ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" މިމަހުގެ 12ވަނަ ދުވަހު އޮލިންޕަހުގައި ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފައެވެ. "ދައުވަތު" ޕްރިމިއާކުރުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މިއީ ދިވެހި ސިނަމާއަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށްވާނެއެވެ. އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މިއީ ފާހަގަކޮށްލެވޭ ފިލްމަކަށްވާނެއެވެ.

އެންމެ ފުރަތަމަ ކަމަކީ މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ވަރަށްވެސް އިބްރަތްތެރި ފިލްމަކަށްވުމެވެ. މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާދިޔަ ހާދިސާއެކެވެ. އެތައް އުންމީދުތަކަކާއެކު އުފާވެރި ޖަވާޒީ ހަޔާތަށް އެދި ކައިވެނިކުރި ދެމަފިިރިންނަށް ދިމާވި ދުވަހަކުވެސް އެމީހުންގެ ހަނދާން ފިލައިގެން ނުދާނެ ހާދިސާއެކެވެ. "ދައުވަތު" މި ފިލްމުގައި މި ހާދިސާ ވަރަށް ފުރިހަމައަށް ބެލުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.

އަޅުގަނޑުމެންގެ މުޖްތަމައުއަކީ ސައްތައިން ސައްތަ އިސްލާމީ މުޖްތަމައުއެއް ނަމަވެސް، ސިހުރުގެ ނުރައްކާތެރިކަން އޮތީ އިންތިހާ ދަރަޖައެއްގައެވެ. ހަމަ އެހާއެކު ފާހިޝް އަމަލުތައް ކުރުންވެސް ދިވެހި މި މުޖްތަމައުގެ ތެރޭގައި އިތުރުވެފައިވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ.

ސިހުރުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ވަނީ ވަކިވެގެންގޮސްފައެވެ. އަނެއް ބައެއްގެ އުފާވެރި ދިރިއުޅުން ވަނީ ގެއްލިފައެވެ. ޝައިތާނާގެ ހަވާ ނަފުސަށް ތަވާބު ސިހުރުވެރިއަކު ކުރާ ނުބައި އަމަލެއްގެ ސަބަބުން މުޅި ހަޔާތް ވޭނުގައި ހޭދަކުރަންޖެހިފައިވާ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރޭގައި އެބަތިއްބެވެ. ސިހުރުގެ ސަބަބުން ހަޔާތުގައި ކަޅު ދުވަސްތައް ގުނަމުންދާ އެކި އުމުރުގެ ދެ ޖިންސުގެ އެތައް ބަޔަކު ތިބިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ.

"ދައުވަތު" މި ފިލްމުގައި ދައްކުވައިދޭނީ އެފަދަ ހާދިސާއެކެވެ. އިބްރަތުން ފުރިގެންވާ ހަގީގީ ހާދިސާއެކެވެ. ކޮންމެ މީހަކަށްވެސް އެނގެންޖެހޭ އެތައް ވާހަކަތަކެއް މި ފިލްމުން ބުނެދޭނެއެވެ. "ދައުވަތު ބަލާލަންޖެހޭ ފުރަތަމަ ސަބަބަކީ އެއީއެވެ.

"ދައުވަތު" މިނަމުގައި ވީމީޑިއާއިން ގެނެސްދޭ މި ފިލްމުގައި ސިހުރުޖެހެން ދިމާވާ ކަންކަންވެސް ދައްކުވައިދޭނެއެވެ. އެހެންކަމުން އެފަދަ ކަންކަމުން ކުރިއަށްއޮތްތާ ދުރުވުމަށްވެސް މިއީ ބަލާލުން މުހިންމު ފިލްމެވެ. "ދައުވަތު"އިން ދޭނެ މެސެޖަކީ ސިހުރުގެ ނުރައްކާތެރިކަމެވެ. އެ ފާފައިގެ ބޮޑުކަމެވެ. އެ ނުބައި އަމަލުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ލިބޭ ގެއްލުންތަކެވެ. ސިހުރުގެ ސަބަބުން ތަހަންމަލުކުރަންޖެހޭ ވޭނެވެ. އަދި ސިހުރުން ދުރުވުމަށް ކުރަންޖެހޭ ކަންކަމެވެ. އެފަދަ ޝައިތާނުންގެ ނުބައިކަމުން ސަލާމަތްވުމަށް ތިމާއަށް ކުރެވޭނެ ކަންކަމެވެ. އެޅޭނެ ފިޔަވަޅެވެ.