ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުތަކުގައި ވެހިކަލަކުން ޖެހި ޑިވައިޑަރުތަކުގެ ބޮޑުބައެއް އަނެއްކާވެސް ހަލާކުވެއްޖެ އެވެ.

ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވެހިކަލަކުން ހައިވޭގެ ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށެވެ.

ވެހިކަލުން ޖެހުމާ ގުޅިގެން ޑިވައިޑަރުތަކުގެ ބޮޑުބައެއް ހަލާކުވެފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނީ ޑިވައިޑަރުތަކުގައި ޖެހުނު ވެހިކަލް މަޑުނުކޮށް ގޮސްފައިވާތީ އެ ވެހިކަލް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަަމަށެވެ.

ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުތަކުގައި މީގެކުރިންވެސް ވެހިކަލްތަކުން ޖެހި ދެތިން ފަހަރެއްގެ މަތިން ޑިވައިޑަރުތައް ފުނޑުފުނޑުވެފައިވެ އެވެ.

ހައިވޭގެ ޑިވައިޑަރުތައް އެކްސިޑެންޓްތަކުގައި ހަލާކުވަމުންދާއިރު ޑިވައިޑަރުތައް އާކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ.