އީސްޓަރ ސަންޑޭގައި ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާތަކުގައި، ހަމަލާ އަމާޒުވި ކްރިސްޓިއަން ތިން ފައްޅީގެ ތެރެއިން ފައްޅިއަކަށް، ސްރީލަންކާއަށް މިއަދު ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޒިޔާރަތް ކުރައްވައިފިއެވެ.

ފައްޅިއަށް ޒިޔާރަތް ކުރެއްވުމަކީ، މޯދީގެ ދަތުރުފުޅުގައި ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށް ސްރީލަންކާގެ މީޑިއާއިން ބުނެއެވެ.

އެންތަނީ ފައްޅިއަށް ބޮޑުވަޒީރު މޯދީ ޒިޔާރަތް ކުރެއްވީ، ސްރީލަންކާއަށް ވަޑައިގެން ރައީސް މައިތުރިޕާލަ ސިރިސޭނާގެ އޮފީސްކޮޅަށް ވަޑައިގަތް މަގުމަތީގައެވެ.

ފައްޅިއަށް ޒިޔާރަތް ކުރެއްވުމަށްފަހު، ފޮޓޯތަކާއެކު ކުރެއްވި ޓްވީޓްގައި މޯދީ ވިދާޅުވެފައިވަނީ "ސްރީލަންކާ އަލުން ކޮޅަށް ތެދުވާނޭކަމުގެ ޔަގީންކަން އެބައޮތް. ޓެރަރިޒަމްގެ ފިނޑި އަމަލުތަކަށް ސްރީލަންކާގެ ރޫހް ބައްޔެއް ނުކުރެވޭނެ. އިންޑިއާ އޮތީ ސްރީލަންކާ ރައްޔިތުންނާއެކު" ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް މި ވަޑައިގެންނެވީ، ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހުގައެވެ.

ސްރީލަންކާއަށް ވަޑައިގެން ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ އިތުރުން، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާވެސް މޯދީ ބައްދަލު ކުރެއްވިއެވެ.

ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ މިހާރު ގެންދަވަނީ އެނބުރި ނިއުދިއްލީއަށް ވަޑައިގަތުމަށް ދަތުރު ކުރައްވަމުންނެވެ.

ކުރު ދަތުރުފުޅުތަކެއް ނަމަވެސް، ދިވެހިރާއްޖެއަށާއި، ސްރީލަންކާއަށް މޯދީ މި ވަޑައިގެންނެވީ، ސަރަހައްދުގައި ފުޅާވަމުން އަންނަ ޗައިނާގެ ނުފޫޒު ކުޑަކުރަން އިންޑިއާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާއަކީ، ދިވެހިރާއްޖެއާއި ސްރީލަންކާގެ ޒަމާންވީ ބައިވެރިޔާއެވެ.