ސްރީލަންކާ ސަރުކާރުން އިސްތިއުފާ ދެއްވި ހުރިހާ ވަޒީރުންނާއި، އެނޫންވެސް ބޭފުޅުން އެބޭފުޅުން ތިއްބެވި ވަޒީފާތަކަށް އެނބުރި އައުމަށް، ސްރީލަންކާގެ ބުދިސްޓު އިސް ވެރިން ގޮވާލައިފިއެވެ.

ބުދިސްޓް އިސްވެރިން މިކަމަށް ގޮވާލީ، ބުދިސްޓު ދީނުގެ ތިން ޗެޕްޓަރުގެ އެންމެ އިސްވެރިންގެ މެދުގައި ކޮޅުނބުގައި މިއަދު ބޭއްވި ޚާއްސަ މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ.

މިއީ، އީސްޓަރ ސަންޑޭގެ ބޮމުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ މިހާރުގެ ހާލަތުގެ މައްޗަށް މަޝްވަރާކޮށް ފިޔަވަޅުތަކެއް އެޅުމާމެދު ގޮތެއް ނިންމަން ބޭއްވި މަޝްވަރާތަކެކެވެ.

މި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ބުދިސްޓު މަލްވެއްޓި ޗެޕްޓަރުގެ އެންމެ އިސްވެރިޔާ ވިޖިތަސިރީ ތީރޯ ބުނެފައިވަނީ، މަޝްވަރާތަކުގެ ބޭނުމަކީ، ސްރީލަންކާގައި ސިންގަޅައިންނާއި، ތަމަޅައިންނާއި، މުސްލިމުންނާއި އަދި އެނޫންވެސް ނަސްލުތަކުގެ މީހުންނަށް ސްރީލަންކާއަކީ ސުލްހަވެރި ކަމާއެކު އުޅެވޭނޭ މުޖުތަމައަކަށް ހެދުން ކަމަށެވެ.

ހަމަ އެއާއެކު، ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި މުސްލިމް ވަޒީރުން އިސްތިއުފާ ދެއްވުމަކީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

"އެހެންވެ، އަހަރެމެން އެދެން، މުސްލިމް ލީޑަރުންނަށް އެނބުރި ސަރުކާރާ ގުޅުމަށް އަދި އެ ބޭފުޅުންގެ ޒިންމާތަކާ ހަވާލުވުމަށް" ވިޖިތަސިރޯ ބުނެފައި ވެއެވެ.

އޭނާ ބުނީ، މުސްލިމް ވަޒީރަކާ ދެކޮޅަށް ނުވަތަ ސަރުކާރުގެ މުހިންމު އެނޫންވެސް އޮފިޝަލަކާމެދު ތުހުމަތުތަކެއް ކުރެވޭނަމަ އެބޭފުޅުން ކުރިއަށް ނުކުމެވަޑައިގެން އެބޭފުޅުންގެ ކުށެއްނެތްކަން ސަރުކާރަށާއި، ސަލާމަތީ ފަރާތްތަކަށާއި އަދި ސްރީލަންކާގެ ރައްޔިތުންނަށް ސާބިތުކޮށްދެއްވަންޖެހޭ ކަމަށެވެ.

ސްރީލަންކާ ސަރުކާރުން މުސްލިމް ދެ ވަޒީރުންނާއި، ވަޒީރުންގެ ނާއިބުންނާއި، ސްޓޭޓް މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޕާލަމެންޓްގައި ތިއްބަވާ މުސްލިމް 9 ބޭފުޅުންނާއި، ދެ ޕްރޮވިންސެއްގެ ގަވަރުނަރުން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަދުވަހުއެވެ.

އެބޭފުޅުން އެއްފަހަރާ އިސްތިއުފާ ދެއްވީ، ސަރުކާރުގެ ކޮމާސް މިނިސްޓަރ ރިޝާދް ބަތީއުއްދީނާއި އަދި ދެ ގަވަރްނަރުންނާއި ބޮމުގެ ހަމަލާތައް ދިން މީހުންނާ ގުޅުންވާ ކަމަށް ބުނެ، އެބޭފުޅުން ސަރުކާރުން ވަކިކުރުމަށް ބުދިސްޓު ހަރުކަށި ޖަމާއަތް ބޮޑު ބަލަ ސޭނާގެ ލީޑަރާއި، އެހެން ބުދިސްޓުން ސަރުކާރަށް މުހުލަތުދީ، އިންޒާރުތައް ދޭންފެށުމުން، އެ ތިން ބޭފުޅުންނާ އެކުގައި މުސްލިމު އެހެން ލީޑަރުން ތިއްބެވިކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ.

ބުދިސްޓު އިސްވެރިން މިއަދުގެ ބޭއްވި މަޝްވަރާތަކުގައި ބޮޑު ބަލަ ސޭނާގެ ލީޑަރު ގަލަގޮޑާއްތެ ބައިވެރިކަމެއް ސާފެއް ނުވެއެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދެއްކި، ބުދިސްޓު ލީޑަރު ވިޖިތަސިރީ ތީރޯ ބުނެފައިވަނީ، ކޮޅުނބަށް ދެވުނު ބޮމުގެ ހަމަލާތަކާ ގުޅިގެން ހިނގައިދިޔަ ބޭއިންސާފު ކަންތައްތައް ދެން އިތުރުވިޔަދީގެން ނުވާނޭ ކަމަށެވެ. އެގޮތަށް ކަންކަން ކުރިއަށްދާނަމަ ސްރީލަންކާއަށް އިގްތިސާދީ ކާރިޘާއަކާ ކުރިމަތިވެ، ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނިކަމެތިކަން ކުރިމަތިވާނޭ ކަމަށެވެ.

އެހެންވެ، ބުދިސްޓުން މިއަދު މަޝްވަރާކުރުމަށްފަހު، ސްރީލަންކާ ސަރުކާރާއި ރައްޔިތުންނަށް ހަގީގަތް ހާމަކުރުމުގެ ގޮތުން ފަނަރަ ނުކުތާ ހިމެނޭ ހުށަހެޅުމެއް އެކަށައަޅާފައި ވެއެވެ. އެކަމަކު، އެއީ ކޮން ފަނަރަކަމެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެކަން ކަމާމެދު އަދި އިތުރަށް މަޝްވަރާކުރުމަށްފަހު މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ހާމަކުރާނޭ ކަމަށް، މީޑިއާއަށް މައުލޫމާތުދިން ބުދިސްޓު ލީޑަރު ބުނެފައި ވެއެވެ.

އިސްތިއުފާ ދެއްވި މުސްލިމް ބޭފުޅުން އެ ބޭފުޅުންގެ މަގާމުތަކަށް އެނބުރި ވަޑައިގަތުމަށް ބުދިސްޓު އިސް ވެރިން އެދުނުއިރު، ސްރީލަންކާގެ ވެސްޓަން ޕްރޮވިންސްގެ ގަވަރްނަރު ކަމުގައި ހުންނެވި އާޒާތު ސެލީ، އިސްތިއުފާ ދެއްވުމުން، ރައީސް ސިރިސޭނާ މިދިޔަ އީދުދުވަހުވަނީ އެ މަގާމަށް އޭޖޭއެމް މުޒައްމިލް އައްޔަން ކުރައްވާފައެވެ.

މުޒައްމިލްއަކީ ކޮޅުނބުގެ ކުރީގެ މޭޔަރެވެ. އަދި އޭނާއަކީ ސްރީލަންކާއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވާފައިވާ، ސްރީލަންކާގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑަށް އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.