ތައިލެންޑުގެ ޕުކެޓް އިންޓަނޭޝަނަލް މެރެތަންގެ ފަސް ކިލޯމީޓަރު ދުވުމުން ދިވެހިރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) އެއްވަނަ ހޯދައިފި އެވެ.

މައުލޫމާތު ލިބޭގޮތުގައި، މިއީ ރާއްޖޭން ބޭރުގައި ބޭއްވި ބައިނަލްއަގުވާމީ 5 ކިލޯމީޓަރު ރޭހަކުން ދިވެއްސަކު އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

މިއަދު ކުރިއަށްދިޔަ މިރޭސް މޯޑް ފުރިހަމަ ކޮށްފައިވަނީ 16 މިނެޓު 43 ސިކުންތުންނެވެ. އަދި ހަމަ މިމެރެތަންގެ ހާފް މެރެތަން ރޭހުގައިވެސް އޭނާ ވާދަކުރާނެއެވެ.

ބައިނަލްއަގުވާމީ މެރެތަންއަކުން މޯޑް އެއްވަނަ ހޯދިއިރު، އޭނާ އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ދާދިފަހުން ސިންގަޕޫރުގައި ބޭއްވި އޮސިމް ސަންޑައުން މެރެތަންގެ 10 ކިލޯމީޓަރުގެ ބައިން މޯޑް ވަނީ ތިންވަނަ ހޯދާފައެވެ. އަދި މީގެކުރިން މި އަހަރުގެ ފެބްރުއަރީމަހު ނިއުދިއްލީ މެރެތަންގެ ހާފް މެރެތަންގެ އިވެންޓުގައި ދުވެ އުމުރުފުރާއިންވެސް އޭނާ ވަނީ ތިންވަނަ ހޯދާފައެވެ.

މޯޑް ވަނީ ޖެނުއަރީމަހު ދުބާއީ މެރެތަންގައި ތިން މިނެޓުގެ ކުރިއެރުމަކާއެކު 2 ގަޑި 37 މިނެޓުން ފުލް މެރެތަންއެއް ޖަހާފައެވެ. ތިންއަހަރުގެ ތެރޭގައި 14 މިނެޓުގެ ކުރިއެރުމެއް ހޯދި މޯޑް މިވަގުތު ތައްޔާރުވަނީ މިއަހަރުގެ ފަހުކޮޅު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ސްކޮޑުން ފުރުސަތު ހޯދާށެވެ.