ޑޫރިއަންއަކީ "މޭވާތަކުގެ ރަސްގެފާނު" ކަމަށް ބުނެއުޅެއެވެ. ޚާއްސަކޮށް، އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި މިއީ ވަރަށް މަގްބޫލު މޭވާއެކެވެ. ބޭރުފުށުން ކަށިތަކެއްލާފައި މަޑު ރީނދޫ އަދި ފެހި ކުލައެއްގައި ހުންނަ މި މޭވާއަކީ ކުޑަކޮށް ފޮނިރަހައެއް ދޭ މޭވާއެކެވެ. ނަމަވެސް، މިއީ އާދަޔާއި ޚިލާފު ނުބައި ވަހެއްދުވާ މޭވާއެކެވެ. މި ވައްތަރުގެ މޭވާގެ މަގްބޫލްކަން، ދާދިފަހުން ތައިލެންޑުގައި ބޭއްވި ނީލަމަކުން މިވަނީ ހާމަވެގެން ގޮސްފައެވެ.

ތައިލެންޑުގެ މަހުޖަނަކުވަނީ ނީލަމުގައި މީގެ މޭޭވާއެއް ގަންނާން 48،000 އެމެރިކާ ޑޮަލަރު ޚަރަދުކޮށްފައެވެ. މިއީ، މީގެ އެއްދުވަސް ކުރިން ކަނޑާފައިވާ މޭވާއެކެވެ. މި ޑޫރިއަން ވިކިފައި މިވަނީ މި ވައްތަރުގެ މޭވާއަށް ޚާއްސަކޮށްފައިވާ ނީލަމެއް ކަމަށްވާ "ކިންގް އޮފް ޑޫރިއަން" ފެސްޓިވަލުގައެވެ. އާންމު ގޮތެއްގައި، ރަނގަޅު ފެންވަރެއްގެ ޑޫރިއަންއެއް ވިކެނީ 50 އާއި 100 އެމެރިކާ ޑޮލަރާއި ދެމެދުގެ އަގެއްގައެވެ.

ނަމަވެސް، 48،000 ޑޮލަރަށް މި ވައްތަރުގެ މޭވާއެއް ވިކުން މިއީ މި ނީލަކަށް ބަލާއިރު ރެކޯޑެކެވެ. މި ނީލަމުގައި މީގެކުރީން އެންމެ އަގުބޮޑުކޮށް މީގެ މޭވާއެއް ވިކިފައިވަނީ 24،000 އެމެރިކާ ޑޮލަރަށެވެ. މި ވައްތަރުގެ މޭވާ ގިނަ ދުވަސްވުމުން އާދަޔާއި ޚިލާފަށް ގަދަ ނުބައި ވަހެއް ދުވާނެއެވެ. އެހެންކަމުން، މިއީ ގިނަ ގައުމުތަކެއްގައި ރޭލާއި، ބަސް، އަދި މަތިންދާބޯޓުތަކާއި ހޮޓާތަކަށް ވެއްދުން މަނާ މޭވާއެވެ.

ބަޓަރު ކަހަލަ ގޮތަކަށް ހުންނަ ޑޫރިއަންއަކީ ފޮނި ރަހައެއްދޭ އަދި ވަރަށް މީރު ކެއުމެކެވެ. ޑޫރިއަންއަކީ ވަރަށް މަދުން ހައްދާ ގަހެއް ނަމަވެސް މިއީ އޭޝިޔާގެ ގިނަ ގައުމުތަކެއްގައި ވަރަށް ކަމުދާ މޭވާއެކެވެ.

މި އަހަރުގެ ފެބްރުއަރީ މަހު، 1،000 އެމެރިކާ ޑޮލަރަށްވެސް މީގެ 2 މޭވާ ވިކިފައިވެއެވެ. މުދަލާއި ލަގެޖް އަރުވާ ބައިގައި އޮތް ޑޫރިއަންއަކުން ދުވާ ނުބައި ވަހާއި ގުޅިގެން އިންޑޮނީޝިއާގައި މަތިންދާބޯޓެއްވެސް ގްރައުންޑްކޮށްފައިވެއެވެ.