ސްވޯންސީ ސިޓީއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ޑެނިއަލް ޖޭމްސް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމައިފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 21 އަހަރުގެ ޖޭމްސް ޔުނައިޓެޑާއެކު ސޮއި ކުރުމަށް ހަމަޖެހިފައި އޮތީ މިހަފްތާގެ ތެރޭގައި ކަމަށެވެ. އަދި ޔުނައިޓެޑުން މީހާރު ވަނީ އޭނައާ އެކު އެއްބަސްވުމަކަށް އައިސްފައި ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ވޭލްސްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޖޭމްސްއާ ބެގޭގޮތުން ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ބުނީ، އާސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެކުލަބުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށައި އެގޮތުން ޒުވާން ކުޅުންތެރިޔާ ޖޭމްސްއަކީ ކުލަބަށް ގެންނަން ނިންމާފައިވާ މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

މިދިޔަ ސީޒަންގައި ސްވަންސީ ސިޓީއަށް 38 މެޗް ކުޅެދީ ފަސް ގޯލް ކާމިޔަބު ކޮށްދިން ޖޭމްސް ހޯދުމަށް ޔުނައިޑެޓުން އޭނައަށް ހުށަހަޅާފައި ވަނީ 18 މިލިއަން ޕައުންޑް ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވައެވެ.

ވޭލްސްގެ 17 ، 19 އަދި 20 އަހަރުން ދަށުގެ ގައުމީޓީމަށް ވެސް ކުޅެފައިވާ ޖޭމްސް ވެފައި ވަނީ އަންނަ ސީޒަނަށް ޔުނައިޓެޑް ވަރުގަދަ ކުރުމަށް ހޯދާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަންނަ ސީޒަނަށް ޔުނައިޓެޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ނިމިގެން ދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ޔުނައިޓެޑުން ނިންމާލަން ޖެހުނީ 66 ޕޮއިންޓާއެކު ލީގް ތާވަލްގެ ހަވަނަ މަގާމްގައި އޮވެގެންނެވެ.