ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" މިމަހުގެ 12ވަނަ ދުވަހު އޮލިންޕަހުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާއިރު، ދުވަހަކުވެސް ސަޕޯޓަރުންގެ ކިބައިން ނޭންދޭ މިންވަރަށް މި ފިލްމު ބަލާލަން ދިއުމަށް އެދޭކަމަށް ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު ބުނެފިއެވެ.

"ދައުވަތު" ޕްރިމިއާކުރުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މިއީ ދިވެހި ސިނަމާއަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށްވާނެކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމާއި ގުޅޭގޮތުން ޔޫއްޕެ ބުނީ މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ކުރެވުނު އެންމެ ތަފާތު މަސައްކަތްކަމަށެވެ. މިއީ މާތްﷲ ހަރާމްކުރައްވާފައިވާ ސިހުރުގެ ނުބައިކަމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ ފިލްމެއްކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ.

"އަޅުގަނޑު ބެލުންތެރިންނަށް ބުނެލަން އޮތީ ދުވަހަކުވެސް އަޅުގަނޑު ބެލުންތެރިންގެ ކިބައިން ނޭންދޭ މިންވަރަށް އެދެމޭ މި ފިލްމު ބަލާލަން ދިއުމަށް. އެގޮތަށް މި އެދެނީ ވަރަށް ގިނަ ސަބަބުތަކާއި ގުޅިގެން. މިއީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ތަފާތު ފިލްމެއް." ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ "ދައުވަތު" މި ފިލްމަކީ ވަރަށް ބޮޑު ދިރާސާއަކަށްފަހު ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއްކަމަށެވެ. އަދި ފިލްމުގައި ބެލުންތެރިންނަށް ހަގީގަަތާއި އެއްގޮތަށް ހުރިހާ މަންޒަރުތަކެއް ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާނެކަމަށެވެ. ވަކިން ޚާއްސަކޮށް ސިހުރުގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުމަށް ލިބޭ ގެއްލުންތަކާއި، އެކަމުގެ ވޭނާއި ހިތްދަތިކަން ވަރަށް ރަނގަޅަށް ފިލްމުން ފެނިގެންދާނެކަމަށެވެ. އަދި ސިހުރުގެ ނުރައްކާތެރިކަމާއި، އެކަމުން ސަލާމަތްވުމަށް ފަރުދީގޮތުން ކުރެވިދާނެ ވަރަށް ކުޑަކުޑަ އެހެންނަމަވެސް މުހިންމު ކަންކަން ފިލްމުގައި ބުނެދީފައިވާނެކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް ފިލްމުތައް މިހެދެނީ ޚިޔާލީ ވާހަކަތަކުގެ މައްޗަށް. ނަމަވެސް "ދައުވަތު" ހުރިހާގޮތަކުންވެސް ތަފާތު. ވީމީޑިއާގެ އަމާޒަކީ ފުރަތަމަ ފިލްމުންވެސް މުޖްތަމައު ހޭލުންތެރިކުރުވުން. ސިހުރު މިއީ ރާއްޖޭގައި ހަގީގަތުގައި ވަރަށް އާންމުކަމެއް. ﷲ ލަޢުނަތްލެއްވި ބޮޑު ފާފައެއް. އެހެންވީމަ ވަރަށް މުހިންމު އިބްރަތްތަކެއް ފިލްމުން ލިބިގެންދާނެ." ޔޫއްޕެ ބުންޏެވެ.