ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، އެ ގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ސިސިރާ މެންޑިސް މަގާމުން ވަކިކުރައްވައިފިއެވެ.

ރައީސް ސިރިސޭނާ، ޖާސޫސީ އިދާރާގެ ވެރިޔާ މަގާމުން މި ވަކިކުރެއްވީ، ކޮޅުނބަށް ދެވުނު ބޮމުގެ ހަމަލާތަކުގެ ޖާސޫސީ މައުލޫމާތު ރައީސް ސިރިސޭނާއަށް ކުރިން އެނގިވަޑައި ގަންނަވާކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

ސްރީލަންކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ސިސިރާ މެންޑިސް އެގޮތަށް ވާހަކަ ދެއްކެވީ، ބޮމުގެ ހަމަލާތައް ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ކުރިން އެނގި، އެ ހަމަލާތައް ދިނުމަށް މަގުފަހިގެންދިޔައީ ކޮން ދިމާއަކުން ގޯސްހެދިގެންތޯ ބެލުމަށް ސްރީލަންކާގެ ޕާލަމެންޓްރީ ކޮމިޓީން ކުރަމުންދާ ތަހްގީގަށް މައުލޫމާތު ދެއްވަމުންނެވެ.

އެ ކޮމިޓީއަށް މެއިމަހުގެ 29 ވަނަ ދުވަހު މައުލޫމާތު ދެއްވަމުން ސިސިރާ މެންޑިސް ވިދާޅުވީ، ސަލާމަތީ ކައުންސިލްގެ ބައްދަލުވުންތައްވެސް ގަވާއިދުން ނުބާއްވާ ކަމަށެވެ. އެހެންވެ، ގައުމު ރައްކާތެރިކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ބޮމުގެ ހަމަލާތައް ދޭންއުޅޭ ކަމުގެ ޖާސޫސީ މައުލޫމާތުގެ މައްސަލަ، އޭޕްރީލް 9 ގައި ބޭއްވި ބައްދަލުވުމަށް ހުށަހެޅުމުން، އެ މައުލޫމާތު ރައީސް ސިރިސޭނާއާ ހިއްސާ ކުރައްވާފައިވާ ކަމަށް، ސްޓޭޓް އިންޓެލިޖެންސް ސަރވިސްގެ ވެރިޔާ ނިލަންތާ ޖަޔަވަރްދަނާ ވިދާޅުވި ކަމަށްވެސް، ސިސިރާ މެންޑިންސް ކޮމިޓީގައި ވިދާޅުވެފައި ވެއެވެ.

ސްޓޭޓް އިންޓެލިޖެންސް ސަރވިސްއަކީ، ސީދާ ރައީސް ސިރިސޭނާއަށް މައްސަލަތައް ރިޕޯޓްކުރަންޖެހޭ އިދާރާއެކެވެ.

ރައީސް ސިރިސޭނާއަކީ ސްރީލަންކާގެ ދިފާއީ ވަޒީރުގެ އިތުރުން، ފުލުހުންގެ ވެރިޔާވެސް މެއެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވި ޑިފެންސް ސެކްރެޓަރީ ހެމާސިރީ ފެނާންޑޯ ކޮމިޓީގައި ވިދާޅުވީ، ރައީސް ސިރިސޭނާއަކީ ދިފާއީ ވަޒީރު ނަމަވެސް، މައްސަލަތަކާމެދު ރައީސާ ވަކިން ބައްދަލުކޮށް މަޝްވަރާ ކުރަން ފަސޭހައިން ފުރުސަތު ނުލިބޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ރައީސް ސިރިސޭނާވަނީ ޕާލަމެންޓުން ކުރިއަށްގެންދާ ތަހްގީގަށް މައުލޫމާތު ދިނުން ފުލުހުންނަށްވެސް މަނާކުރައްވާފައެވެ.

ޕާލަމެންޓްރީ ކޮމިޓީއަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އުފައްދަވައިގެން، ބޮޑުވަޒީރަށް ތާއީދުކުރައްވާ މެމްބަރުން ތިއްބަވައިގެން ކުރިއަށް ގެންދާ ތަހްގީގެއް ކަމަށް ވެއެވެ.

ޖާސޫސީ ވެރިންނާއި، ފުލުހުންގެ ވެރިން ކޮމިޓީއަށް ހާޟިރުކޮށް، ގައުމީ ސަލާމަތާ ގުޅޭ ނާޒުކު މައްސަލަތަކާމެދު މީޑިއާގެ ކުރިމަތީގައި އެގޮތަށް ހިއްސާކުރުމަކީ ރައީސް ބޭނުންފުޅުވާ ކަމެއް ނޫންކަމަށް، ސްރީލަންކާގެ ރައީސް ސިރިސޭނާގެ މީޑިއާ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.