"ޝެލްބީޒް ސްވީޓްސް"އަކީ ބޭކަރީއެއް ނުވަތަ ފާރޮށިގެއެކެވެ. މިއީ އެހެން ފާރޮށިގެތަކާއި ބަލާއިރު ވަރަށް ތަފާތު ތަނެވެ. އެއް ކަމަކީ މިތަން ހިންގަނީ 17 އަހަރާއި 19 އަހަރުގެ ދެ ޒުވާނުންނެވެ. އަނެއް ކަމަކީ މީގެތެރެއިން 17 އަހަރުގެ ޝެލްބީ ސްޓްރަކްނެސްއަކީ ނުކުޅެދޭ ކުއްޖެއް ކަމެވެ. އޭނާއާއި 19 އަހަރުގެ ނެޓަލިއާ ޔާސޯ ގުޅިގެން މި ފާރޮށިގެ ހުޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މިތަނުގެ ތަފާތުކަން އަދިވެސް ނިމުނީއެއް ނޫނެވެ. މިއީ ހަމައެކަނި ކޭކާއި އެހެނިހެން ފޮނި ކާތަކެތި ތައްޔާރުކުރާ ތަނެއް ނޫނެވެ.

މިތަނުގެ އެންމެ މައިގަނޑު މަގުސަދަކީ ނުކުޅެދޭ ކުދިންނަށް ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ހުނަރުތައް ދަސްކޮށްދިނުމެވެ. އަދި ކޭކު އަޅަންވެސް ދަސްކޮށްދިނުމެވެ.

"އަހަރެމެން މި ފާރޮށިގެ ހުޅުވީ ނުކުޅެދޭ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ނެތުމުން އެކަން ހައްލުކުރުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި،" މައިއެސްއޭ.ކޮމް އަށް ދިން އިންޓަވިއުއެއްގައި ޔާސޯ ކިޔައިދިނެވެ.

މި ފާރޮށިގެއަކީ މިހާރު ނަން ހިނގާ ތަނެކެވެ. އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. އަދި މިތަނުގައި މަސައްކަތް ކުރާ ގިނަ ކުދިންނަކީ ކޮންމެވެސް ސިފައެއްގައި ނުކުޅެދުންތެރިކަމެއް ތަހައްމަލް ކުރަމުންދާ ކުދިންނެވެ. ނަމަވެސް މިއީ އެ ކުދިންނަށް ނުވާނެ ކަމެއް ނޫންކަން އެ ކުދިން މިވަނީ ދައްކައިދީފަ އެވެ. އެކި ވައްތަރުތަކުގެ ކޭކާއި، އެހެނިހެން ފޮނިކާތަކެތި ތައްޔާރު ކުރުމުގެ ތެރޭގައި ހިމެނޭ ކޭކް މިކްސް ތައްޔާރު ކުރުމާއި، ފިހުމާއި، އައިސިން ޖެހުމާއި، އަދި ކޭކުތައް ބަންދު ކުރުމަކީ މި ކުދީންނަށް އުނދަގޫ ކަމެއް ނޫނެވެ.

"ޝެލްބީޒް ސްވީޓްސް"ގެ އުފެއްދުންތައް މިހާރު ކޮފީ ޝޮޕްތަކުގެ އިތުރުން އޮންލައިންކޮށްވެސް ގަންނަން ލިބެ އެވެ. މި ވިޔަފާރިއަށް އަދި އަހަރު ފުރިފައި ނުވި ނަމަވެސް، މިކަން އިތުރަށް ފުޅާކުރަން ސްޓްރަކްނެސް އާއި ޔާސޯ ވަނީ މަސައްކަތް ފަށާފަ އެވެ. ނަމަވެސް އިތުރު ފިހާރަތަކެއް ހުޅުވައިގެނެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލީޑަޝިޕް ތަމްރީނާއި ވޮކޭޝަނަލް ސްކިލް ދަސްކޮށްދޭނެ އިތުރު ގޮތްތަކެއް ހޯދައިގެންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ވީހާވެސް ގިނަ ކުދިންނަށް ވަޒީފާ އަދާކުރުމަށް ބޭނުންވާނެ އުކުޅުތައް ދަސްކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ހުނަރުތައް ދަސްކޮށްދިނުމަށް ކެރިއަ ކޭމްޕެއް ބޭއްވުމަށް ސްޓްރަކްނެސް އާއި ޔާސޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަންނަ މަހު ބާއްވާ މި ކޭމްޕުގެ 30 ޖާގައިގެ ތެރެއިން 21 ޖާގަ މިހާރުވެސް ވަނީ ނަގާފަ އެވެ. މިއީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށް ބާއްވާ ކޭމްޕެކެވެ.