ސެފޯރާއަކީ ފަރަންސޭސިވިލާތުގެ ޕެރިހުގައި ގާއިމްކޮށްފައިވާ ރީތިވާ ސާމާނު އުފައްދާ މަޝްހޫރު ކުންފުންޏެވެ. ނަމަވެސް، ދާދިފަހުން އެ ކުންފުނީގެ ނަމަށް މިވަނީ ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް އައިސްފައެވެ. އަދި، ކުންފުނިން މިވަނީ، ޚާއްސަ ތަމްރީންތަކެއް ބޭއްވުމަށް، އެމެރިކާގައި ހުންނަ އެ ކުންފުނީގެ ފިހާރަތައް ބަންދުކުރާން ނިންމާފައެވެ.

ފިހާރަތައް ބަންދުކުރާން މެދުވެރިވި ހާދިސާ ހިނގީ މީގެ މަހެއްހާ ދުވަސް ކުރީންނެވެ. އެއީ، އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެ ކުންފުނީގެ ފިހާރައެއްގައެވެ. އެ ވަގުތު، އެ ފިހާރައިގެ ތެރޭގައި ކަޅު ނަސްލުގެ އަންހެނެއް ވިޔަފާރިކުރާން އުޅުނެވެ. އޭނާ ދިޔައީ، އެކި ވައްތަރުތަކުގެ އުފެއްދުންތައް ޓެސްޓު ކުރަމުންނެވެ. ގަންނާނެ އެއްޗެއް ނިންމުމަށްޓަކައެވެ. ނަމަވެސް، އޭނާގެ ބައެއް އަމަލުތައް ހުރި ގޮތުން، އެ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފެއް ވަނީ، އެނާއާއި ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.

އެ މުވައްޒަފަށް ހީކުރެވުނީ، އެ ޒުވާން އަންހެން ކުއްޖާއަކީ، އެ ފިހާރައިން ވައްކަން ކުރާން މަސައްކަތްކުރާ ކުއްޖެއް ކަމަށެވެ. އަދި، ވަގުތުން އޭޭނާވަނީ ސެކިއުރިޓީއަށް ގުޅައި، އެ އަންހެން ކުއްޖާ ފިހާރައިން ބޭރުކުރާން މަސައްކަތް ކޮށްފައެވެ. އެ މުވައްޒަފު، އެ އަންހެން ކުއްޖާ ވައްކަން ކުރާން އުޅުނު ކަމަށް ނިންމީ، އޭނާގެ ހަމުގެ ކުލައަށް ބަލާފައެވެ.

އަދި، ސެކިއުރިޓީއިންވަނީ އެ އަންހެން ކުއްޖާ ހިފަހައްޓައި އޭނާއާއި ސުވާލުކޮށްފައެވެ. އަދި، ސެކިއުރިޓީއަށް އަންގާން ޖެހުނު ސަބަބާއިމެދު، އެ ކުއްޖާއާއި އެ ތަނުގެ މުވައްޒަފާއި ދެމެދު ދިގު ބަހުސެއް ކުރެވުނެވެ. ނަމަވެސް، ކަން ހިނގާފައިވަނީ، އެ ފިހާރައިގެ މުވައްޒަފު ހީކުރި ގޮތަކަށް ނޫނެވެ. އެ އަންހެން ކުއްޖާ އެ ފިހާރައިން ވައްކަން ކުރާން އުޅެފައެއް ނުވެއެވެ. އަދި، އޭނާއަކީ ކަޅު ނަސްލުގެ މީހަކަށްވާތީ، އޭނާ ވައްކަން ކުރާން އުޅުނު ކަމަށް ނިންމުމަކީ، އެތަނުގެ މުވައްޒަފު ހެދި ވަރަށް ބޮޑު ގޯހެކެވެ.