ބްރެޒިލްގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން އާޖެންޓިނާއިން ރޭ ނިކަރަގުއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފި އެވެ.

އަމިއްލަ ދަނޑުގައި އާޖެންޓީނާއިން ކުޅުނު މިމެޗް އެޓީމުން ކާމިޔާބު ކުރީ 5-1 ލަނޑުންނެވެ. މެޗުގައި އާޖެންޓީނާގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ދެ ލަނޑު ޖެހި ކެޕްޓަން ލިއޮނަލް މެސީ އާއި ދެ ލަނޑު ޖެހި ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒް އަދި ރޮބާޓޯ ޕެރެއިރާ އެވެ.

މެޗުގައި ނިކަރަގުއާގެ ހަމައެކަނި އެޓީމަށް ކާމިޔާބު ކޮށްދިނީ ހުއާން ބަރޭރާ އެވެ. އޭނާ އެލަނޑު ޖެހީ މެޗް ނިމެން އުޅެނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިފަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓިނާ ލައްވާލާފައި ވަނީ ގްރޫޕް ބީ ޕަޅީގައެވެ. މި ގްރޫޕްގައި އާޖެންޓީނާއާއެކު ހިމެނޭ ޓީމް ތަކަކީ ކޮލަމްބިއާ ޕެރެގުއާއީ އަދި ގަތަރެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި އާޖެންޓިނާ މިމަހުގެ 15 ވަނަ ދުވަހު ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގެ ދެ ވަނަ މެޗުގައި މިމަހުގެ 19 ވަނަ ދުވަހު ޕެރެގުއޭއާ ދެކޮޅަށް ނިކުންނައިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިމަހުގެ 23 ވަނަ ދުވަހު ނިކުންނާނީ ގަތަރާ ދެކޮޅަށެވެ.

ޖުމްލަ 14 ފަހަރު މިމުބާރާތް އާޖެންޓީނާއިން ކާމިޔާބު ކުރިއިރު، އެންމެ ފަހުން އެޓީމުން މިމުބާރާތް ކާމިޔާބު ކޮށްފައި ވަނީ މީގެ 26 އަހަރު ކުރިންނެވެ. އަދި މިމުބާރާތް އެންމެ ގިނައިން މިހާތަނަށް ކާމިޔާބު ކޮށްފައި ވަނީ އުރުގުއޭ އެވެ، އުރުގުއޭ ވަނީ މިމުބާރާތް 15 ފަހަރު ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގެ ތަށި އެންމެ ފަހުން ކަމިޔާބު ކުރީ ޗިލީއިންނެވެ. އެމެރިކާގައި 2016 ވަނަ އަހަރު ކުރިއަށްގެންދިޔަ މިމުބާރާތް ޗިލީއިން ކާމިޔާބު ކުރީ އާޖެންޓީނާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުންނެވެ.