އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް އެޗްގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 2-0 ލަނޑުން މޮޅުވެ، ގްރޫޕްގެ އެއް ވަނަ މަގާމަށް ތުރުކީ ޖެހިލައިފި އެވެ.

ތުރުކީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ލަނޑުަތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ހާން އައިހަން އާއި ސެންޗިޒް އުންޑެއާ އެވެ.

ތުރުކީ އަތުން ރޭ ބަލިވި ފްރާންސް އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނަ މަގާމްގައެވެ. ގްރޫޕްގެ އެއް ވަނަ މަގާމްގައި ތުރުކީ އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެވެ. މި ގްރޫޕްގެ ތިން ވަނަ މަގާމްގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަޕޮއިންޓް ހޯދައިގެން އޮތީ އައިސްލެންޑެވެ. ފްރާންސްއާއި އައިސްލެންޑް ޕޮއިންޓުގެ ގޮތުން ހަމަހަމަ ވިނަމަވެސް، ފްރާންސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.

ރޭގެ މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ، މުޅި މެޗުގައި ވެސް ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށް ކުޅުމެއް ކަމަށެވެ. އަދި ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ކުޅުންތެރިންނަށް ނުހިފުމުން މުޅި މެޗްގެ ކޮންޓްރޯލް ނެގީ ތުރުކީއިން ކަމަށާއި އެހެން ކަމުން މިއީ ތުުރުކީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

މީގެ އިތުރުން ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، ގްރޫޕް ޖޭ ގައި ގްރީސް އަތުން އިޓަލީ ވަނީ 3-0 ލަނޑުން މޮޅުވެފަ އެވެ. އަދި ގްރޫޕް އީގައި ކްރޮއޭޝިއާ ވަނީ 2-1 ލަނޑުން ވޭލްސް ބަލިކޮށްފަ އެވެ. އަދި ގްރޫޕް ސީގައި ރޭ ޖަރުމަން މޮޅުވީ ބެލަރޫސް އާ ވާދަކޮށް 2-0 ލަނޑުންނެވެ.