އުމުރުން 14 އަހަރުގެ ކުއްޖަކު ކަޕްކޭކް ވިއްކައިގެން ޑިސްނީ ވޯލްޑަށް ދާން ބޭނުންވާނެ ފައިސާ އެއްކޮށްފި އެވެ.

އިސާއިއާ ޓަކެޓްއަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިނެސޯޓާއަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާގެ ހަޔާތުގައި އެންމެ ދަތުރުކުރަން ބޭނުންވާ ތަނަކީ މަޝްހޫރު ތީމް ޕާކެއް ކަމަށްވާ ޑިސްނީ ވޯލްޑް އެވެ. ނަމަވެސް އޭނާގެ އާއިލާއަކީ މެދުފަންތީގެ އާއިލާއެއް ކަމުން ޑިސްނީ ވޯލްޑަށް ޒިޔާރަތްކުރުމަށް ބޭނުންވާ ވަރަށް އާއިލާގައި ފައިސާއެއް ނެތެވެ.

"ގޭތެރޭގެ ޚަރަދުތައް ކޮށްފައި، ޑިސްނީ ވޯލްޑަށް ދާނެ ވަރަށް ފައިސާ ރައްކާކުރުމަކީ ވަރަށް ދަތިކަމެއް. ނަމަވެސް އިސާއިއާ އަބަދުވެސް ބޭނުންވާ އެއް ކަމަކީ ޑިސްނީ ވޯލްޑަށް ޒިޔާރަތް ކުރުން. އެހެންވެ އޭނާ ހިތްވަރު އެލުވާ ނުލައި އެކަން މިވަނީ ކާމިޔާބު ކޮށްފައި،" އިސާއިއާގެ މަންމަ ޝެރީ ބުންޏެވެ.

އިސާއިއާ އެންމެ ފުރަތަމަ ކަޕްކޭކް އަޅަން ދަސްކުރީ އޭނާގެ އުމުރުން 12 އަހަރުގަ އެވެ.

އޭނާއަށް ކަޕްކޭކް އަޅަން ދަސްކޮށްދިނީ އޭނާގެ މާމަ އެވެ. އޭނާ އަޅާ ކަޕް ކޭކް ތަކަކީ އެންމެންނަށްވެސް ވަރަށް ކަމުދާ އެއްޗަކަށް ވިއެވެ. އަދި ފުލުފުލުގައި އޯޑަރުތައް ލިބެން ފެށި އެވެ.

އުފަންދުވެހުގެ ޕާޓީތަކާއި، ކައިވެނީގެ ހަފްލާތަކުންވެސް އިސާއިއާގެ ކަޕް ކޭކް ތަކަށް ޖާގައެއް ދިނެވެ. ޑިސްނީ ވޯލްޑަށް ދިއުމަށް ބޭނުންވާނެ ފައިސާ އެއްކުރުމުގެ މަސައްކަތް އޭނާ ފެށީ އޭގެ އެއް އަހަރު ފަހުންނެވެ.

މިކަމުގައި އޭނާއަށް އޭނާގެ އާއިލާގެ މެމްބަރުންގެ އެހީތެރިކަންވެސް ލިބުނެވެ. ކަޕް ކޭކް އެޅުމަށް ބޭނުންވާ ބައެއް ތަކެތި ހޯދުމުގައި އޭނާގެ އާއިލާއިން އެހީތެރިވި އެވެ. އަދި އެއް އަހަރު ދުވަހުގެ މަސައްކަތުން އޭނާ ވަނީ ކަޕް ކޭކް ވިއްކައިގެން 4500 އެމެރިކާ ޑޮލަރު އެއްކޮށްފަ އެވެ. އޭނާ ކަޕް ކޭކް ޑަޒަނެއް ވިއްކާފައިވަނީ 20 ޑޮލަރުގެ މަގުންނެވެ.

"އަހަރެން އެންމެ ކުރާހިތްވާ އެއް ކަމަކީ ކޭކު އެޅުން. އެކަމަކު ހިއެއް ނުކުރަން އެއް އަހަރު ތެރޭގައި ޑިސްނީ ވޯލްޑަށް ދާން ބޭނުންވާނެ ވަރަށް ފައިސާ އެއްވާނެ ކަމަކަށް. ނަމަވެސް ހުއްޓާ ނުލާ ހިތްވަރާއެކު މަސައްކަތް ކުރީ އަހަރެންގެ އުއްމީދު ހާސިލްކުރާން،" އިސާއިއާ ބުންޏެވެ.

ފައިސާ އެއްކޮށްގެން އޭނާގެ އާއިލާގެ ހުރިހާ މެމްބަރުންނާ އެކު އޭނާ ވަނީ ދާދި ފަހުން ޑިސްނީ ވޯލްޑަށް ގޮސް، އޭނާގެ އުއްމީދުތައް ހާސިލްކޮށްފަ އެވެ.

އޭނާ އެއްކުރި ފައިސާ ޚަރަދުކޮށްފައިވަނީ ފްލޮރިޑާއަށް ދަތުރުކުރުމަށް ވައިގެ ޓިކެޓް ނެގުމާއި، ފްލޮރިޑާގައި ހުރުމާއި، ކެއުމާއި އަދި ޑިސްނީ ވޯލްޑަށް ޒިޔާރަތްކުރުމަށް ބޭނުންވާ ޓިކެޓް ގަތުމަށެވެ.

"އަހަރެން ވަރަށް އުފާވި އަހަރެންގެ ބުރަ މަސައްކަތުން މިކަން ކުރެވުނީމަ. ކުރިއަށް އޮތީ މުޅިން އެހެން ކަމެއް ހާސިލްކުރުން. މިހާރު މަސައްކަތް ކުރަމުން މިދަނީ ކާރެއް ގަތުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް،" އޭނާ ބުންޏެވެ.