10 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު، އިނގިރޭސިވިލާތަށް ނިސްބަތްވާ ބްރިޓިޝް އެއާވޭޒްއިން ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ދަތުރުތައް ފަށައިފިއެވެ.

ބްރިޓިޝް އެއާވޭޒްއިން ޕާކިސްތާނަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލާފައިވަނީ 2008 ވަނަ އަހަރު ހިންގި ބޮން ގޮއްވުމުގެ ހާދިސާއަކާއި ގުޅިގެންނެވެ. ވެރިރަށް އިސްލާމްއާބާދުގައި ދިން މިހަމަލާގައި 54 މީހަކު މަރުވިއެވެ.

ނަމަވެސް، ބްރިޓިޝް އެއާވޭޒްއިން މިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި، އިނގިރޭސިވިލާތުގެ ހީތްރޯއާއި ދެމެދު ދަތުރުތައް ފަށާފައެވެ.

މި އެއާލައިންގެ ދަތުރުތައް ފެށުމާއިއެކު، ބްރިޓިޝް އެއާވޭޒް ވެގެން ގޮސްފައި މިވަނީ، ޕާކިސްތާނަށް ދަތުުރުކުރާ ހުޅަނގުގެ ޤައުމެއްގެ ހަމައެކަނި އެއާލައިނަށެވެ. 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އިސްލާމްއާބާދުގެ މެރިއަޓް ހޮޓަލުގެ ބޭރުގައި ގޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 54 އަށް އަރާއިރު، އެހަމަލާގައި އިތުރު 250 މީހަކު ޒަޚަމްވިއެވެ.

އެ ހާދިސާއަށްފަހު، ބްރިޓިޝް އެއާވޭޒްއިން ވަނީ، އެ އެއާލައިންގެ އެއްވެސް މުވައްޒަފެއް އަދި ކަސްޓަމަރެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ބުނެ، އިސްލާމްއާބާދަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައެވެ.

އެ އެއާލައިނުން ޕާކިސްތާނަށް އަލުން ދަތުރުތައް ފަށާފައި މިވަނީ، އިސްލާމްއާބާދުގައި އައު އެއާޕޯޓެއް އަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހުއެވެ. ބްރިޓިޝް އެއާވޭޒްއިން ކޮންމެ ހަފްތާއަކު 3 ފަހަރު، އިސްލާމްއާބާދަށް ދަތުރުތައް ބާވާނެއެވެ.