"ފްލައިންގް ވީ" އަކީ އިނގިރޭސި ހަށަނަރައިގައި އޮންނަ "ވީ" އަކުރުގެ ފަރުމާއަށް ކުރަހާފައިވާ މަތިންދާބޯޓެކެވެ. މިއީ، އާންމުކޮށް މިހާރު ބޭނުންކުރާ މަތިންދާބޯޓުތަކާއި އަޅާ ބަލާއިރު، މަދުން ހަކަތަ ބޭނުންކުރާ ޑިޒައިނެކެވެ.

މިހާރު މިއީ ހަމައެކަނި ފަރުމާއަކަށް ވީނަމަވެސް، މިއީ ހަގީގަތަކަށް ވާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. ނެދަލެންޑްސްގެ ގައުމީ އެއާލައިން ކޭއެލްއެމްއިން މިވަނީ، މި ޑިޒައިންގެ މަތިންދާބޯޓެއް ބަނުމަށް ޚަރަދުކުރާން ނިންމާފައެވެ.

މި ޑިޒައިނަކީ، ޖަސްޓަސް ބެނާޑް ކިޔާ މީހަކު، ޓެކްނިކަލް ޔުނިވަރސިޓީ އޮފް ބަރލިންގައި ކިޔަވަން އުޅުނު ދުވަސްވަރު ކުރަހާފައިވާ ޑިޒައިނެކެވެ.

ނެދަލެންޑްސްގެ ޑެލްފްޓް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ސައިންޓިސްޓުންތަކެއް ވަނީ މި ޑިޒައިން ބޭނުންކޮށްގެން، މަތިންދާބޯޓުގެ ކުރެހުންތައް ތައްޔާރުކޮށް، މިއީ ބޭނުންކުރެވިދާނެ ޑިޒައިނެއްތޯ ބަލާފައެވެ.

އިނގިރޭސި ހަށަނަރައިގެ "ވީ" އަކުރުގެ ސިފައަށް އޮންނަ މި މަތިންދާބޯޓަކީ، ވައިގެ އުދުހުންތަކުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އެއްޗެއް ކަމަށް ގަބޫލް ކުރެވެއެވެ.

ިމިއީ ވަރަށްވެސް ތަފާތު ޑިޒައިނެއްގެ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުގައި ފަސިންޖަރުންނާއި، ތެޔޮ ޓޭންކު، އަދި މުދާ އުފުލާ ބައިވެސް ހުންނާނީ ބޯޓުގެ ފިޔަގަނޑުގައެވެ.

ގާތްގަނޑަކަށް 314 ފަސިންޖަރުން އުފުލޭނެ މި މަތިންދާބޯޓުން ބޭނުންކުރާ ހަކަތައިގެ މިންވަރު، އާންމުކޮށް ބޭނުންކުރާ އެއާބަސް އޭ350-900 މަރުކާގެ މަތިންދާބޯޓު ތަކަށްވުރެ 20 އިންސައްތަ ދަށްވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

މި މަތިންދާބޯޓު ބޭނުން ކުރުމަށް، އެއާޕޯޓްތަކަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެހޭނެއެވެ.

"ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ ތެރޭގައި ހިމެނޭ ކާބަންޑައިއޮކްސައިޑްގެ 2.5 އިންސައްތައަކީ ވައިގެ އުދުހުންތަކުގެ ސިނާއަތުގެ ސަބަބުން ބޭރުވާ އެއްޗެއް. އައު ޑިޒައިންތައް ބޭނުންކޮށްގެން، އައު އީޖާދުތައް ކޮށްގެން، ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރާން ހުރިހާ ފަރާތަކުންވެސް ގުޅިގެން މަސައްކަތް ކުރާންޖެހޭ،" ޑެލްފްޓް ޔުނިވަރސިޓީގެ ޕްރޮޖެކްޓް ލީޑަރ ރޫލޯފް ވޮސް ބުންޏެވެ.

މި ޑިޒައިންގެ މަތިންދާބޯޓެއް ބަނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. އަދި، ސެޕްޓެމްބަރު މަހުގެ ތެރޭގައި މީގެ "މޮޑެލް" މަތިންދާބޯޓެއްގެ ޓެސްޓުތައް ފެށޭނެ ކަމަށް، މި މަޝްރޫއުގައި ބައިވެރިވާ ސައިންސްވެރީންނާއި ޓެކްނީޝަނުން ބުންނެވެ.

މި ވައްތަރުގެ މަތިންދާބޯޓަކީ ކާމިޔާބީއަކަށް ވެއްޖެނަމަ، 2040 އާއި 2050 އާއި ދެމެދުގެ އަހަރުތަކުގެ ތެރޭގައި މި ވައްތަރުގެ މަތިންދާބޯޓުތައް އާންމު އުދުހުމުގައި ބޭނުން ކުރާން ފެށޭނެއެވެ.