ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ދެވަނަ ފިލްމު "މާމުއި"ގެ ޕްރޮމޯޝަނަލް ލަވަ "ރޭރޭ" ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.

"ރޭރޭ" މިއީ މީގެ ކުރިން ދިވެހިންގެ މެދުގައި ވަރަށް މަގުބޫލުވި ލަވައެކެވެ. "މާމުއި"ގެ ޕްރޮމޯޝަނަލް ލަވަގެ ގޮތުގައި "ރޭރޭ" ދައްކާލާފައިވަނީ ވަރަށްވެސް ތަފާތުކޮށެވެ.

ލަވަ ކިޔައިދީފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދެވެ. ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ޒުވާން ރެޕް އާޓިސްޓް ޓޯއިއެވެ.

"ރޭރޭ" މި ލަވާގައި މާމުއި މި ފިލްމުގެ ހިތްގައިމު ބައެއް މަންޒަރުތައްވެސް ވަނީ ހިމަނާފައެވެ. އަދި ފިލްމުގައި ހިމެނޭ ބޮޑު ކާސްޓްވެސް ފެނިގެންދެއެވެ.