އީސްޓް ޑްރެގަންސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން މޯލްޑިވްސް ސޮކާ މޭޓްސް ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

ުއުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިން ބައިވެރިވި މި މެޗުގައި ވާދަކުރި އީސްޓް ޑްރެގަންސް ޓީމަކީ ސިންގަޕޫރުގައި ހުންނަ ޔުނައިޓެޑް ވޯލްޑް ކޮލެޖު އޮފް ސައުތު އީސްޓް އޭޝިއާގެ މުވައްޒަފުންގެ ޓީމެކެވެ. އެ ޓީމުގައި ހިމެނެނީ އެ ކޮލެޖުގެ ޓީޗަރުންނާއި މުވައްޒަފުންނެވެ. އެކަމަކު އެ ޓީމުގައި ސިންގަޕޫރުގެ ކުޅުންތެރިއަކު ނުހިމެނެއެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އެމްއެސް މޭޓްސް މޮޅުވީ 7-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ވަރަށް ކުރީކޮޅު އެމްއެސް މޭޓްސްއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަސްއަދު އަބްދުލް ޣަނީ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި އަބްދުލް މަޖީދު އިބްރާހީމް އެމްއެސް މޭޓްސްއަށް ލީޑު ފުޅާކޮށްދިންިއިރު، އޭގެ ހަ މިނެޓު ފަހުން އޭނާ ވަނީ އެމްއެސް މޭޓްސްގެ ތިންވަނަ ގޯލް ޖަހާފައެވެ.

މެޗުގެ 48 ވަނަ މިނެޓުގައި އަބްދުލް ވާހިދު މުހައްމަދު އެމްއެސް މޭޓްސްގެ ހަތަރުވަނަ ގޯލް ކާމިޔާބުކުރި ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން އޮލީ ކޭނިން ވަނީ މެޗުގައި އީސްޓް ޑްރެގަންސްއިން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި އަބްދުލް މަޖީދު އިބްރާހީމް އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އޭގެ ތިން މިނެޓު ފަހުން މުހައްމަދު އިބްރާހީމް ވަނީ އެމްއެސް މޭޓްސްގެ ހަވަނަ ގޯލް ޖަހާފައެވެ. އެޓީމުގެ ހަތްވަނަ ގޯލް 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުހައްމަދު ޖަމީލް އެވެ.

މޯލްޑިވްސް ސޮކާ މޭޓްސްއިން އެކުވެރިކަމުގެ މެޗެއް ރާއްޖޭގައި ކުޅުންއިރު، އެ ކްލަބުން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.