ރަމަޟާން މަހު އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވެވޭ ގޮތަށް ވީޓީވީ އާއި ވީއެފްއެމުން ކުރިއަށް ގެންދިޔަ އެކި މުބާރާތްތަކާއި، އެސްއެމްއެސްއިން އިނާމު ހޯދުމުގެ ފުރުސަތުތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި މިރޭ ގުރުއަތުލައިގެން ނަސީބުވެރިން ހޮވަން ނިންމައިފި އެވެ.

ނަސީބުވެރިން ހޮވުމަށް ވީމީޑިއާ ހިންގާ އިމާރާތުގައި މިރޭ ކުރިއަށްދާ ހާއްސަ ހަރަކާތްތައް ވީޓީވީއާއި ވީއެފްއެމުން މިރޭ 9:00 ޖަހާއިރު ވަގުތުން ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ.

މިރޭގެ ގުރުއަތަށްފަހު ނަސީބުވެރިންނަށް ހޮވޭ ފަރާތްތަކުގެ ފޯން ނަންބަރުތައް އާންމުކުރުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ރަމަޟާން މަހު ވީޓީވީއާއި ވީއެފްއެމުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުތަކުގައި ބައިވެރިވެ ނަސީބުވެރިންނަށް ހޮވޭ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ހައްޖު ދަތުރަކާއި، ހަތަރު ފަރާތަކަށް އުމުރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

ވީމީޑިއާގެ ރޯދަ މަހުގެ ބޮޑު އިނާމުގެ ތެރޭގައި ހިމެނޭ އެންމެ ހާއްސަ އަދި އެންމެ އަގުބޮޑު އިނާމު ކަމުގައިވާ ހައްޖު ދަތުރު ހުށަހަޅާފައިވަނީ ހުޅުމާލޭގައި އެންމެ ޒަމާނީ ފެންވަރުގައި ތަރައްޤީކުރަމުންދާ ކޭޕާކު ރެސިޑެންސްގެ ފަރާތުންނެވެ. މިއީ ހަންބޯ މޯލްޑިވްސްގެ ފަރާތުން ތަރައްޤީކުރާ 110 އެޕާޓްމަންޓާއި ޒަމާނީ ވަސީލަތްތައް ހިމެނޭ އިމާރާތެކެވެ.

ވީމީޑިއާގެ ރޯދަ މަހުގެ ބޮޑު އިނާމުގެ ތެރޭގައި ހިމެނޭ ހަތަރު އުމުރާ ދަތުރު ހުށަހަޅާފައިވަނީ ޓްރޭވް ހައްޖު އެންޑް އުމްރާ ގުރޫޕާއި، ދަރުމަ ލިލްޙައްޖި ވަލްއުމްރަތި ގުރޫޕާއި، އަލްސަފާ ގުރޫޕްގެ އިތުރުން އަލްހިޖުރަ އުމްރާ ގުރޫޕްގެ ފަރާތުންނެވެ.

ވީމީޑިއާގެ ރޯދަ މަހުގެ ބޮޑު އިނާމުގެ ތެރޭގައި ހިމެނޭ އެހެން އިނާމުތަކުގެ ތެރޭގައި ލިޓަސް އިން ހުށަހަޅާފައިވާ 55،500 ރުފިޔާގެ އަގުހުރި ޔަމަހާ ގްރޭންޑް ފިލާނޯ ސައިކަލަކާއި، މުނި ހޯމްކެއާއިން ހުށަހަޅާފައިވާ ބެޑްރޫމް ސެޓަކާއި، އިންޑިއާގެ ތަންދޫރީ ރެސްޓޯރަންޓް ޗެއިން މޮޓީމަހަލްގެ ރާއްޖޭގެ އައުޓްލެޓުން ހުށަހަޅާފައިވާ 65 އިންޗީގެ ފަތި ޓީވީއަކާއި، ގްލޯރިއާ ޖީންސް ކޮފީސްގެ ފަރާތުން ހުށަހަޅާފައިވާ 65 އިންޗީގެ ފަތި ޓީވީއެއްގެ އިތުރުން ކޮމްޕިއުޓަ ޕްލަސް އިން ހުށަހަޅާފައިވާ ލެޕްޓޮޕާއި ޕްރިންޓަރ އަދި ހޯމް ތިއޭޓަރ ސައުންޑް ސިސްޓަމް ހިމެނެ އެވެ.