މާދަމާރޭ ކުޅެން ހަމަޖެހިފައި އޮތް ޗެރިޓީ ޝީލްޑްގެ ދެވަނަ ލެގުގެ މެޗު އަންގާރަ ދުވަހުގެ ރެޔަށް ފަސްކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާރޭ ކުޅެން ހަމަޖެހިފައި އޮތް މެޗު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ފޯކައިދޫ ޓީމަށް މާލެ ދަތުރުކުރުމަށް އުނދަގޫތަކެއް ހުރުމުގެ ސަބަބުން ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރަނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ އެވެ. ފޯކައިދޫއަށް މެޗުން ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ދިން ފުރުސަތު އެޓީމުން ދޫކޮށްލުމުންނެވެ.

މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ބަދަލުކޮށް މާލޭން ބޭރުގައި އެއްމެޗު ކުޅޭ ގޮތަށް ރޭވިއިރު، ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

ރާއްޖޭގައި މިއީ ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ޑިވިޝަން ފެންވަރުގައި މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ރާއްޖޭގެ ކޮންމެވެސް ޖަމިއްޔާއަކަށް ހަދިޔާ ކުރެއެވެ.

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުން ފަސްވުމާއެކު ޗެރީޓީ ޝީލްޑް މެޗު ކެންސަލްކުރިއިރު، އެންމެ ފަހުން ކުޅުނު ތިން އަހަރުވެސް މި މެޗު ކާމިޔާބުކޮށްފައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.