އެތަނުގައި މުންނާރެއް ނުހުރެއެވެ. ގުއްބެއްވެސް ނުހުރެއެވެ. އެއީ، ކުރިން ސިނާއީ ސަރަހައްދެއްގެ ގޮތުގައިއޮތް ސަރަހައްދެއްގައި ހަތަރެސްކަން ހަމަވާގޮތަށް ކުރިން ހަދާފައި ހުރި އިމާރާތެކެވެ. އެތަނަކީ، މުސްލިމުން ނަމާދުކުރުމަށް ހަދާފައި ހުންނަ މިސްކިތްތަކާ ގާތްކުރާ ގޮތަށްވެސް ހަދާފައި ހުރި އިމާރާތެއް ނޫނެވެ.

އެހެން ނަމަވެސް، ގްރީސްގެ ވެރިރަށް އެތެންސްގައި ދިރިއުޅޭ މުސްލިމުން އެ އިމާރާތާމެދު ހިތްހަމަޖެހެއެވެ. ތިބީ ނުހަނު އުފަލުންނެވެ.

ވެރިރަށް އެތެންސްގައި ރަސްމީ މިސްކިތެއް ގާއިމްކުރުމަކީ މުސްލިމުން ވަރަށް ބޭނުންވެފައިތިބި ކަމެކެވެ. އެކަމަށް އެތެންސްގެ މުސްލިމުން މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.

މިސްކިތެއްގެ ސިފަ ނެތްނަމަވެސް، މިއީ ވޭތުވެދިޔަ 180 އަހަރުގެ ތެރެގައި އެތެންސްގައި ވަގުތީގޮތުން ނަމަވެސް މުސްލިމުން ނަމާދުކުރާނެ ރަސްމީ ތަނެއް ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރެވެ.

ގްރީސްގެ އެހެން ރަށްތަކުގައި މިސްކިތްތައް ބިނާކޮށްފައި ހުރި ނަމަވެސް، 1833 ވަނަ އަހަރުގެ ފަހުން އެތެންސްގައި ރަސްމީ މިސްކިތެއް ނުހުރެއެވެ. އޭގެކުރިން ބިނާކޮށްފައި ހުރި މިސްކިތްތައްވެސް ފަހުންވަނީ އެހެން ބޭނުންތަކަށް ނަގައި ބަދަލުކޮށްފައެވެ.

އެތެންސްގައި ރަސްމީ މިސްކިތެއް ބިނާކުރުމަށް ގްރީސްގެ ޕާލަމެންޓުން މީގެކުރިން ހަތް ގާނޫނެއް ފާސްކޮށްފައި ވެއެވެ. އެންމެ ފުރަތަމަ އެފަދަ ގާނޫނެއް ފާސްކޮށްފައިވަނީ 1890 ވަނަ އަހަރުއެވެ.

އެތެންސްގައި މިސްކިތެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ކޮންމެ ފަހަރަކު ހުރަސްއަޅަނީ، އެގައުމުގެ ނުފޫޒުގަދަ ކްރިސްޓިއަން އޮތޮޑޮކްސް ފައްޅިންނާއި، ކަނާތުފިޔައިގެ ހަރުކަށި މީހުންނެވެ. އެތެންސްގައި މިސްކިތް ބިނާކުރުމުގެ ވާހަކަ ދައްކަން ފަށާއިރަށް އެމީހުން މަގުތަކަށް ނުކުމެ މުޒާހަރާ ފަށައެވެ.

2004 ވަނަ އަހަރު އެތެންސްގައި ބޭއްވި ދުނިޔޭގެ އޮލިމްޕިކްސްއާ ދިމާކޮށްވެސް މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރެވުނެވެ. ނަމަވެސް އެކަމަށްވެސް ވަނީ ހުރަސްއަޅާފައެވެ.

އެތެންސްގައި 200،000 އަށްވުރެ ގިނަ މުސްލިމުން ދިރިއުޅެމުން ގެންދާއިރު، އެމީހުން މިހާރު ނަމާދުކުރުމަށް ބޭނުންކުރަނީ ފްލެޓްތަކާއި، ބިންގަރާސްތަކާއި، ގަރާޖްތަކާއި ގެތަކާއި، ވަގުތީ ތަންތަނެވެ.

"މިއީ އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވި ދުވަސް" ވަގުތީގޮތުން ނަމާދުކުރުމަށް ރަސްމީ އިމާރާތެއް ހަމަޖެހުމުން އެކަމާ ގުޅިގެން އެތެންސްގެ މުސްލިމުންގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނު އާޝިރު ހައިދަރު ވިދާޅުވިއެވެ.

މުހަންމަދު އިރްފާން ނަމަކަށްކިޔާ މުސްލިމަކު ބުނެފައިވަނީ، ނަމާދު ކުރުމަށް ހަމަޖެއްސި އިމާރާތަކީ އެއްގޮތަކަށްވެސް މިސްކިތަކާ ވައްތަރު ތަނެއް ނޫން ކަމަށެވެ. "އެހެން ނަމަވެސް، އިމާރާތް ފެންނަގޮތެއްނޫން މުހިންމީކީ. މުހިންމުވަނީ އަހަރެމެން ނަމާދުކުރާނެ ތަނެއް ހުރުން" އިރްފާން ބުންޏެވެ.

މުސްލިމުން ވަގުތީގޮތުން ނަމާދު ކުރާނެތަނެއް ހަމަޖެއްސިއިރު، އެތެންސްގެ ރަސްމީ ދާއިމީ މިސްކިތް ބިނާކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. އެ މިސްކިތް ބިނާކުރުމަށް ކުރިމަތިވެފައިހުރި ހުރަސްތައް ނައްތާލައި، މަޝްރޫއާއިގެން ކުރިއަށް ދިއުމަށް ގްރީސްގެ ޕާލަމެންޓުން 2016 ވަނަ އަހަރު ގާނޫނެއް ފާސްކޮށްފައި ވެއެވެ.

މިސްކިތް ބިނާކުރަމުންދަނީ އެތެންސްގެ ވޮޓަނިކްސް ނަމަކަށްކިޔާ އަވަށެއްގައެވެ.

967،000 އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހަދާ އެ މިސްކިތުގެ މަސައްކަތް ނިމި، މިއަހަރުގެ ސެޕްޓެމްބަރުހާ ތާނގައި މިސްކިތް ހުޅުވޭވަރު ވާނޭ ކަމަށް، ގްރީސްގެ އެޑިއުކޭޝަން މިނިސްޓަރ ކޮސްޓަސް ގަވްރޮގްލު މިއަދު ވިދާޅުވިއެވެ.

މިއީ، އެއްފަހަރާ 400 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ.

އެތެންސްގައި ބިނާކުރާ ރަސްމީ މިސްކިތުގެ އިތުރުން، ގްރީސްގެ އިތުރު ހަތަރު ސިޓީއެއްގައި ހަތަރު މިސްކިތް ބިނާކުރުމަށްވެސް ސަރުކާރުން 2016 ވަނަ އަހަރު ވަނީ ހުއްދަ ދީފައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ވެރިރަށުގައި މުސްލިމުންގެ ރަސްމީ މިސްކިތެއް މިހާތަނަށް ނެތް މަދު ގައުމުތަކުގެ ތެރޭގައި ގްރީސް ހިމެނެއެވެ.