ހަނދާނީ ހަދިޔާގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސުލްޖުމުހޫރީއްޔާ އިބުރާހިމް މުހައްމަދު ޞާލިޙަށް ކުރިކެޓު ބެޓެއް، އަދި އިންޑިއާގެ ބޮޑުވަޒީރަށް ހަނދާނީ ހަދިޔާގެ ގޮތުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިޙު އުވަގަލުގެ ގުޅިއެއް ދެއްވައިފިއެވެ.

ދެޤައުމުގެ ވެރިންގެ މެދުގައި ހަނދާނީ ހަދިޔާ ބަދަލު ކުރައްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙާއި އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ހަނދާނީ ހަދިޔާގެ ގޮތުގައި ކުރިކެޓު ބެޓެއް ރައީސް ސޯލިހަށް ހަދިޔާކުރެއްވުމަށް ފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އެކުވެރި، ރައީސް ސޯލިހަކީ ކްރިކެޓުގެ ފޭނެއް ކަމަށެވެ. އަދި އެބެޓަކީ، އިންޑިއާގެ ޤައުމީ ކުރިކެޓު ޓީމުގެ ކުޅުންތެރިން ސޮއެ ކުރައްވާފައިވާ ބެޓެއް ކަމުގައިވެސް ވިދާޅުވިއެވެ.