ކުރިޔަށް އޮތް ސީޒަނުގައި ކުޅޭނެ ޓީމެއް މިހާރު ވާނީ ނިންމާފައި ކަމަށް އެތުލެޓިކޯ މެޑްރިޑް އަދި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ގްރީޒްމަން ބުނީ، ކުރިޔަށް އޮތް ސީޒަނުގައި އޭނާ ކުޅޭނެ ޓީމު އެނގޭ ކަމަށާއި އެކަން ވަރަށް އަވަހަށް، ރަނގަޅު ވަގުތެއްގައި އިނގިގެންދާނެ ކަމަށެވެ. އަދި މާލަސްތަކެއް ނުވާނެ ކަމަށް ވެސް އޭނަ ބުންޏެވެ.

ގްރީޒްމަން ހޯދުމުގެ އެންމެ ކުރީ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކްގެ އިތުރުން މެންޗެސްޓާ ސިޓީ ހިމެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގްރިޒްމަން ބަދަލުވުން އެންމެ ގާތީ ބާސެލޯނާއަށެވެ. އެގޮތުން އޭނާގެ ޓްރާންސްފާގެ ކަންކަން ބާސާ އާއި އެޓްލެޓިކޯ އިން ކުރަމުން އަންނަ ކަމަށާއި ބާސާއިން ގްރީޒްމަންގެ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 120 މިލިއަން ޔޫރޯ ދޭން ވެސް ތައްޔާރަށް ތިބި ކަމަށް ވެސް ބާސާގެ އިސްވެރިންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ރެއާލް ސޮސައިޑާޑް އިން 2009 ވަނަ އަހަރު ކެރިއަރުފެށި ގްރީޒްމަން މީގެ ފަސް އަހަރު ކުރިން އެތުލެޓިކޯއަށް ބަދަލުވެ، އެކުލަބާއެކު ޖުމްލަ 257 މެޗް ކުޅެ 133 ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އެތުލެޓިކޯގައި ހޭދަ ކުރި ދުވަސްތަކުގައި ގްރީޒްމަން ވަނީ އެކުލަބާއެކު ޔުއެފާ ޔޫރޮޕާ ލީގާއި ޔުއެފާ ސުޕާކަޕް އަދި ސްޕެނިޝް ސުޕާކަޕް ކާމިޔާބު ކޮށްދިނުމުގައި ވެސް މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި ގްރީޒްމަންއަކީ މިދިޔަ ފަސް ސީޒަނުގައި ވެސް އެތުލެޓިކޯއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.