ކުރިން އަމަލުކުރަމުން ދިޔަ ވަގުތުތަކާ އެއްގޮތަށް މާދަމާއިން ފެށިގެން ފިހާރަތަކާއި ކެފޭތައް ބަންދުކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތައް ފިހާރަތައް ހުޅުވަފައި ބެހެއްޓޭނީ ރޭގަނޑު 11 ޖަހަންދެން ކަމަށެވެ. އަދި ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ދަންވަރު 1:00 ޖަހަންދެން ކަމަށެވެ.

މީގެ ކުރީގެ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރޯދަ މަހަށް ސަރުކާރުން ވަނީ ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބަހައްޓަންޖެހޭ ވަގުތު އިތުރުކޮށްފަ އެވެ.

އެގޮތުން ރޯދަ މަހު ފިހާރަތައް ބަންދުކުރާ ގަޑި ރޭގަނޑު 12:00 ޖަހާއިރަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު 3:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވެ އެވެ.

ރޯދައަށް ފަހު ހަ ރޯދަ ނިމެންދެންވެސް ފިހާރަތަކާއި ކެފޭތައް ލަސްވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ މިނިސްޓްރީން ދީފައިވެ އެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެނައި އިސްލާހުގެ ދަށުން ސައި ހޮޓާއި، ކެފޭ އަދި ވިޔަފާރި ކުރާ ފިހާރަ ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ވެސް ވަކި ހާއްސަ ޝަރުތުތަކަކާ އެކު ބައެއް ފަރާތްތަކަށް މިހާރު ވަނީ ދީފަ އެވެ.

ގަވާއިދުގައި ބުނާ ގޮތުގައި ފިހާރަތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ ބޭރުން ބަލާއިރު ފިހާރައިގެ އެތެރެ ރަނގަޅަށް ފެންނަހެން އަލިކޮށް ފެންނަން ހުރުމާއި އެކު 24 ގަޑިއިރު އޮޕަރޭޓްކުރާ ސީސީޓީވީ ހަރުކޮށްފައި ހުންނަ ތަންތަނަށެވެ.

މީގެއިތުރުން ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަކުން ކަނޑައަޅާ ސަރަހައްދެއްގައި އެ ފިހާރައެއް ހިންގާއިރު 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބުމަށް ފަހު އެކަން އެނގޭނެ ފަދަ ބޯޑެއް އެތަނެއްގެ ބޭރުގައި ބަހައްޓަންޖެހޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ގަވައިދުގައި ވަނީ ބުނެފަ އެވެ.