޑިއާ ކަނޑުގެ ފީނުމަށް އެންމެ މަގުބޫލު މަންޒިލްގެ އެވޯޑުގެ އިތުރުން ސަރަހައްދުގެ އެންމެ ހިތްގައިމު ހަނީމޫން މަންޒިލްގެ އެވޯޑެވެ.

ރާއްޖެއިން ތިން އެވީޑް ކާމިޔާބުކޮށްފައިވީ ނަމަވެސް ސަރަހައްދީ އިތުރު ގިނަ އެވޯޑްތަކަކަށް ރާއްޖެ ނޮމިނޭޓްވެފައިވެ އެވެ.

މީގެ އިތުުރުން ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުންޏެއް ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން ވަނީ އިންޑިއާ ކަނޑުގެ ލީޑިން ސީޕްލޭން އޮޕްރޭޓަރުގެ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހޮޓެލްސް އެންޑް ރިސޯޓްސް ކެޓެގެރީންވެސް ރާއްޖޭގެ ހޮޓެލް އަދި ރިސޯޓް ހިމެނޭ ގޮތަށް 14 ތަނަކުން މި އެވޯޑް ކާމިޔާބުކޮށްފައިވެ އެވެ. އަދި ޓުއާ އޮޕަރޭޓާސް އާއި ޓްރެވަލް އެޖެންސީ ކެޓެގަރީންވެސް ރާއްޖެެއިން އެވޯޑެއް ކާމިޔާބުކޮށްފައިވެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް މީގެ ކުރިން ވެސް ގިނަ އެވޯޑްތަކެއް ލިބިފައިވެ އެވެ. އަދި ރާއްޖެެއިން ކާމިޔާބުކޮށްފައިވާ ބައެއް އެވޯޑްތައް ތަކުރާރުކޮށް ގިނަ އަހަރުތަކެއް ވަންދެން ލިބިފައިވާކަން ވެސް ފާހގަަކުރެވެ އެވެ.