ދެކުނު ކޮރެއާގައި 2014 ވަނަ އަހަރު އުފައްދާފައިވާ ފިލްމެއް ކަމަށްވާ "މިސް ގްރެނީ"ގެ ހިންދީ ރީމޭކްގެ ލީޑް ރޯލު ޝްރައްދާ ކަޕޫރަށް ހުށަހަޅައިފި އެވެ.

ތެލުގޫ ޕްރޮޑިއުސަރު ސުރޭޝް ބާބޫ ހަދަން އުޅޭ މި ފިލްމު ތެލުގޫ ބަހުންވެސް ރީމޭކް ކުރަން ނިންމާފައިވާއިރު ތެލުގޫ ފިލްމުގެ ރޯލު އަދާކުރާނީ ސަމަންތާ އަކިނޭނީ އެވެ.

"މިސް ގްރެނީ" އަކީ 74 އަހަރުގެ މާމައަކު އެންމެ ފަހު ފޮޓޯ ނަގަން ފޮޓޯ ސްޓޫޑިއޯއަކަށްދާ ތަނުން 20 އަހަރުގެ ޒުވާނަކަށް ބަދަލުވެ ދެން ކަންތައް ވެގެންދާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

މީގެ ހިންދީ ފިލްމުގެ ނަމަކީ "އޯއް ބޭބީ" ކަމަށް ރިޕޯޓްތައް ބުނަމުންދާއިރު ފިލްމު ޑައިރެކްޓްކުރާނީ ނަންދިނީ ރެޑީ ކަމަށްވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

ނިތިޝް ތިވާރީގެ ކުރިއަށް އޮތް ފިލްމު "ޗިޗޯރޭ"ގައި ވެސް ޝްރައްދާ ދުވަސްވީ އަންހެނެއްގެ ރޯލުން ފެނިގެންދާނެ އެވެ. އަދި މީގެ ކުރިން ފިލްމު "ހަސީނާ ޕާކަރ" ގައިވެސް ދުވަސްވީ މީހެއްގެ ރޯލު ޝްރައްދާ ވަނީ އަދާކޮށްފަ އެވެ.

ޝްރައްދާގެ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމުތަކަކީ ޕްރަބާސް އާއެކު ފިލްމު "ސާހޯ" އަދި ވަރުން ދަވަން އާއެކު ފިލްމު "ސްޓްރީޓް ޑާންސަރ" އެވެ.