ރެއާލް މެޑްރިޑާއި ސްޕެއިންގެ ގައުމީ ޓީމުން ވަކިކުރި ހުލެން ލޮޕެޓެގީ ސެވިއްޔާގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

އުމުރުން 52 އަހަރުގެ ލޮޕެޓެގީ ވަނީ މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ވަކިކޮށްފައެެވެ. އޭނާ މަގާމުން ވަކިކުރީ ރެއާލްގެ ކޯޗުގެ މަގާމަށް ބަދަލުވަން އެއްބަސްވިކަން އިއުލާނުކުރުމުންނެވެ.

އެއަށްފަހު ރެއާލްގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު، ހަތަރު މަސް ފަހުން ރެއާލްއިންވެސް ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު 10 މެޗުން ރެއާލްއަށް 15 ޕޮއިންޓް ލިބުނުއިރު، މި ނިމުނު ސީޒަނުގައި ކުޅުނު ފުރަތަމަ އެލް ކްލެސިކޯގައި ރެއާލްއިން ބާސެލޯނާ އަތްދަށުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލޮޕެޓެގީ ސެވިއްޔާގެ ކޯޗަކަށް ހަމަޖައްސާފައިވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސެވިއްޔާގެ ކޯޗަކަށް ލޮޕެޓެގީ ހަަމަޖެއްސިއިރު، އޭގެ ކުރިން އެޓީމުގެ ކޯޗަކަށް ހުރީ ޕަބްލޯ މަޝިން އެވެ. ޔޫރޮޕާ ލީގުން މިދިޔަ މާޗު މަހު ސެވިއްޔާ ކެޓުމާއި ގުޅިގެން ޕަބްލޯ މަގާމުން ވަކިކުރިއިރު، ވަގުތީގޮތުން ޓީމާ ހަވާލުވެފައިވަނީ އެޓީމުގެ ފުޓްބޯޅަ ޑިރެކްޓަރެވެ.